ހަބަރު

ރައީސް މަގާމުން ދުރުކުރާނެ ކަމަށް ބުނުމުން ނަޝީދަށް އަދުރޭގެ ހޫނު ރައްދެއް

May 13, 2017
13

ވެރިކަމުން އިސްތިއުފާދީ ގައުމުން ފިލި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމުން ދުރު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ރައްދުވެއްވައިފި އެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ރާއްޖެ ޓީވީ އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި، އިންތިހާބުގެ ބަލި ގަބޫލު ނުކޮށްފިނަމަ މަޖިލީހުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރާނެ ކަމަށް ވިދާޅުވުމުން ނެވެ.

އެއަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ކުރި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ގައުމު ދޫކޮށް އަވައްޓެރި ގައުމެއްގައި ތިބެ ވެރިކަމާ ހެދި ތޮޅުމަކީ، ގޯވާ އަށް ދިޔަ ހަސަން ރަސްގެފާނުގެ މިސާލު ކަމަށެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީން އަށް ވެެރިކަން ދިނީ ނަޝީދު ނޫން ކަމަށާއި ވެރިކަމަކީ ﷲ ތައާލާ ދެއްވާ އެއްޗެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ 2013 ވަނަ އަހަރު ރައްޔިތުންވަނީ ރައީސް ޔާމީން އަށް އާނއެކޭ ބުނެފައި ކަމަށާއި 2008 އަދި 2001 ވަނަ އަހަރު ރައްޔިތުން ނޫނެކޭ ބުނެފައިވަނީ މިހާރުގެ އިދިކޮޅު އިއްތިހާދަށް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުން މަޖިލިސް އަލުން ހުޅުވުމާ އެކު މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުުރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގޭ ވަރަށް ސޮއި ހަމަކުރެވޭނެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ބޭނުންވާ 54 މެންބަރުން ވެސް ހަމަ ކުރެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.