(11 މެއި 2017 އާ ގުޅޭ)
"އެއީ ރާއްޖޭގެ މަހުޖަނުން... މަޝްހޫރު ޤައިސް އެކަކަށް ހުރީ. މިގޭ ތެރޭގައި ވެސް އުޅުނު އޭނާގެ ފޮޓޯ ޖަހާފައި އޮތް މަޖައްލާއެއް... އެކަމަކު އޭނާ ރުބީނާގެ ބަޔަށް އަންނަން ޖެހުނު ގޮތެއް ނޭނގެނީ... މިފަހަރު ކޮންކަހަލަ ކުޅިވަރެއް ކުޅޭންކަމެއް ނޭނގޭ އޭނާ އެ އުޅެނީ" އަމީރުގެ މޫނުމަތިން ފޫހިކަން ފާޅުވޭވޭ ހުއްޓެވެ.
އަމީރު މާބޮޑަށް ހިތްހަމަޖެހުނުހެން ހީވުމުން ޝިމްލާ ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އޭނާ ދެން ދެއްކީ އައިރާގެ މުސްތަޤުބަލާ މެދު ވިސްނަންވެއްޖެ ކަމުގައެވެ. އައިރާ އިނީ ބަލިވެކަމަށްވާއިރު އޭނާއަށް ބޭނުންވާ ހުރިހާކަމެއް ކޮށްދިނުމުގެ ޒިންމާވަނީ އަމީރުގެ ދެމަފިރިންގެ އަތްމަތީގައެވެ.
"ނަސީބެއް އަހަރުމެންނަށް އައިރާ ގެނެވުނުކަން. އަހަންނަށްވުރެ ޝިމް ރަނގަޅުވާނީ އައިރާގެ ހާލު އެހުން. އޭނާ ޑަކްޓަރަށް ދައްކަން ޖެހޭތޯ ވެސް ޝިމް އަހާ އޮޅުންފިލުވާ. އަހަރުމެންނަށް ފަރުވާ ކުޑަކޮށްލެވިގެން އައިރާއަށް ލިބެން އުޅޭ ދަރިފުޅަށް އެއްވެސް ކަމެއް ވާކަށް އަހަރެން ނޭދެން... އަދި ބުނަން... އައިރާ ގޮވައިގެން ޝިމްގެ މަސައްކަތްތަކުގައި އެކުއްޖާ ވެސް ބައިވެރިކޮށްގެން އުޅޭން އަހަންނަށް ފެނޭ... އަބަދު ކޮޓަރިތެރޭގައި އޮންނަންވެއްޖެނަމަ ބޭކާރު ފިކުރު ކުރެވޭނީ. އަހަރުމެން ނުވާނެ އެކަހަލަ ފިކުރުތައް ކުރާން އައިރާއަށް ފުރުޞަތު ދީގެން. އަދި އަހަރެންނަށް ނޭނގި ރުބީނާ އުޅޭ ބަޔަށް އައިރާ ނުފޮނުވާތި. އެހެންނޫނަސް މިހާރު އެ ކުއްޖާ އެނބުރި އެ އެޕާޓްމެންޓަށް ދިއުމުގެ ބޭނުމެއް ވެސް ނޯންނާނެ... ރުބީނާ ވަނީ ނިޔާނުގެ ހުރިހާ އެއްޗެއް އެ ކޮޓަރިން ބޭރުކޮށްފައި. އެތަކެތި ގެންގޮސްލީ ކޮންތާކަށް ކަމެއް ވެސް އެނގެނީއެއްނޫން" އެނދުގައި އިށީނދެ އަމީރު ފުންނޭވާއެއް ލިއެވެ.
"އައިރާ އައީމަ އިޝްވާ ވެސް ފޫހިވެގެން ނޫޅޭނެ" ޝިމްލާ މިހެން ބުނެލިއިރު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވެއެވެ. މަޑުމަޑުން އައިސް އަމީރުގެ ގާތުގައި އެނދުގައި އިށީނެވެ. އައިރާއަށް ރަނގަޅުވާނޭ ގޮތާމެދު ޚިޔާލު ބަދަލުކުރަން އެ ދެމަފިރިން އެތައް އިރަކު ތިއްބެވެ.
* * * *
އެކުވެރިންނާއެކު ވާހަކައިގައި އިނދެފައި ރުބީނާ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އެހިނދު އޭނާއަށް ކަމެއް ހަނދާންވިއެވެ. އިރުއޮއްސި ހަތެއް ޖަހަންވާއިރަށް ޤިއިސްއާ ބައްދަލުކުރަން އެގެއަށް ދާންޖެހޭ ކަމެވެ. ޤައިސްވަނީ އޭނާއަށާއި މައުރީނަށް ރޭގަނޑުގެ ކެއުމުގައި އޭނާއާއެކު ބައިވެރިވުމަށް ދަޢުވަތު ދީފައެވެ. އެހެންވެ އަވަސް އަރުވާލާފައި ރުބީނާ ތެދުވިއެވެ.
"ޤައިސްގެ މަތީން ހަނދާންނެތި މި އިނދެވުނީ" ކޮޅަށް ތެދުވެ ހުރެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ރުބީނާ ބުންޏެވެ.
"ކިހިނެއްވީ ޤައިސްއަށް" ހިދާ އިނދެފައި އަހާލިއެވެ.
"ސާބަސް! އަހަރެން ބުނީމެއްނު މިރޭ ޑިނާއަކަށް ކިޔާފަ އޮތް ވާހަކަ. އަދި ނޭނގެ މައު ތައްޔާރުވިކަމެއް ވެސް. އޭތް! އަހަރެން ދެން ގޮސްލީ" ސަލްމާއާއި ހިދާ ބޯޖަހާލުމާއެކު ޓެރެސްއިން ފައިބަން ރުބީނާ ހިނގައިގަތެވެ.
ސަލްމާމެން ގެއާއި ރުބީނާ އުޅޭ ގެއާ އެހާ ކައިރިއެއް ވެސް ނޫނެވެ. "ގުލްފާމު" ގޭގެ ދޮރޯށި ދޮށުގައި ހުރެ ޓެކްސީއެއް ލިބޭތޯ ރުބީނާ މަސައްކަތްކުރިއެވެ. ޓެކްސީ ނަންބަރުތަކަށް ފޯނުން ގުޅައިގެން ޓެކްސީއެއް ލިބޭގޮތް ނުވުމުން މަގުމަތިން ދާ ޓެކްސީތަކަށް ވެސް އަތް ނަގަމުންދިޔައެވެ. ވަގުތު ކުޑަތަން ވަމުންދާތީ އެންމެ ފަހުން ޓެކްސީއެއް ނުލިބުނަސް ހެޔޮކަމަށް ރުބީނާ ހިނގައިގަތެވެ. އޭރު ގަޑިން ހަގަޑި ފަނަރަ ހިނގައިފިއެވެ.
"މައުރީން!" އެޕާޓްމެންޓަށް ވަދެގެން އައި ރުބީނާ އަޑު ހަރުކޮށް ދަރިފުޅަށް ގޮވާލީ ފެންނަން ނެތުމުންނެވެ. އެއާއެކު ރުބީނާއަށް އޭނާގެ ކޮޓަރިއަށް ނުވަދެވެނީސް މައުރީންގެ ކޮޓަރީގެ ދޮރު ހުޅުވާލިތަން ފެނުނެވެ.
"ކީކޭ މަންމާ؟" ކޮޓަރިން ބޭރަށް ނުކުން މައުރީން ފެނި ރުބީނާ ހިނިތުންވެލިއެވެ.
"ރެޑީވެގެން ދޯ ތި އިނީ... އަންނާނަން މަންމަ ފްރެޝްވެލައިގެން" ރުބީނާ ބުންޏެވެ. އަދި އޭނާގެ ކޮޓަރިއަށް އައިސް ވަދެއްޖެއެވެ.
* * * *
މަޑު އޮރެންޖު ކުލައިގެ އަލިން ގޭތެރެ ދިއްލާލާފައި އޮތްއިރު ބޮޑުކޮޓަރީގެ ސޯފާއެއްގައި ޤައިސް އިނެވެ. ހުޅުވާފައި ހުރި ބޮޑު ފަތި ޓީވީއިން ރާއްޖޭން ބޭރުގެ ޗެނަލަކުން އިނގިރޭސި ޚަބަރު ކިޔަމުންދިޔައެވެ. ނަމަވެސް ޤައިސް ބަލަމުން ދިޔައީ ގޭގެ އެކި ދިމާއަށެވެ. އެތައް ޚާދިމުންނެއް އުޅުނެއްކަމަކު އެ ގޭތެރެއިން ޤައިސްއަށް އިހުސާސްވަނީ ފަޅުކަމެވެ. އޭނާ ވިސްނަމުންދިޔައީ އެކަމާއެވެ.
"ރޫބީއާއި މައު މިގެއަށް ބަދަލުވީމަ ހުރިހާ ކަމެއް ރަނގަޅުވެދާނެ" ޤައިސްގެ ޟަމީރު އޭނާގެ ގާތުގައި ބުނެލިއެވެ. އެހިނދު އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ގޭތެރެއަށް ގިނަ ވަގުތު ވެރިވެފައި އޮންނަ މަރުފަދަ ހިމޭންކަމަކީ ޤައިސްގެ ދިރިއުޅުމުގެ އެކަނިވެރިކަމެވެ. ހަޔާތުގެ ކުލަ ފަނޑުވެފައިވާ ކަމެވެ. ގާތުގައި ދަރިފުޅު ނުބަހައްޓާ މާ ދުރަށް ފޮނުވާލީ ވެސް އެހެންވެއެވެ. އޭނާގެ އަނދިރިވެފައިވާ ހަޔާތުގެ ހިޔަނި ހުރި ހަމައެކަނި ދަރިފުޅުގެ މުސްތަޤުބަލަށް އެޅިދާނޭ ހީވާވަރުންނެވެ. ޚިޔާލުތަކުގެ ތެރެއަށް ފީނަމުން ދިޔަ ސިކުނޑި ހޭލައްވާލީ ފަޓުލޫނު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އެހިނދު ފަޓުލޫނު ޖީބުގައި ޤައިސް އަތްޖައްސާލީ ޔަގީންކޮށްލުމަށެވެ. އަދި ކުޑަކޮށް ތެދުވެލާފައި ޖީބުން ފޯނު ނަގާ ބަލާލިއެވެ. ދިއްލެމުންދިޔަ ފޯނުގެ އިސްކުރީނުން ފެންނަމުންދިޔައީ ޤައިސްގެ ދަރިފުޅުގެ ނަމެވެ.
"ހެލޯ..." ޤައިސް ކޯލަށް ޖަވާބުދެމުން ބުނެލިއެވެ.
"ޑޭޑް! އިޓްސް ސްޓިލް އާލީ ހިއަރ... އިފް އިޓް ކޭން ވެއިޓް، އިޒް އިޓް އޯކޭ އިފް އައި ކޯލް ޔޫ ލޭޓަރ" ދަރިފުޅުގެ އަޑުގައި ހުރި އަވަސްކަން ޤައިސް ދެނެގަތެވެ. ސާފު އިނގިރޭސި ބަހުން ވާހަކަދައްކަމުން ދިޔަ ދަރިފުޅަށް މުހިންމު ކަމެއް ޖެހުނީކަން ޤައިސްއަށް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އަވަސް އަވަހަށް އެންމެ ރަނގަޅު ކަމުގައި ބުނެ ފޯނުކޯލު ކަނޑާލީ އެހެންވެއެވެ. ރާއްޖެއާ އެތަކެއް މޭލެއް ދުރުގައި އެ ދަރިފުޅު ހުރިއިރު އެ ދަރިފުޅުގެ ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަން ޤައިސްއަށް އެނގެއެވެ. އެފަދަ ޒިންމާދާރު ޤާބިލު މީހަކަށް އަމިއްލަ ދަރިފުޅު ހެދުމަށް ޓަކައި ޤައިސް ނުހަނު މަސައްކަތްކުރިއެވެ. ރާއްޖެއަށް އިރުއޮއްސުނު އިރު އެމެރިކާގައި ހުރި އެ ދަރިފުޅަށް މި ވަގުތަކީ ހެނދުނުގެ ވަގުތެވެ. މަސައްކަތަށް މުވައްޒަފުން ފަށައިގަންނަ ވަގުތެވެ. ވާހަކަދެއްކެން ނެތް ނަމަވެސް އެ ދަރިފުޅު ޤައިސްއަށް އެކަން އަންގާނުލާ ނުހުންނާނެއެވެ. ދުރުގައި ހުންނައިރު ވެސް އެ ދުރުމިން ޤައިސްއަށް އިހުސާސް ނުވަނީ އެހެންވެއެވެ.
ހާސްވެފައި ހުރެ މައުރީން ގޮވައިގެން އައި ރުބީނާ "އަލިމަސްވާދީ" ގޭގެ ގޭޓު ކައިރީ މަޑުކޮށްލިއެވެ. އެހިނދު ގޭޓުގައި ހުރި ދޮރުވާނު އަވަސް އަވަހަށް ދޮރު ހުޅުވާލުމާއެކު ރުބީނާމެން އެތެރެއަށް ވައްދައިފިއެވެ. މީހެއްގެ އެހީއަކާއި ނުލާ ފަރިކޮށް ހިނގާލާފައި ރުބީނާ އެތެރެއަށް ވަދެގެން ދިޔައިރު އެ ގޭގެ ހުރިހާ ކަމެއް އޭނާ ހިތުދަސް ކަހަލައެވެ. ހަތެއް ޖަހާއިރަށް އަންނަން އޮތް އިރު ރުބީނާމެންނަށް އާދެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އަވަސް ހިނގަމުގައި ވަދެގެން އައީ އެހެންވެއެވެ.
ބޮޑުކޮޓަރިއަށް ރުބީނާއާއި މައުރީން އައިސް ވަން ވަގުތު ގޭގެ ކެއުމުގެ ކަންތައްތައް ބަލަހައްޓަން އުޅޭ އިސް ޚާދިމު މަރިޔަންދީ ފެނުނެވެ. އޭނާ ހުރީ އެމީހުންގެ އިންތިޒާރުގައި ކަހަލައެވެ.
"ޤައިސް އެބައިންނެވި ކާކޮޓަރީގައި" މަރިޔަންދީ މިހެން ބުނުމާއެކު ރުބީނާއާއި މައުރީނަށް އަތުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ.
ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު މައުރީންއާ ގުޅުން ބަދަހި ކުރަން ޤައިސް ބޭނުންވެފައި ވާކަން އޭނާ ދައްކަމުން ދިޔަ ވާހަކަތަކުން ރުބީނާއަށް އެނގުނެވެ. ރުބީނާއާ ކައިވެނިކުރުމަށްފަހު އޭގެ ދެމައިން އުޅޭނީ ޤައިސްމެން ގޭގައި ކަން ވެސް އޭނާ އިއުލާން ކުރިއެވެ. އަދި އެގޭގައި މައުރީންއަށް ޓަކައި ކޮޓަރިއަށް ޚާއްޞަވެފައި ހުންނާނެކަމާއި އެ ކޮޓަރި މައުރީން އެދޭ ގޮތަށް ފަރުމާކޮށްދޭނެކަމުގައި ވެސް ޤައިސް ބުންޏެވެ. ރުބީނާގެ ފަރާތުން އެނގިފައި އޮތް ގޮތުގައި އެ ދެމައިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ ނިޔާނެވެ. ވީއިރު ނިޔާނު ނެތް ދުނިޔެއްގައި އެ ދެމައިން އެކަނިވާނެ ވަރު ޤައިސްއަށް އިހުސާސް ކުރެވޭތީ އޭނާ ބޭނުންވީ ވީހާ ވެސް އަވަހަކަށް އެ ދެމައިންނަށް އެހީވާށެވެ. ގިނަ ދުވަސް ނުކޮށް ކައިވެނީގެ ކަންތައް ނިންމަން ޤައިސް ބޭނުންވީ ވެސް އެހެންވެއެވެ.
"ދިޔެ! ކެތްލީން ގާތުގައި ބުނޭ މައުރީނަށް އޭނާގެ ކޮޓަރި ދައްކާލަން ގެންދާށޭ. އަދި މޭވާ ކޮޅެއް ކޮށާލައިގެން ހާމަފެންޑާއަށް ގެނެސްދީ... އަޅުގަނޑާއި ރޫބީ ކެއުން ނިންމާލާނީ އެ ތަނުގައި" ރުބީނާއަށް ބަލާލަމުން ޤައިސް ހިނިތުންވެލިއެވެ. އޭރު އެ ތަނުގައި އެމީހުން ގޮވާލީމާ އިވޭނޭ ހިސާބުގައި ހުރި މަރިޔަންދީ ބަދިގެ ފަރާތަށް ހިނގައްޖެއެވެ. އޭނާ އެނބުރި ނާންނަނީސް ކާކޮޓަރިތެރެއަށް ވަދެގެން އައި ޕިލިޕިންސް އަންހެންމީހާ ޤައިސްއަށް ކުރުނީސް ކުރިއެވެ.
"މައު! ދޭ ކެތްލީންއާއެކު ރޫމް ބަލާލަން" މައުރީން ހިނިއައިސްފައި ތެދުވިއިރު ހީވީ އޭނާގެ ގާތުގައި ޤައިސް އެހެން ނުބުނެގެން އިންހެނެވެ.
ހާމަފެންޑާގައި ހުރި ލަކުޑި ގޮނޑިތަކުން ގޮނޑިއެއްގައި ރުބީނާއާއި ޤައިސް އިށީނދެގެން ތިއްބެވެ. ދެގޮނޑި ދޭތެރޭގައި ތިރިކޮށް ވަށްކޮށް ހަދާފައި ހުރި ލަކުޑި މޭޒެއް ހުއްޓެވެ. އެ މޭޒުމަތީގައި ޤައިސް އެދުނު ފަދައިން މޭވާކޮށާފައި އަޅާފައި ހުރި ދެތަށްޓެއް ހުރުމާއެކު ފެންޖަގަކާއި ބިއްލޫރި ތަށި ވެސް ބަހައްޓާފައި ހުއްޓެވެ. ދެ މީހުން އެކަނިވުމުން ޤައިސް ވެސް ރުބީނާއާ ދައްކަން ބޭނުންވެފައި ހުރި ވާހަކަތަކަށް ފެށިއެވެ.
"އަޅުގަނޑުގެ ދަރިއަކު ހުންނަ ވާހަކަ މައުރީންގެ ގާތުގައި ބުނެފިންތަ؟ އެ ދެމީހުން ބައްދަލުވުމުގެ ކުރީން އެކަކު އަނެކަކާ ބެހޭގޮތުން އެނގިފައި އޮތުން ވަރަށް މުހިންމު. ރޫބީ! ދަރިން ބޮޑެތި ވިޔަސް މައިންބަފައިން އަބަދުވެސް ދަރީންނަށް ރަނގަޅު ގޮތް ބުނެދޭން ޖެހޭނެ. ކައިވެންޏަށް ފަހު ރޫބީ ވާނީ އަޅުގަނޑުގެ އަނބިމީހާއަށް އަދި އަޅުގަނޑުގެ ދަރިއަކު ހުރި އިރު އެ ދަރިފުޅާ މެދު ރޫބީ ކަންތައް ކުރާން އެދެނީ މަޔަކު ދަރިއަކާމެދު ކަންތައް ކުރާނޭ ފަދައިން. އަޅުގަނޑުމެންގެ ކައިވެންޏަށް ފަހު އަޅުގަނޑުމެންގެ ދަރީން ވެސް ގުޅިގެން އުޅޭތަން ދުށުން ބޭނުމީ. އެއީ ދެބެންނަށް ނުވިނަމަވެސް ދެބެން ފަދައިން އުޅުމަށް ރޫބީ ވެސް ވާނެ ބާރު އަޅާދޭން"
"މައުއަކީ މީހުންނާ ގުޅޭ މިޒާޖެއްގެ ކުއްޖެއް. ޤައިސް ހާސްވާވަރުކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ. އަޅުގަނޑުގެ އެއްބާރުލުން އަބަދުވެސް ޤައިސްއަށް ލިބޭނެކަން ޔަގީންކުރޭ"
"އަޅުގަނޑު ލޫކަން ގާތުގައި ބުނިން ކުއްލިއަކަށް ކައިވެނި އަވަސްކުރި ވާހަކަ. އަދި ކީއްވެކަން ވެސް ބުނިން. އަޅުގަނޑަށް ފެންނަ ގޮތަކަށް ކަންތައް ކުރުމަށް ބުނެފައިވަނީ. އެހެންވިޔަސް އަޅުގަނޑު ލޫކަން ގާތުގައި އެދުނީ މި ކައިވެނި ކުރެވޭއިރު އޭނާ ވެސް އަޅުގަނޑުމެންނާ ބައިވެރިވާން.... އެކުއްޖާގެ ފަރާތުން އަދި ވަކިޖަވާބެއް ނުލިބޭ..."
"ލޫކަންއަށް އަޅުގަނޑު ކަމުނުގޮސްފިއްޔާ ވެދާނެ ގޮތަކާމެދު އަޅުގަނޑަށް ވިސްނޭ" ޤައިސްއަށް ނަޒަރު ސީދާކޮށްލައިގެން ރުބީނާ އިނެވެ.
"އަޅުގަނޑަށް ރޫބީ ކަމުގޮސްފިނަމަ އެކަމުގައި ލޫކަން އެއްޗެއް ބުނާކަށް ބޭނުމެއްނުވޭ... ރޫބީ އަޖައިބުވާނެ އަޅުގަނޑުގެ ދަރިފުޅާ ބައްދަލުވުމުން. އަޅުގަނޑު ފަދައިން ދިގު އިސްކޮޅެއް ލިބިފައި ހުއްޓެއްކަމަކު ވަރަށް ތަފާތުވާނެ. ކުޑައިރުގައި ވެސް ހިތްހަމަނުޖެހޭކަމެއްވެއްޖެނަމަ އެކަން އެހެން މީހުންނަށް އެނގޭވަރުކޮށްލާނެ... އެކަމަކު މިހާރު އެއީ ފުރިހަމަ ޒުވާނެއް. އެކުގައި ނޫޅެވޭތީއާއެކު ދަރިފުޅު ޚިޔާލު ހުންނަ ގޮތް ސީދާ ބުނަން އަޅުގަނޑަށް ވެސް އުނދަގޫ... އެހެންވިޔަސް ލޫކަންއަކީ ހިތްހެޔޮ ކުއްޖެއް" ވާހަކަ ނިންމާލާފައި ޤައިސް ހީނލިއެވެ. އޭނާއަށް އަމިއްލަ ދަރިފުޅު ކިޔައިދޭކަށް ހަޤީޤަތުގައި ނޭނގެއެވެ. ޗުއްޓީ ހޭދަކުރާ އުސޫލުން ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަކުރިޔަސް އެ ދަރިފުޅުގެ ޠަބީޢަތް ދެނެގަތުން ފަސޭހައެއްނުވިއެވެ. އެހެންވެ އެހެން މީހަކަށް އެ ދަރިފުޅުގެ ގޮތް ކިޔާދޭން އެނގޭނީ ކިހިނެއްހެއްޔެވެ.
ދަންވަރު އެކެއް ޖެހި ފަހުން ޤައިސްގެ ފޯނު ރިންގުވާންފެށިއެވެ. ނިދިފައި އޮތް ޤައިސްއަށް ލޯހުޅުވާލެވުމާއެކު އަވަސް އަވަހަށް ފޯނުނަގާ ބަލާލިއެވެ. ދަރިފުޅުގެ ކޯލެއްކަށް ނޫނީ އެވަގުތު ނުވާނޭކަން އެނގި ހުރެ އެ ކޯލަށް ޤައިސް ޖަވާބުދިނެވެ.
"ޑޭޑް! އަޅުގަނޑަށް އާދެވޭކަށްނެތް... ޗުއްޓީއެއް ނުލިބުނު..." އިނގިރޭސި ބަހުން ބުނެލިއެވެ. ނުބައި ޚަބަރެއް ދޭންޖެހޭތީ ލޫކަން ހިސާބަކަށް ކަންބޮޑުވެފައި ހުރިކަން އޭނާގެ އަޑުގައި އެކުލެވިފައިވިއެވެ. އެކަން ޤައިސްއަށް ފާހަގަކުރެވުނެވެ. ދަރިފުޅު އުޒުރު ދައްކަނީކީނޫންކަން ޤައިސްއަށް އެނގެއެވެ.
"އިޓްސް އޯކޭ... ޖަސްޓް ޕްރޮމިސްމީ ވަންތިންގ... ޔޫ ވިލް ކަމް އެންޑް ވިސިޓްމީ ދިސް ޓައިމް" ޤައިސް ވެސް ލޫކަންއާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
ޗުއްޓީ ލިބުމުން ލޫކަން އޭނާގެ ބައްޕަ ޤައިސްގެ ގާތަށް އަންނާނަން ކަމުގައި ޤައިސްއަށް ވަޢުދުވިއެވެ. ބަހުގެ އިތުބާރު ފިޔަވައި މިވަގުތަށް ކުރެވޭނެ އިތުރުކަމެއް ވެސް ޤައިސްއަކަށް ނެތެވެ. ދަރިފުޅު އަންނާނެކަމުގެ އުންމީދުގައި ޤައިސް ހުންނާނެއެވެ. ހަޔާތުގެ ދެވަނަ ކައިވެނި ކުރެވޭއިރު އެ ހަފްލާގައި ލޫކަން ނެތުމީ ފަޅުކަމެއް އަންނާނޭކަމެއްކަން ޔަގީނެވެ.
* * * *
ރުބީނާގެ ސިކުނޑީގައި އުދަބާންޏެއް އުފެދިގެން އުޅޭ ފަދަ އެވެ. ފަތިހު ދުނިޔެ މައްޗަށް އަލިވުމުގެ ކުރިން ރޫބީނާ ތެދުވެއްޖެއެވެ. އޭނާއަށް ރޭގައި ނިންޖަކަށް ވާކަހަލަ ނިންޖެއް ނުނިދުނެވެ. ތެދުވެގެން އައިސް ގުރީންޓީ ސައިތަށްޓެއް ހަދައިގެން ސޯފާގައި ރުބީނާ އިނެވެ. އިރުއަރާ ދުނިޔެ މައްޗަށް އަލިވި އިރު ވެސް އޭނާ އިނީ ހަމަ އެގޮތަށެވެ. ސޯފާއަށް ދެފައި އަރުވައިގެން ސޯފާގައި ހުރި ކުޑަ ބާލީސްތަކުން ބާލީހެއް އުނގަށް ލައިގެން ހުއްޓުން އަރާފައި އިން މީހަކު ފަދައިންނެވެ. އެހެން އިނދެފައި އޭނާ ގެނެސް ސޯފާގެ މެދަކަށްވާގޮތަށް ބަހައްޓާފައި ހުރި ކަޅު ބިއްލޫރި މޭޒުމަތީ ބޭއްވި ފޯނު ނެގިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލަބަލާފައި ހެނދުނު ނުވައެއް ޖެހުމާއެކު ހީވީ ރުބީނާގެ ޠަބީޢަތް ވެސް ބަދަލުވެގެން ދިޔަ ހެނެވެ. ފުންމައިގެން ތެދުވާ ފަދަ ގޮތަކަށް ސޯފާއިން ފައިބައިގެން އޭނާ ކޮޓަރިއަށް ވަދެ ލައިގެން ހުރި ކުރު ސޯޓުކޮޅު ބާލާ ދިގު ހަރުވާޅެއް ލިއެވެ. ދެން ފެނުނީ ލޯގަނޑުން އަމިއްލަ ސިފަ ބަލާލާފައި ހަލުވިކޮށް ކޮޓަރިން ނުކުމެގެންދިޔަ ތަނެވެ.
* * * *
އެޕާޓްމެންޓުގެ ބެލްއަޅާލި އަޑު އިވުމާއެކު ސައިބޯން ކާމޭޒު ދޮށުގައި އިނދެފައި ޝިމްލާ ތެދުވިއެވެ. އަދި ނިކަން އަވަހަށް އަތް ދޮވެލައިގެން އައިސް ދޮރުހުޅުވާލިއެވެ. އެހިނދު ޝިމްލާއަށް ވެސް ލިބުނީ ސިހުމެކެވެ. ދޮރުމަތީ ހުރީ ރުބީނާއެވެ. ދެ މީހުން ވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީއެވެ. ރުބީނާގެ ބޭނުމަކީ ކޮބާކަން ނޭނގޭއިރު އިސްވެ އަނގައިން ބުނަން ޝިމްލާ ބޭނުންނުވީއެވެ.
"އަހަރެން... އައިރާ އެބައުޅޭތަ؟ އޭނާއަށް ގޮވާބަލަ" ރުބީނާ އައިކަންތައް ވާނީ އަނގައިން ބުނެގެންކަމަށްވާތީ އޭނާ ޝިމްލާއާ ވާހަކަދެއްކިއެވެ. ފުރަތަމަ މަޑުމައިތިރިކަމާއެކު ވާހަކަ ފަށާފައި ވެސް ޝިމްލާގެ ދަށުވެދާނޭ ހީވުމާއެކު ރާގުގަނޑު ބަދަލުކޮށްލާ ހަރުކަށިކަން ރުބީނާ ދައްކާލިއެވެ.
"އެ ކީއްކުރަން އޭނާއަށް ގޮވަންވީ؟" ޝިމްލާ ސުވާލު އުފެދުނެވެ. އަނެއްކޮޅުން އަމީރު ވަނީ ރުބީނާ ކަމެއް ކުރަން އުޅޭހެން ކިރިޔާ ޝައްކުވެލިޔަސް އޭނާއަށް ގުޅުމަށް ޝިމްލާގެ ގާތުގައި ބުނެފައެވެ.
"އަހަރެންގެ ދަރިފުޅުގެ އަންހެނުން އެއީ. ކީއްވެ އަހަންނާ ވާހަކަނުދެއްކެންވީ... އޭނާއަށް ގޮވާބަލަ... އައިރާ! އައިރާ!" ރުބީނާގެ އަޑު ކާން އިން އައިރާއަށް ސާފުކޮށް އިވިގެންދިޔައެވެ. އޭނާ ވެސް ހައިރާންވީ ވަރުން ފުރަތަމަ އިނދެވުނީއެވެ. އެހެންނަމަވެސް ރުބީނާ އަޑުގަދަ ކުރާން ފެށުމުން ކާމޭޒުދޮށުން ތެދުވެގެން އައިސް ދޮރު ކައިރީ މަޑުކޮށްލިއެވެ.
"އައިރާ... މަންމަ... މަންމަ މި އައީ އައިރާ ބަލާ" އައިރާ ފެނުމާއެކު ރުބީނާގެ އަޑާއި ހަރަކާތައް ވެސް ބަދަލު އައިތަން އައިރާއާއި އެތަނުގައި އޭރު ވެސް ހުރި ޝިމްލާއާ ދެ މީހުންނަށް ފާހަގަވެގެން ދިޔައެވެ. (ނުނިމޭ)