ދުނިޔެ

99 ގައުމެއްގެ ކޮމްޕިއުޓަރުތަކަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދީފި

May 13, 2017

ދުނިޔޭގެ 99 ގައުމެއްގެ އެކި އިދާރާތަކުގެ ކޮމްޕިއުޓަރުތަކަށް ވަރުގަދަ ސައިބާ ހަމަލާތަކެއް ދީފިއެވެ. ބީބީސީ ބުނީ ހަަމަލާތައް ދިނީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން އުފައްދާފައިވާ ވައިރަހެއް ބޭނުން ކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ ވައިރަސް ކޮމްޕިއުޓަރަކަށް އަރައިފި ނަމަ އެ ކޮމްޕިއުޓަރުގެ ހުރިހާ ޕްރޮގްރާމްތަކެއް ލޮކް ކޮށްލައެވެ. އަދި އެއަށް ފަހު އެ ކޮމްޕިއުޓަރުތައް އަލުން ހުޅުވުން ބޭނުން ނަމަ ބިޓްކޮއިން ބޭނުން ކޮށްގެން 300 ޑޮލަރު ދިނުމަށް ޑިމާންޑް ކުރެއެވެ.

އެންއެސްއޭއިން އުފައްދާފައިވާ ވައިރަސް ހެކަރުން ތަކެއް ހޯދައި އެ ވައިރަސްތައް އިންޓަނެޓްގައި އާއްމުކޮށްލީ މިދިޔަ އޭޕްރިލްމަހު އެވެ. ވައިރަސްތަކުން ދިފާއުވުމަށް މައިކްރޯސޮފްޓުން ވަނީ މާޗްމަހު ސެކިއުރިޓީ ޕެޗެއް ނެރެފަ އެވެ. ނަމަވެސް އޭގެ ބޭނުން ހިފައި އަޕްޑޭޓްކޮށްފައި ވަނީ މަދު ކޮމްޕިއުޓަރުތަކެކެވެ.

އެމެރިކާ، ޗައިނާ، ރަޝިޔާ، ސްޕެއިން، އިޓަލީ އަދި ޓައިވާންގެ ކޮމްޕިއުޓަރުަތަކަށް ވައިރަސް އަރާފައި ވާއިރު ހަމަލާގެ އެންމެ ބޮޑު ގެއްލުންތައް ލިބިފައި ވަނީ ރަޝިޔާއަށެވެ.

ކޮމްޕިއުޓަރުތަކަށް ސެކިއުރިޓީގެ ހިދުމަތްދޭ އަވާސްޓް އިން ބީބީސީއަށް ބުނެފައި ވަނީ "ވޮނަކްރިޕްޓް" ނުވަތަ އެއާ ގުޅޭ ނަންތައް ދީފައިވާ ރޭންސަމްވެއާ އެއްގެ އަސަރު 75000 ކޮމްޕިއުޓަރަކަށް ކޮށްފައިވާ ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ކޮމްޕިއުޓަރުތަކަށް ދިން ހަމަލާއަކީ ގުޅިފައިވާ ހަމަލާއަކަށް ވެދާނެ ކަމަށެވެ. ނަމަވެސް އެ ހަމަލާތަކަކީ ކޯޑިނޭޓް ކޮށްގެން ދިން ހަމަލާތަކަށް ނުވެދާނެ ކަަމަށެވެ.