ދުނިޔެ

އުތުރުކޮރެއާއިން އާ މިސައިލެއް ޓެސްޓްކޮށްފި

May 14, 2017

އުތުރު ކޮރެއާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް މިއަދު ޓެސްޓްކޮށްފި އެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ އުތުރު ކޮރެއާއިން ޓެސްޓްކުރި މި ސައިލްގެ ކަންތައް ބަލަމުން އަންނަ ކަމަށާއި އެ ދުނިޔޭގެ ގައުމުތަކުން ގެންގުޅޭ ބެލިސްޓިކް މިސައިލްތަކާ އެއްކަހަލަ މިސައިލެއް ނޫން ކަމަށެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޓޮމޯމީ އިނާޑާ ވިދާޅުވެފައި ވަނީ އުތުރުކޮރެއާއިން ޓެސްޓްކުރީ އާ ވައްތަރެއްގެ މިސައިލަކަށް ވެދާނެ ކަމަށެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ އުތުރު ކޮރެއާއިން ފޮނުވައިލި މިސައިލް 1245 މޭލު އުހުން 430 މޭލުގެ ރާސްތާއަކަށް ދަތުރުކުރި ކަމަށެވެ. އަދި ބުނީ އެއީ އުތުރުކޮރެއާއިން ފެބްރުއަރީ މަހު ޓެސްޓްކުރި އިންޓަަމީޑިއޭޓް ރޭންޖްގެ މިސައިލް ދަތުކުރި ވަރަށް ވުރެ ދުރު އަދި އެއަށް ވުރެ އުސްމިނެއް ކަމަށެވެ. އެހެންވެ، އުތުރުކޮރެއާގެ މިސައިލް އުފެއްދުމުގެ ގާބިލުކަން ފްބްރުއަރީ މަހު ހުރި ވަރަށް ވުރެ އިތުރު ވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

މާހިރުން ވިދާޅުވެފައިވަނީ އުތުރުކޮރެއާއިން މިއަދު ޓެސްޓް ކުރި މިސައިލް މިއަދު ފޮނުވައިލި ވަރަށް ވުރެ މަތިން ފޮނުވާލައިފި ނަމަ އެ މިސައިލް މާ ދުރަށް ދަތުރުކުރާނެއެވެ.

ދެކުނުކޮރެއާގެ ވެރިރަށް ސޯލްގައިވާ ކިޔުންނަމް ޔުނިވާސިޓީގެ އިންސްޓްޓިއުޓް އޮފް ފާ އީސްޓާން ސްޓަޑީޒްގެ މާހިރު ކިމް ޑޮން ޔުބް ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ބެލިސްޓިކް މިސައިލްތައް ފޮނުވާލާ އާއްމު އުސްމިނުން ފޮނުވާލައިފި ނަމަ އުތުރުކޮރެއާގެ މިސައިލް 3700 މޭލަށް ދަތުރުކުރާނެ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެމެރިކާގެ ހަވާއީއާ ހަމައަށް އެ މިސައިލް ފޯރާނެއެވެ.

އުތުރުކޮރެއާއިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފައި މިވަނީ އެމެރިކާއާ އެގައުމާ ދެމެދު ވަރުގަދަ އަަރައިރުމެއް ހިނގަމުންދާ ވަގުތެއްގައެވެ. އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކުރާނެ ކަމަށް ބުނާތީ އެމެރިކާއިން ދަނީ އެގައުމަށް ބިރު ދައްކަމުންނެވެ. އެގޮތުން އުތުރު ކޮރެއާއަށް ބާރުވެރިކަން ދައްކައިލުމަށް އެމެރިކާއިން ވަނީ ކޮރެއާ ސަރަހައްދަށް ދާން މަނަވަރުތަކެއް ފޮނުވާފަ އެވެ. ހަނގުރާމަމަތީ މަތިންދާ ބޯޓްތައް އުފުލާ ޔޫއެސްއެސް ކާލް ވިންސަންއާއި އެ އުޅަނދަށް މަދަދުކުރާ އުޅަނދު ތަކުން ކޮރެއާ ސަރަހައްދުގައި ފަރިތަކުރުންތަކެއް ބާއްވާނެ އެވެ. އެމެރިކާއިން ދެކުނު ކޮރެއާއަށް ފޮނުވި ނިއުކްލިއަ ހަކަތައިން ދުއްވާ ސަބްމެރިން އާއި ޖަޕާނުގެ އުޅަނދުތައް ވެސް އެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ.

އުތުރު ކޮރެއާއަށް އަސްކަރީ ބާރުދެއްކުމުގެ ހަރަކާތްތަކުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށް، އުތުރު ކޮރެއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނިއުކްލިއަ ޓެސްޓް އަވަސްކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި އުތުރުކޮރެއާއިން ފާހަގަކޮށްފައި ވަނީ މިކަންތައްތަކެވެ.

އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކޮށް، ނުރައްކާތެރި ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފައެވެ. އެގަރާރުތައް ފާސްކުރުމުގައި ވެސް އެމެރިކާއިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބައި އުތުރުކޮރެއާއިން ވަނީ މިހައިތަނަށް ނިއުކްލިއަ ފަސް ޓެސްޓެއް ކޮށްފައެވެ.