ވިޔަފާރި

މަޓާޓޯއިން އޮސްޓްރޭލިޔާ ޑައިވް ފެއާގައި ބައިވުމަށް ފުރުސަތު ދެނީ

May 11, 2017

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އޮސްޓްރޭލިޔާގައި ބާއްވާ "ޑައިވް އެކްސްޕޯގައި" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޓާޓޯއިން ބުނީ އޮސްޓްރޭލިއާގެ ސިޑްނީގައި މި އަހަރުގެ އޮގަސްޓް މަހު ބާއްވާ، އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (އެއިޑް) ގައި ބައިވެރިވުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދޭ ފޯމާއި ފީއާއެކު އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން އެ ޖަމިއްޔާ އަށް ހުށަހަޅަން އެދޭ ކަމަށެވެ.

އޮސްޓްރޭލިއާގައި 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޑައިވް އެކްސްޕޯއަކީ ޑައިވަރުންގެ އިތުރުން ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވާ ފެއާއެކެވެ.

ރާއްޖެއަކީ ދުނިޔޭގައި އޮތް ޑައިވިންއަށް އެންމެ މުހިންމު އެއް މަންޒިލެވެ. ރާއްޖޭގެ ޑައިވް މާކެޓަށް މިހާރު އެންމެ ގިނައިން އަންނަނީ ޔޫރަޕުގެ މީހުންނެވެ. ނަމަވެސް ކުރިން މިއީ ޖަޕާނު މީހުންގެ މެދުގައި މަގުބޫލު މާކެޓެކެވެ.