ޗައިނާއިން އިސްނަގައިގެން ކުރިއަށް ގެންދާ " ނިއު ސިލްކް ރޯޑް" މަޝްރޫއަށް 124 ބިލިޔަން ޑޮލަރު ހަރަދުކުރާނެ ކަމަށާއި އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އެންމެނަށް ވެސް އެބަ އޮތް ކަމަށް އެގައުމުން ބުނެފިއެވެ.
އޭޝިއާއާއި އެފްރިކާއާއި ޔޫރަޕް ގުޅުވައިލަދޭ ވިޔަފާރިއަށް ފަހި އިންފްރާ ސްޓްރަކްޗާ ބިނާ ކުރުމުގެ މަޝްރޫއު ޗައިނާގެ ރައީސް ޝީޖިންޕިން އިއުލާންކުރެއްވީ 2013 ވަނަ އަހަރުއެވެ. އެމަޝްރޫއަށް ޗައިނާއިން ރަސްމީކޮށް ކިޔަނީ ބެލްޓް އެންޑް ރޯޑް މަޝްރޫއެވެ. މަޝްރޫއުގައި ބައިވެރިވާ ގައުމުތަކާއި ބައިވެރިވާން ޝައުގުވެރިވާ ގައުމުތަކުގެ އޮފިޝަލުން ބައިވެރިކޮށްގެން ބާއްވާ ބެލްޓް އެންޑް ރޯޑް ފޯރަމް ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝީޖިންޕިން އިއްޔެ ވިދާޅުވީ ހުޅުވާލެވިފައިވާ އިގުތިސާދެއް ދުނިޔޭގައި ކުރިއަރުވަން ޖެހޭ ކަމަށެވެ.
މަޝްރޫއު ކުރިއަށް ގެންދަން ޗައިނާއިން ކޮށްދޭނެ ކަންތައްތައް
މިހާރު އުފައްދާފައިވާ ސިލްކްރޯޑް ފަންޑަށް 100 ބިލިޔަން ޔުއާން ( 14.50 ބިލިޔަން ޑޮލަރު) އިތުރުކުރުން
ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން 250 ބިލިޔަން ޔުއާންގެ ލޯނު ދޫކުރުން
ޗައިނާ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން 130 ބިލިޔަން ޔުއާންގެ ލޯނު ދޫކުރުން
މަޝްރޫއުގައި ބައިވެރިވާ ، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އެހީގެ ގޮތުގައި 60 ބިލިޔަން ޔުއާން ދިނުން
އޯވަސީސް ޔުއާން ފަންޑުން ކުރާ ވިޔަފާރި 300 ބިލިޔަން ޔުއާންއަށް އިތުރުކުރަން ޗައިނާގެ މާލީ އިދާރާތަކަށް ހިތްވަރުދިނުން
ކުއްލި ހާލަތުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ދެ ބިލިޔަން ޔުއާން ހަރަދުކުރުން
ސައުތު ޓް ސައުތު ކޯޕަރޭޝަން ފަންޑަށް 1 ބިލިޔަން ޔުއާން ހަރަދުކުރުން
ނިއު ސިލްކްރޯޑްގެ ގައުމުތަކުގެ މެދުގައި ހިންގާ ކޯޕަރޭޝަން ޕްރޮޖެކްޓްތަކަށް އެއް ބިލިޔަން ޔުއާން ހަރަދުކުރުން
ސިލްކް ރޯޑް މަޝްރޫއަށް މިއަދަދުތަކުން ފައިސާ ހަރަދުކުރައްވާނެ ކަަމަށް ޗައިނާގެ ރައީސް ޝީޖިންޕިން ވިދާޅުވި ނަމަވެސް އެފައިސާ ހަރަދުކުރާނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ޗައިނާއިން އިސްވެ ހިންގާ މަޝްރޫއަކީ ޗައިނާގެ ނުފޫޒު ދުނިޔޭގައި ވަރުގަދަ ކުރުމަށް ކުރާ ކަމެެއް ކަމަށް ބުނެ ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް އެތުހުމަތު ޗައިނާއިން ދޮގު ކުރެއެވެ. މިއަދު ފެށި ސަމިޓްގައި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ބައިވެރިވެއެވެ. އެގޮތުން ބައިވެރިވަނީ އިޓަލީއާއި ގްރީސްއާއި ސްޕެއިނާއި ހަންގޭރީންނެވެ.