ދެހާސް އަށްވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްބޯޅައިގެ "ރަން ޓީމެ" އެވެ. ފުޓްބޯޅައިގެ ހުނަރާއި ޑިސިޕްލިންއަށް ބަލާއިރު، އެ ޓީމު ރިޕްލޭސް ކުރެވޭ ވަރުގެ ޓީމެއް މިދޔަ ނުވަ އަހަރު ތެރޭ އުފެދިފައެއް ނުވެއެވެ. ރަން ކާމިޔާބާ ހަމަޔަށް، ދިވެހިން ގެންގޮސް ދިނުމުގައި، ރާއްޖޭގެ ޑިފެންސިވް ލައިންގައި އެންމެ މުހިންމު ރޯލެއް އަދާ ކުރި ކުޅުންތެރިޔަކީ، އަހްމަދު ސައީދު (އަންމަޓީ) އެވެ.
ރާއްޖޭގެ އެންމެ ޓޮޕް ލެވަލުގައި ކުޅުން ހުއްޓާލިއަސް އަންމަޓީގެ ހިދުމަތް ދިވެހި ފުޓްބޯޅައިން ފަނޑު ނުވާނެކަން، މިހާރު ކުރިއަށްދާ މިނިވަންޗެމްޕިއަންޝިޕްގައި ފުޓްބޯޅަ މުބާރާތުގައި ސ. ފޭދޫ ޓީމުން އެކަނިވެސް ފާހަގަ ވެއެވެ. ރަށު ޓީމަށް ކާމިޔާބު ހޯދައިދޭން، އަންމަޓީ ނިކުތީ އޭނާ އެކަންޏެއް ނޫނެވެ. އޭނާ ނިކުތީ އޭނާގެ ދަރިފުޅު، ސަޔަމް ސައީދު ވެސް ގޮވައިގެނެވެ. ފޭދޫ ޓީމުގައި އަންމަޓީ އާއި ސަޔަމް އަކީ ދެ ތަރިން ނެވެ. އަންމަޓީގެ އުންމީދަކީ އޭނާ ފަދައިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ދަރިފުޅު ވެސް ކުޅުމެވެ.
"އަޅުގަނޑު މިހާރުވެސް ބުނަން ދަރިފުޅުގާތު މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވެވޭނީ ގިނަ ގުރުބާނީތަކެއް ވެގެންނޭ، އަޅުގަނޑު ބުނަން ހާއްސަކޮށް ރަނގަޅަށް ނިދުމަކީ ވަރަށް މުހިންމު ކަމެއްކަން، އެ އެމުރުގައި ތަންކޮޅެއް ނިދުމާ ދުރުވާނެ ނަމަވެސް، އެކަން ދަރިފުޅަށް އާދަ ކުރުވަން ވަރަށް ބާރު އަޅަން،" ކުރީގެ އެއް ވަނަ ވާތު ބެކް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބު ކުރި ގައުމީ ޓީމުގެ ކުޅުންތެރިންނާމެދު ދިވެހިން ދެކެނީ ބަތޮލުންތަކެއް ފަދައިން ނެވެ. ކޮންމެ ޒުވާން ކުޅުންތެރިޔަކު އެ ކާމިޔާބު ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދެވިދާނެ ކަން އަމްޓީ ގަބޫލު ކުރެއެވެ. އޭނާގެ ދަރިފުޅަށްވެސް އަންމަޓީ ދައްކަނީ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި ކާމިޔާބު ހޯދަން ކުރި ބުރަ މަސައްކަތެވެ.
"ދަރިފުޅަށް އެ ހުރިހާ މަންޒަރެއް ފެންނާނެ، އެއީ އެދުވަހު އޭނަވެސް އިން މެޗު ބަލަން، އެ އިހްސާސް ކުރެވޭނެ، ބުރަ މަސައްކަތުން ކަން ކާމިޔާބު ހޯދޭނީ." އަންމަޓީ ބުންޏެވެ.
ފޭދޫ ޓީމުގެ ހަމަލާތަކުގައި އަރިމަތިން އަންމަޓީ ބައިވެރިވާއިރު ފޯވަޑް ލައިގައި ހިއްސާ ވަނީ ދަރިފުޅު ސަޔަމް އެވެ. ގުރޫޕް ސްޓޭޖުގައި، މަރަދޫ ފޭދޫ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި، ސަޔަމް ވަނީ، ބައްޕަ ދިން ޕާހަކުން ލަނޑުވެސް ޖަހާފަ އެވެ.
މި އަހަރު ޑިސެމްބަރު މަހު، 17 އަހަރު ފުރޭ ސަޔަމްއާ ބެހޭގޮތުން، ފޭދޫ ޓީމުގެ ކޯޗް އަލީ ސަރީރް (ޕީޓާ) ބުނީ، ސަޔަމް އަކީ ފޭދޫއިން އުފެދޭނެ ދެވަނަ އަންމަޓީ އަށް ވެގެންދާނެ ކަމަށެވެ.
"ސަޔަމްއަކީ ވަރަށް ޑިސިޕްލިން ކުޅުންތެރިޔެއް ބުނާ ގޮތް ހަދާ ކުޅުންތެރިންޔެއް، ހަމަ އަންމަޓީ ގޮތަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް، އެއީ ރާއްޖޭގެ ކުރިމަގު އޮތް ކުޅުންތެރިޔެއް އަންމަޓީ ގޮތަށް، ރާއްޖެއަށް ކާމިޔާބު ގެނެސްދޭނެ ފޭދޫގެ ދެ ވަނަ އަންމަޓީ އަކަށް ވާނީ ސަޔަމް، މިހާރު ފޭދޫގެ އެއް ވަނަ ކުޅުންތެރިޔަކަށް ވާނެ، ޓީސީއަށް ކުޅެމުންދާ އިބްރާހިމް މަހްދީ ހުސައިން [ހަބޭސް އިއްބެ] އިއްބެ ނަގާފަ މިހާރު މިރަށުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ސަޔަމް މިއީ އުމުރުގެ ގޮތުން ދެ އުމުރުގެ ދެ ކުޅުންތެރިން." ފުރަތަމަ ޑިވިޝަންގައި އައިއެފްސީ އާއި ވިކްޓަރީ އަދި ވެލެންސިއާއަށް ވެސް ކުޅެފައިވާ ޕީޓާ ބުންޏެވެ.
ފޭދޫ ޓީމުގެ ފޮޓޯއެއްގައި އަމްޓީ އާއި ސަޔަމް ވަކި ފާހަގަ ކޮށްފައިވާ ފޮޓޯ ފޭސްބުކްގައި ހިއްސާ ކުރުމަށްފަހު، ޓީސީގެ ކޯޗް ފޭދޫއަށް އުފަން މުހައްމަދު ނިޒާމް ބުނެފައި ވަނީ އަމްޓީ އާއި ސަޔަމްގެ މަސައްކަތަށް ސާބަސް ދޭ ކަމަށެވެ.
"ތި ދެބަފައިންނާ މެދުވެސް އަހަރެން ފަހުރުވެރިވޭ، ސަޔަމްގެ ނަމޫނާއަކަށް ބައްޕަ ފުދޭ އަހަރެން ބުނާނީ ބައްޕައަށް ވާށޭ ބައްޕަގެ ފިޔަވަޅު މަތީގައި ހިނގައިގެން ކުރިއަށްދާށޭ، ބައްޕަގެ ފުޓްބޯޅައިގެ ތަޖުރިބާއިން ކަންކަން ދަސް ކުރާށޭ، ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅައިގައި ސާބިތުވުމަން އެކަންކަމުން އެހީ ތެރިވެވޭނެ." މިދިޔަ ސީޒަންގައި ރާއްޖޭގެ އެއް ވަނަ ކޯޗްގެ އެވޯޑް ހޯދި ނިޒާމް ބުނެފައި ވެއެވެ.
މިއީ ސަޔަމް އަށް އެއް ވަނަ ކޯޗް ނިޒާމްގެ ފަރާތުން އޮތް އިރުޝާދެވެ. ބައްޕަގެ އަތުގައި ހިފައިގެން ބައްޕަގެ ތަޖުރިބާގެ އަލީގައި ސަޔަމްއަށް ވަނީ ފުޓްބޯޅައިގައި ކާމިޔާބު ހޯދަން ފުރުސަތު ލިބިފައެވެ. ރަނގަޅު ބައްޕައެއްގެ ނަމޫނާ ދަރިފުޅަށްޓަކައި ފުދެ އެވެ.