ބޭރު ކުޅިވަރު

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

Dec 14, 2014

މެންޗެސްޓާ (ޑިސެމްބަރު 14) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި 3-0 އިން މޮޅުވެ، ޔުނައިޓެޑް އިން ލީގުގައި ޖެހިޖެހިގެން ހަ މޮޅު ހަމަކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ދެ ލަނޑުގެ ލީޑަކާއެކު ނިންމާލީ ވޭން ރޫނީ އާއި ހުއާން މަޓާ ޖެހި ދެ ލަނޑުންނެވެ. އަދި ދެވަނަ ހާފުގައި ޔުނައިޓެޑް އިން ތިން ޕޮއިންޓް ކަށަވަރުކުރީ ރޮބިން ވެން ޕާސީ ޖެހި ލަނޑުންނެވެ.

ތާވަލްގެ ތިން ވަނައިގައި އޮތް ޔުނައިޓެޑް ޖެހިޖެހިގެން ހަ މެޗުން މޮޅުވުމަކީ ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މި މެޗުގައި ވެސް ޔުނައިޓެޑްގެ ފަރާތުން "ތަފާތު" ކުޅުމެއް ނުފެނުނު ނަމަވެސް، ބޭނުންވި ނަތީޖާ ޔުނައިޓެޑް އިން ހޯދައިފަ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވުމުގައި ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ދައުރު ބޮޑެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޑެހެއާ ވަނީ ލިވަޕޫލްގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

މި މެޗުން ބަލިވުމަކީ ތާވަލްގެ ނުވަ ވަނައިގައި އޮތް ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް އަށް ކުރިމަތިވި އިތުރު ނުތަނަވަސްކަމެކެވެ. މިދިޔަ ސީޒަންގައި ލިވަޕޫލް ލީގުގެ ރަނަރަޕްގެ މަގާމު ހޯދުމާއެކު، ގިނަ ބައެއްގެ ތައުރީފް ހޯދި ރޮޖާސް އަށް މި ސީޒަންގައި ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މެޗުގެ 12 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލީޑު ހޯދައިދިނީ ކެޕްޓަން ވޭން ރޫނީ އެވެ. ލިވަޕޫލްގެ ޖޯ އެލަން ކައިރިން ނައްޓާލުމަށް ފަހު އެންޓޯނިއޯ ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ރޫނީ ވަނީ އެއް ފަހަރުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.

ޔުނައިޓެޑް އިން ލީޑު ނެގުމުގެ ކުޑަ އިރުކޮޅެއް ކުރިން ލިވަޕޫލްގެ ރަހީމް ސްޓާލިން ވަނީ ރަނގަޅު ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ސްޓާލިން މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ވެސް ސްޓާލިން ފޮނުވާލި ހަމަލާއެއް ޑެހެއާ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 40 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހީ މަޓާ އެވެ. އޭޝްލީ ޔަންގް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ވެން ޕާސީގެ ބޮލުގައި ޖެހިލައިފައި އަމާޒުވީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި މަޓާއަށެވެ. މަޓާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. އެކަމަކު ޔަންގް ހުރަސްކޮށްލި ބޯޅަ ވެން ޕާސީގެ ބޮލުގައި ޖެހުމާއެކު، ލަނޑު ޖެހިއިރު މަޓާ ހުރީ އޮފްސައިޑް މަގާމެއްގަ އެވެ.

މެޗުގެ 52 ވަނަ މިނިޓުގައި ވެސް ސްޓާލިން އަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. ޔުނައިޓެޑްގެ ޑިފެންޑަރު ޖޯނީ އެވަންސް ދިން ބެކް ޕާހެއް ހޯދައި، ޕެނަލްޓީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރެ ގޯލަށް ބޯޅަ ވައްދާލަން ސްޓާލިން އަށް ލިބުނު ނަމަވެސް، ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިވަޕޫލްގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ވެސް ދެވަނަ ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް، ޑެހެއާ ވަނީ ދެ ހަމަލާ ވެސް ދިފާއުކޮށްފަ އެވެ.

ޔުނައިޓެޑް އިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 71 ވަނަ މިނިޓުގައި ވެން ޕާސީ ޖެހި ލަނޑުންނެވެ. މަޓާ މުޅިން ހުސްކޮށްލައިފައި ވެން ޕާސީ އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.