މިއަހަރު ނިމުމުގެ ކުރިން އާ ބިޒްނަސް ސެންޓަރަކާއި އިތުރު ދެ އޭޓީއެމް ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމްކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތްތައް ހުޅުމާލޭގައި އިތުރުށް ފުޅާކުރުމުގެ އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި އިތުރު ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ބަހައްޓާނެ ކަމަށެވެ. މި ޕްލޭންތައް ހާމަކޮށްފައިވަނީ ޓްރީޓޮޕް އިންވެސްޓްމަންޓްސް ގެ ޑިރެކްޓަރު އަހުމަދު ސަލީމްގެ ދައުވަތަކަށް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ބަލާލުމަށް ބީއެމްއެލްގެ އިސްވެރިން ހުޅުމާލެއަށް ކުރި ޒިޔާރަތަކަށް ފަހު އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއަހަރު ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމް ތަކުގެ އަދަދު ދެގުނަ އަށް އިތުރުކޮށް ހަ އެޓީއެމްއެއް މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ގާއިމް ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބިޒްނަސް ސެންޓަރެއް ގާއިމްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެންޑްރޫ ހީލީ ވިދާޅުވި އެވެ.
"ހުޅުމާލޭގެ އާންމުންނަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގައި އޭޓީއެމްއެއް ގާއިމްކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޚާއްސަކޮށް މިފަދަ ރަގަޅު ހޮސްޕިޓަލެއް ގާއިމްކުރުމަށް މާލީ ގޮތުން ބީއެމްއެލް އަދާކޮށްފައިވާ ދައުރުގެ ސަބަބުން މިކަން އިތުރަށް ޚާއްސަ ވެގެންދޭ" އެންޑްރޫ ހީލީ ވިދާޅުވި އެވެ.