ހަބަރު

ބެލްޓް އެންޑް ރޯޑް ފޯރަމަށް ތައްޔާރު، ރާއްޖޭގެ އުންމީދު ވަރަށް ފޮނި

  • ރާއްޖޭގެ އިގްތިސާދީ ބަދަލު ބޭރަށް ބުނެދެވޭނެ
  • ސިލްކް ރޫޓް މަޝްރޫއުގެ މުހިންމު ނިންމުންތަކެއް ނިންމާނެ
  • މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މަޝްވަރާ ކުރާނެ

ގަދީމީ ޒަމާނުގައި ޗައިނާއާއި އޭޝިއާ، އަދި ޔޫރަޕް ގުޅުވާލުމަށް އެހީވެދިން "ސިލްކް ރޫޓް" އަލުން އިއާދަކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ އިސްނެންގެވުމެއްގެ މަތިން ޗައިނާ ސަރުކާރުން ފެށި 21 ވަނަ ގަރުނުގެ ސިލްކު ރޯޑް މަޝްރޫއާއި އެއާއި ގުޅިފައިވާ "ވަން ބެލްޓް ވަން ރޯޑް" ޝިއާރުގެ ދަށުން ބާއްވާ އެންމެ ބޮޑު ފޯރަމުގެ ތައްޔާރީތައް ޗައިނާއިން ނިންމާލައިފި އެވެ. ސަތޭކަ ތިރީހަށްވުރެ ގިނަ ގައުމުން ފަންސަވީހަށްވުރެ ގިނަ ވެރިންނާއި ހަތަރު ހާހަށްވުރެ ގިނަ މެންބަރުން ބައިވެރިވާ އެ ފޯރަމް ވެރިރަށް ބެއިޖިންގައި މާދަމާ ފަށާނެ އެވެ.

ބައެއް އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އޭޝިއާ ސަރަހައްދުގެ އިގްތިސާދީ ޖައްވުގެ ކުލަ މުޅިން ބަދަލުކޮށްލާނެ އަގުބޮޑު މަޝްރޫއަކަށް "ބެލްޓް އެންޑް ރޯޑް" ވެފައިވާއިރު، މާދަމާގެ ފޯރަމާ ވިދިގެން އެކި ގައުމުތަކުން ކުރާ އުންމީދު ވަރަށް ބޮޑެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ގައުމު ތަކުގެ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މައްޗަށް ބެލްޓް އެންޑް ރޯޑުގެ ދަށުން ޗައިނާއިން ބާރުއަޅާ މިންވަރު ބޮޑުވުމެވެ. 2014 ވަނަ އަހަރު ހިނގައިގަތް މި މަޝްރޫއުގެ ދަށުން ޗައިނާއިން ވަނީ މިހާތަނަށް ވިހި ގައުމެއްގައި 50 ބިލިއަން ޑޮލަރާއި ގާތަށް އިންވެސްޓްކޮށްފަ އެވެ. ބެލްޓް އެންޑް ރޯޑް ކުޑައިގެ ދަށުން ޗައިނާއިން ކުރި އިންވެސްޓްމަންޓް ރާއްޖެއަށްވެސް އައިސްފައިވާއިރު ކުރިއަށް އޮތް ދެދުވަހުގެ ފޯރަމާ މެދު ރާއްޖެއިން ކުރާ އުންމީދުވެސް ބޮޑެވެ. –ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްސްޓެންޝަން ޕްރޮޖެކްޓަކީ މި ކުޑައިގެ ދަށުން ހިނގާ ދެ ޕްރޮޖެކްޓެވެ.-

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ ބެލްޓް އެންޑް ރޯޑް ފޯރަމް ވެގެންދާނީ ރާއްޖޭގެ އިގްތިސާދު ހިނގަމުން އައިގޮތް ބަދަލުކޮށް އިގްތިސާދީ ހިނގުން ހަރުދަނާކުރުމަށް ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ މަސައްކަތްތައް އެތަކެއް ގައުމެއްގެ އިސް ވެރިންގެ މެދުގައި ހިއްސާކުރުމަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ. އިގްތިސާދު ފުޅާކުރުމަށް ޗައިނާ އާއި އިންޑިއާ މިޑްލްއީސްޓްގެ ގައުމުތަކުން ބޭނުންވާ އެހީއާ އެއްބާރުލުން ހޯދުމަށް ކުރާ މަސައްކަތުގައި ފޯރަމް ވަރަށް ބޮޑު ބާރެއް ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އިގްތިސޯދީ ބަދަލު ގެންނަން އަޅުގަނޑުމެން ރާވާފައިވާ ބޮޑެތި މަޝްރޫއުތައް ކިޔާދޭން. އުންމީދުކުރަނީ ޕްރޮޖެކްޓްތައް ކިޔާދެވުނީމަ އެބޭފުޅުންނަށްވެސް އެނގިގެންދާނެ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ގާބިލުކަން ހުރި ގައުމެއްކަން. ދެން ޖިއޮގުރަފީގޮތުން ވެސް ރާއްޖެއަކީ ވަރަށް ރަނގަޅު ހިސާބެއް އިންވެސްޓް ކުރަން. ދެތިން ގަޑި އިރުގެ ރާސްތާއެއްގައި އަޅުގަނޑުމެން ވަށައިގެން މިތިބީ އިންޑިއާ ޕާކިސްތާން ފަދަ ބޮޑެތި ގައުމުތައް. އެހެންވީމަ ރާއްޖޭގެ އިގްތިސޯދީ ޒޯނެއް ގާއިމްވެގެން ދިއުމަކީ އެ ގައުމުތަކަށްވެސް ފަސޭހަ އެކްސެސް އަކަށް ވާނެ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވަނީ ޗައިނާއާއި އަދި އެނޫންވެސް ގައުމުތަކާއެކު އިގްތިސާދު ހަރުދަނާކުރުމަށް ބާއްވާ ގުޅުންތަކަށް އިހުތިރާމްކުރުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.

ފޯރަމާ ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން ޗައިނާގެ އިގްތިސޯދު ދިރާސާކުރާ މާހިރެއް ކަމަށްވާ ޕްރޮފެސާ ޒާއޯ ކެޖިން ވިދާޅުވީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މަގްސަދަކީ ހަމައެކަނި އިގްތިސޯދީ ނަފާ ހޯދުމަށް ގައުމުތަކަށް އެހީވުން ނޫން ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިންވެސްޓްކޮށް ތަރައްގީކުރަން ބޭނުންވަނީ ސަރަހައްދުގެ ހަމަޖެހުމާއި އިހުތިރާމް ހޯދައި، ގުޅިފައިވާ މަސައްކަތުގެ މާހައުލެއް މެންބަރުންގެ މެދުގައި ގާއިމްކުރުމަށް ކަމަށްވެސް ޒާއޯ ވިދާޅުވި އެވެ.

"ރަނގަޅު، ކޮންމެ އިންވެސްޓްމަންޓަކީވެސް ބަދަލުގައި ފައިދާ އަށް އުންމީދު އޮންނާނެ އިންވެސްޓްމަންޓެއް. އެކަމަކު އެ ފައިދާ އަކީ އަބަދު ފައިސާ އެއް ނޫން. ކޮންމެ ގައުމަކީ ވެސް ތަފާތު ގައުމެއް. އެކަން ޗައިނާއިން ބަލައިގަންނަން. އަޅުގަނޑުމެން ދީންތަކަށް އިހުތިރާމްކުރަން. ސަގާފަތަށް އިހުތިރާމް ކުރަން. ގައުމު ކިތަންމެ ކުޑަޔަކަށް ކުދި ގައުމުތަކަށްވެސް ކޮންޓްރިބިއުޓް ކުރެވޭނެ ކަމަށް ގަބޫލުކުރަން،" ޒާއޯ ވިދާޅުވި އެވެ. އެހެންކަމުން "ބެލްޓް އެންޑް ރޯޑް" އުންމީދީ ސިފައެއްގައި ބަލައިގަތުމަށް ޒާއޯ ވެސް ވަނީ އިލްތިމާށްކުރައްވާފަ އެވެ.

މާދަމާގެ ފޯރަމަށް މިނިސްޓަރު ސައީދު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި މިއަހަރު ތެރޭގައި ޗައިނާއާ އެކު ރާއްޖެއިން ސޮއިކުރުމަށް ނިންމާފައިވާ ފްރީޓްރޭޑް އެއްބަސްވުމުގެ މަސައްކަތްތައް އިތުރަށް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރުމަށް ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ އިސްވެރިންނާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާގެ ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އިކޮނޮމިކް ޑޮވޮލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދެވެ. އެމަނިކުފާނާއެކު ފައިސަލް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ފޯރަމްގައި ބައިވެރިވާ ރައީސުންގެ ތެރޭގައި ރަޝިއާ، އިންޑޮނޭޝިއާ، ލާއޮސް ޕިލިޕީންސް، އާޖެންޓީނާ، ޗިލީ ފަދަ ގައުމުތަކުގެ ރައީސުން ހިމެނެ އެވެ. ފޯރަމްގައި އެމެރިކާ އާއި ދެކުނު ކޮރެއާގެ ވަފުދެއް ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.