ވިޔަފާރި

ދާލު އެއާޕޯޓް އާއްމުންނަށް ދައްކާލައިފި

May 13, 2017
7

ދ. ކުޑަހުވަދޫ ފަޅުން ބައެއް ހިއްކައި ތަރައްގީ ކޮށްފައިވާ ދާލު، އެއާޕޯޓް ނިމި، އާއްމުންނަށް އިއްޔެ ދައްކާލައިފި އެވެ.

ދާލު، އެއާޕޯޓް ތަރައްގީ ކުރާ ރިއޯލޯ ގްރޫޕްގެ ސީއީއޯ މުހައްމަދު ހަލީލް "އަވަސް" ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ހުރީ ބައެއް ކުދިކުދި މަސައްކަތްތައް ކަމަށެވެ. އަދި އެއާޕޯޓް އިއްޔެ އާއްމުންނަށް ދައްކާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުރިހާ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ. މިހާރު ބާކީ އޮތީ ބައެއް ލީގަލް މަސައްކަތްތައް ކުރަން،" ހަލީލް ވިދާޅުވި އެވެ.

ދާލު އެއާޕޯޓު ހުޅުވަން މަސައްކަތް ފަށާފައިވާއިރު، އިއްޔެ ވަނީ ސްކޫލް ކުދިންނާއި ޓީޗަރުން އަދި ބައެއް އާއްމުންނަށް އެއާޕޯޓުގެ މުހިންމު ތަންތަން ދައްކާލާފަ އެވެ. މި އެއާޕޯޓް ހިންގާ ދާލު ހޯލްޑިންގް އިން ދަނީ މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރު ވަމުންނެވެ.

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީ ކޮށްފައިވާ، މި އެއާޕޯޓަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީ ކޮށްފައިވާ އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށް ވާނެ ކަމަށް އެއާޕޯޓު ހިންގާ، ކުންފުނިން ބުނެފައިވެ އެވެ. މި އެއާޕޯޓް ތަރައްގީ ކުރުމަށް ކުޑަހަދޫގެ ބިމުން 64 ހެކްޓަރުގެ ހިއްކާފައިވެ އެވެ. ދާލު އެއާޕޯޓް ހިންގާނީ ކުންފުނިން، އެއާޕޯޓާއެކު އެ އަތޮޅު ކަނޑިންމާގައި 275 ކޮޓަރީގެ ރިސޯޓެއް ހުޅުވަން ވެސް ދަނީ ތައްޔާރު ވަމުންނެވެ.