ރޯދަ މަހާ ރޯއްޖާ

ރޯދައަށް އެސްޓީއޯ ކިހާ ތައްޔާރެއް؟

May 14, 2017
1

ރޯދަ މަސް ފެށޭއިރު "ހޯމް އިމްޕްރޫވްމަންޓް ރަމަޒާން ބާޒާރު" ނެތްނަމަ އެ ފަޅުކަން ފިލުވައެއް ނުދެވޭނެ އެވެ. ރަމަޒާން ބާޒާރާއެކު އެސްޓީއޯ ފުރެނި އެހެންވެގެންނެވެ. އަގު ހެޔޮކޮށް ސާމާނު ވިއްކާކަން މީހުން ބަލައި ގަނެވެ. މިއީ ކުޑަ މިސާލެކެވެ. ދެން އޮތީ ރޯދަ މަހުގެ މުހިންމު ބާވަތްތަކެވެ. ކޮންމެ އަހަރަކު ވެސް އެސްޓީއޯ އިން ރޯދަ އަށް ބާވަތްތައް ގެނެ އެވެ. ސުވާލަކީ މި އަހަރު ރޯދަ މަހަށް އެސްޓީއޯ ކިހާ ތައްޔާރެއް ބާ އެވެ؟

"މި އަހަރުވެސް އެސްޓީއޯއިން މިދަނީ ތައްޔާރު ވަމުން. އަޅުގަނޑުމެންގެ އެކަމަށްޓަކައި މުހިންމު ބާވަތްތައް އެތެރެ ކުރާނެ،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި އެވެ.

ރޯދަ މަހު އެންމެ ބާރު ބޮޑުވާ އެއް ބާވަތަކީ، ފިޔާ، އަލުވި އަދި ބިހެވެ. ކެއުމުގެ ގިނަ އެއްޗިހި ތައްޔާރު ކުރަން އަޅާ މި ބާވަތްތައް ގަންނަން އެންމެން ދުއްވައި ގަންނަނީ އެހެންވެ އެވެ. މި ސަބަބާހުރެ މި ބާވަތްތަކުގެ އަގުވެސް މަތިވެ އެވެ. ނަމަވެސް މި އަހަރު އެސްޓީއޯ އިން ވަނީ ދުރާލާ މި ކަމަށް ފުރިހަމައަށް ތައްޔާރުފެ އެވެ. ހާއްސަކޮށް ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް ހާއްސަ ފިޔަވަޅު ތަކެއް މިވަނި އަޅާފަ އެވެ. މިގޮތުން ބާޒާރުގައި މި ބާވަތްތައް ހުރި އަގުގައި ގެނެސް މިވަނީ ވިއްކަން ފަށާފަ އެވެ. އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 170ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 270ރ. އަށެވެ. ވަކިން ވިއްކަނީ 1.50ރ. އަށެވެ. މީގެ އިތުރުން އަލުވި ބަސްތާއެއް 220ރ. އަށެވެ.

ބާޒާރުގެ އާއްމު އަގުތަކަށް ބަލާއިރު، މިހާރު މި ބާވަތްތައް އުޅެނީ ގާތްގަނޑަކަށް މިއަގުގަ އެވެ. ފިޔާ ބަސްތާއެއްގެ އަގު ހުރީ 160-170ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެއީ ފިޔާ ކިލޯއެއް ގާތްގަނޑަކަށް 9ރ. އާއި 10ރ. އަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ހުރީ 220-250ރ. ގަ އެވެ. އަދި ބިސް ކޭހެއް ލިބެން ހުރީ 270ރ. އަށެވެ.

ދެން އުފެދޭ ސުވާލަކީ އެސްޓީއޯއިން ބާޒާރާ އެއް އަގެއްގައި މި ބާވަތްތައް ވިއްކަނީ ކީއްވެގެން ބާ އެވެ؟ އަދި މި ބާވަތްތައް އަގު ހެޔޮކޮށް ލިބެން ހުންނާނީ ހަމައެކަނި އެސްޓީއޯގެ ފިހާރަތަކުންބާ އެވެ؟

އެސްޓީއޯގެ ސީނިޔަ ޖެނެރަލް މެނޭޖަރު ފާތުމަތު އާޝާން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލު ބަލާނެ ކަމަށާ ޕާޓްނަރު އެހެން ފިހާރަ ތަކުން ވެސް އެސްޓީއޯއާ އެއް އަގުގައި ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފިޔާ އަލުވި އަދި ބިސް ގެނައުމުގެ ކުރިން އަޅުގަނޑުމެންނާ ޕާޓްނަރު ފަރާތްތަކާ ވާހަކަ ދެއްކިން. އެގޮތުން އަޅުގަނޑުމެން ގަބޫލުކުރަނީ ބޮޑެތި ފިހާރަތަކުގައި ލިބެން ހުންނާނެ ކަމަށް. މިނޫން އެހެން ބާވަތްތަކުގެ ޑިމާންޑް ވެސް މަތި. އެހެންވެ އެ ފަރާތްތަކާ ގުޅިގެން ޕާޓްނާޝިޕް އުސޫލުން މިދަނީ،" އާޝާން ވިދާޅުވެފައިވެ އެވެ.

އެސްޓީއޯ އިން ހާއްސަ ރޭވުމެއްގެ ދަށުން، ރޯދައަށް މި ބާވަތްތައް ގެނެސް ވިއްކާއިރު، މުޅިރާއްޖެއަށް މި ބާވަތްތައް ސަޕްލައި ކުރަން ހާއްސަ ރޭވުންތަކެއް އެބައޮތެވެ. އެގޮތުން މި ބާވަތްތައް ހިފައިގެން އަންނަ އެ ކުންފުނީގެ ބޯޓު ފަހަރު ބަނދަރުތަކަށް ގޮސް ރީޖަނަލް ފިހާރަތަކަށް ފޯރުކޮށްދިނުމަށް ވަނީ ރާވާފަ އެވެ. މިގޮތުން ޕްލޭނެއްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހު ވެސް އިތުރު ބޯޓެއް އަންނާނެ އެވެ.

މި ހުރިހާ ކަމަކާއެކު، އެސްޓީއޯއިން ދަނީ ރޯދަ މަހަށް ބޭނުންވާ ބާވަތްތައް އަގުހެޔޮކޮށް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސުވާލަކީ މީގެ ފައިދާ މި އަހަރު ފެންނާނީ ކިހާ ވަރަކަށް ބާ އެވެ؟