ކުޅިވަރު

ނިޒާމް ބަސްހުއްޓުވާލީ ކޮންކަމެއް؟

ރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ޕޯސްޓް މެޗު ޕްރެސްކޮންފަރެންސްގައި ޓީސީގެ ކޯޗް މުހައްމަދު ނިޒާމްގެ ފަރާތުން ފެނުނީ ހަނު ހިމޭންކަމެވެ. އާންމުގޮތެއްގައި، މީޑިއާ ރައްޓެހި، ނޫސްވެރިންނާ ގާތް ގުޅުމެއްބާއްވާ ކޯޗުގެ ފަރާތުން ހިމޭން ކަމުގެ އަސަރު ފެނުމުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުލިބުމުން، ބައެއް ނޫސްވެރިންނަށްވެސް ހައިރާންކަން ލިބުނެވެ.

މިއަދު ދިމާވި ބައެއް އާންމުންގެ ފަރާތުންވެސް އެ ސުވާލު ފެންމަތި ކުރި އެވެ. ނިޒާމް ބަސްހުއްޓުނީ ކޮންކަމަކާ ހެއްޔެވެ. ނިޒާމް ހިމޭކަން އިހްތިޔާރު ކުރުމުގެ މާނައެއް ހޯދަން މަސައްކަތް ކުރުމުގެ ގޮތުން، އޭނާ ކުރިން ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯތައް އަލުން ރިވައިންޑް ކޮށްލީމެވެ. ފާހަގަވި އެއްކަމަކީ، ފުޓްބޯޅައިގެ އިންތިޒާމްތަކަށް ހުރި ހުރަސްތަކުގެ ސަބަބުން ފުޓްބޯޅައަށް އަސަރު ކުރާކަން ފާހަގަކޮށް އެވާހަކަ އެންމެ ގިނައިން ދެއްކި ކޯޗަކީ ނިޒާމް އެވެ. ހާއްސަކޮށް ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަބަބުން، ފުޓްބޯޅަ ކުރިއެރުމަށް ޓީމުތަކުންނާއި ކޯޗުން ކުރަމުންގެންދާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން، އެތައް މުނާސަބެއްގައި ތަކުރާރުކޮށް ނިޒާމް ފާހަގަ ކޮށްފައިވެ އެވެ.

"ކުޅުންތެރިން އެވަރަށް ސީރިއަސް ވެގެން، ކުލަބުތަކުން އެވަރަށް ސީރިއަސް ވެގެން، ދެންތިބި ބަޔަކު އެވަރަށް ސިރިއަސް ވެގެން މިއަށް އެތައް ބައިވަރު ލާރި ތަކެއް ހަރަދު ކޮށްގެން ކުރިއަށްދާއިރު، ރެފްރީންގެ ފަރާތުން މިއީ ޖޯކަކަށް ހެދީމަ ރަނގަޅެއް ނުކުރެވޭނެ،" ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކަންބޮޑުވުންތަކާއެކު ނިޒާމް ބުނެފައިވެ އެވެ.

ތަކުރާރުކޮށް އެވާހަކަތައް ދެއްކި ނަމަވެސް، ރެފްރީންގެ ފަރާތުން އެކަމަށް ކުރިއެރުމެއް ނުލިބޭކަން، މެޗުތައް ބަލާލުމުން ފާހަގަވެ އެވެ. މެޗު ލަސް ކުރުމުން ވަކި ކުޅުންތެރިޔަކަށް ނުވަތަ ވަކި ޓީމަކަށް ފިޔަވަޅު އަޅާފައި، ވަކި ޓީމަކަށް ފިޔަވަޅު ނާޅާކަން، ޓީމުގެ ބެންޗުގައި ހުރެފައި، ނިޒާމް ތަކުރާރުކޮށް ފާހަގަ ކުރެ އެވެ.

ހަގީގަތުގައިވެސް، ރެފްރީންގެ ސުވާލު އުފެދޭ ނިންމުންތަކުގެ ސަބަބުން، އެކަމުގެ އަސަރުތައް ގޭމް ޕްލޭންތަކަށް ނުކުރެއެކޭ ބުނުމުގެ ފުރުސަތެއް ނެތެވެ. އަދި މީގައި ފާހަގަވާ އެެހެން ކަމެއް އެބައޮތެވެ. ވަކި މެޗެއްގެ ރެފްރީކަން ކުރަން ނެރޭ ރެފްރީންނާ ބެހޭގޮތުން، ކޯޗުންގެ ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް، ހަމަ އަނެއް ދުވަހު އެ ޓީމު ކުޅޭ އަނެއް މެޗަށްވެސް، ހަމަ ކުރީ މެޗުގައިވެސް ނެރޭ އޮފިޝަލުން ނެރެ، އެއް މައްސަލަތަކެއް ތަކުރާރު ކުރެ އެވެ. ނުވަތަ ވެއެވެ.

ރެފްރީންގެ މައްސަލައިގައި، ކަންބޮޑުވުން ހުރި ނިޒާމްގެ އެކަންޏެއް ނޫނެވެ. ނިއުރޭޑިއަންޓްގެ ކޯޗް ބެނަޑޯ ޓެވަރޭސް އާއި މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީގެ ކަންބޮޑުވުންވެސް އެބަހުއްޓެވެ. ނިއުގެ ކޯޗް ޓެވަރޭސް ބުނެފައި ވަނީ، ރާއްޖޭގެ މެޗުތަކުގެ ރެފްރީންގެ ނިންމުުންތައް މިގޮތަށް ހުންނަނަމަ، އިންޓަނޭޝަނަލް މެޗުތަކުގައި ދިވެހި ކުޅުންތެރިންނަށް އުނދަގޫ ވާނެ ކަމަށެވެ.

މުޅި ސީޒަންގައި ދިވެހި ރެފްރީންގެ ޑިސިޝަންތަކުން ކުޅުންތެރިން ތިބޭނީ ދިވެހި ރެފްރީންގެ އެ މައްސަލަތަކަށް އާދަ ވެފަ އެވެ. ޑޮމެސްޓިކް ލީގް މެޗުތަކުގައި، ކުޅުންތެރިން ކުރާ ބައެއް ޗާޖުތަކަށް ރެފްރީން އަޅާ ނުލި ނަމަވެސް، އިންޓަނޭޝަނަލް މެޗުތަކުގައި އެއާ ތަފާތު ވާނެ އެވެ. މުލީ ސިޒަންގައި ދިވެހި ރެފްރީންގެ ފަރުވާ ކުޑަ ނުވަތަ އަޅާނުލާ ތިބޭ ނިންމުތަކުގެ މަހައުލަށް ހޭނިފައި ތިބުމަށްފަހު ދެން އިންޓަނޭޝަނަލް މުބާރާތްތަކާ ކުރިމަތިލާއިރު އުނދަގޫތަކެއް ދިވެހި ކުޅުންތެރިންނަށް ހުންނާނެ ކަމަށް ޓެވަރޭސް ބުނާ ބުނުމުގައި ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުއްޓެވެ.

ބައެއް ޕްރެޝާ މެޗުތަކަށް ނެރޭ ރެފްރީންގެ ފަރާތުން ފާހަގަ ކުރެވޭ އަނެއް ކަމަކީ، ސާފުކޮށް އެނގޭ ފައުލުތަކުގައިވެސް ދައްކަންވީ ކޮޅެއް ނޭންގިފައި ތިބޭ ކަމެވެ. އަދި ނަގަންޖެހޭ އެންމެ ރަނގަޅު ދަނޑިވަޅުގައިވެސް ނިންމުންތައް ނަގަން ނޭންގިފައި ތިބޭކަން ފާހަގަ ކުރަން ޖެހެ އެވެ. ދިވެހި ފުޓްބޯޅަ ކުރި އަރާނީ، ރެފްރީންވެސް އޭގެ ޝާމިލު ވެގެންނެވެ. ރެފްރީން ރެފްރީންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކުރަން ޖެހެ އެވެ.

ރޭ ގެ މެޗުގައި ރެފްރީންގެ ނިންމުންތަކާ މެދުވެސް ބެންޗުގައި ހުރެ އެޕީލް ކުރުމާއި އަދި ނިޒާމްގެ ކުރީގެ ވާހަކަ ތައް، ރިވޭންޑްކޮށްލުމުން، ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުގައި ނިޒާމް ހިމޭން ވެފައި ހުރުމުގެ ސަބަބު ކަމަށް އަޅުގަނޑަށް ކުރެވޭ ތަރުޖަމާއަކީ މިއެވެ. ނިޒާމްގެ "ހަނުން ހިމޭން މެސެޖުން" ބުނާ ކަހަލަ އެވެ. ރެފްރީންގެ ކަންކަމާ މެދު ވާހަކަ ދެއްކިއްޖެ އެވެ. ހައްލެއް ނުލިބުނެވެ.

މިތަރުޖަމާއަށް ބުރަވެ ހުރެ، ރެފްރީންގެ ގޯސްނިންމުމްތަކާއި، އެކަށީގެންވާ ދަނޑިވަޅުގައި ފިޔަވަޅު ނޭޅުމާއި، ފިޔަވަޅު އަޅަން ފަސް ޖެހުމުގެ އަމަލުތައް ތަކުރާރު ވާނަމަ، ކުރިއަށް އޮތްތަނުގައި ހިމޭން ވާނީ ނިޒާމް އެކަންޏެއް ނޫނެވެ. މާދަމާ އެހެން ޓީމުތަކުގެ ކޯޗުންވެސް ހިމޭން ކަން އިހްތިޔާރު ކުރުމުގެ ފުރުސަތު އެބައޮތެވެ.