ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ދެނެގަނެވިފަ ނެއް ކަމަށާއި އެކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބުދުލްއަޒީޒް ޖަމާލް އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ކޮރަޕްޝަނާ ދެކޮޅު ގައުމީ މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައި ޖަމާލު އަބޫބަކުރު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އޮތްކަން މީހުން ގަބޫލު ކުރާކަން ދައްކުވައިދޭ ހިޔާލު ހޯދުމުގެ ސާވޭތަކެއް މިހާތަނަށް ހަދާފައިވާ ކަމަށެވެ. އަދި އެފަދަ ސާވޭތަކަށް މާބޮޑަށް އިތުބާރު ނުކުރެވޭ އިރު ކޮރަޕްޝަން އޮތް މިންވަރު ދެނެގަންނަން ރަނގަޅު ދިރާސާއެއް ބޭނުންވާ ކަމަށް ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކޮރަޕްޝަނުގެ އަމަލު ތަކަކީ މުޖުތަމައުގައި ވަކި ހިތްޕަމުންދާ ނުރައްކާތެރި ބައްޔެއް ކަމަށާއި މިކަމުގެ ސައްހަ ދިރާސާއެއް ކަމާ ބެހޭ ފަރާތްތަކުން ކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
ޖަމާލު ވިދާޅުވީ ކޮރަޕްޝަނުގެ އަމަލެއް ހިންގުމުން އެ އަމަލެއް ހިންގި މީހަކަށް އަދަބު ދިނުމަށްވުރެ ބޮޑަށް ކޮރަޕްޝަންގެ އަމަލެއް ހިންގިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅުން މާ މުހިން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތަކާއި އިންސާނީ ހައްގަކަށް އިސްރާފު ވުން ކުޑަވެގެންދާނެ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށްޓަކައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުން މުހިންމު ކަމަށާއި އެކަމަށްޓަކައި އުސޫލުތަށް ލިޔެވި ތަންފީޒް ކުރެވި ކަންކަން މިގޮތަށް ހިންގާ ގޮތް ބަލާނެ ނިޒާމެއް ގާއިމް ކުރުން މުހިންމު ކަމަށް ޖަމާލު ވިދާުޅުވި އެވެ.
"ވަކި ބައެއްގެ ވިސްނުން ހުންނަ ގޮތަކަށް ނުވަތަ ވަކި ބަޔަކު ނުރުހޭ މީހަކީ އެ ކަން ކުރާ މީހެއް ކަމަށްދެކި ކިތަންމެ ނަން މަޝްހޫރު ތަނަކުން ކުރި ދިރާސާއަކަށް ވީ ނަމަވެސް އެ ދިރާސާ ބަލައިގަންނަން ދަތި" ޖަމާލު ވިދާޅުވި އެވެ. "ދައުލަތުގެ ކޮންމެ އިދާރާ އަކުންވެސް އިސްނަގައިގެން މައުލޫމާތު ހިއްސާ ކުރުމަކީ އަމިއްލަ ޒިންމާ އެއްކަން ދެކެން ޖެހޭ. މިކަމުގެ ސަބަބުން މުޖުތަމައިން ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރު ބަންދު ކޮށްލުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ" ޖަމާލު ވިދާޅުވި އެވެ.
މި މަހާސިންތާގައި ނަޒާހަތްތެރި މުޖުތަމާ އަކަށް މުއައްސަސާތަކުގެ ދައުރު ހަނދާންކޮށްދީ، ކޮރަޕްޝަނުންގެ އަމަލުން ރައްކާތެރިވެފައިވާ ރާއްޖެ އެއް އުފެއްދުމަށްޓަކައި ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކާއި މެދު ވަނީ މަޝްވަރާކޮށްފަ އެވެ.