ރިޕޯޓް

މާލޭ ލީގުގެ ފުރަތަމަ ބުރުން އެނގުނީ ކޮންކަމެއް؟

May 14, 2017
2

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު، ލީގު ބައްޓަންވެފައިވާ ގޮތުން މި ސީޒަންގައި ޓީމުތައް އޮތް ފެންވަރުގެ މަންޒަރެއް ފެނެ އެވެ. ސީޒަން ފެށުމުގެ ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށް ބައެއް ޓީމުތައް ނަތީޖާތައް ނެރިފައިވާއިރު، ބައެއް ޓީމުތަކުން ވަނީ ހައިރާންކުރެވުނު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. މާލޭ ލީގުގެ ގަދަ ހަތަރަކަށް އެރުމަކީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމު ސީޒަނަށް ކުރިމަތިލިއިރުވެސް އެންމެ ބޮޑު އަމާޒެވެ. ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. އޭގެ އިތުރުން ޕްރިމިއާ ލީގަށް ކޮލިފައިވާ ޓީމުތަކަށް، އިތުރު ފައިސާ އެހީތެރިކަން ލިބުމަކީ ވެސް ގަދަ ހަތަރަކަށް އެރުން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް މުހިންމުވާ އެއް ސަބަބެވެ.

މާލޭ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު، ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން މޮޅުވެ، 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ މާޒިޔާ އެވެ. އާ މެނޭޖްމަންޓެއްގެ ދަށުން މި ސީޒަނަށް ސްކޮޑް ވަރުގަދަ ކޮށްގެން ނުކުތް ނިއުރޭޑިއަންޓް އޮތީ ތާވަލްގެ ދެވަނައިގަ އެވެ. ނިއު 15 ޕޮއިންޓާއެކު އޮތްއިރު، ތިން ވަނައިގައި 13 ޕޮއިންޓާއެކު އޮތީ މި ސީޒަންގައި އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ގްރީން ސްޓްރީޓްސް އެވެ. ދިހަ ޕޮއިންޓާއެކު ހަތަރު ވަނައިގައި ކްލަބް އީގަލްސް އޮތްއިރު، 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. އަށް ޕޮއިންޓާއެކު ވިކްޓަރީ ހަ ވަނައިގައި އޮތްއިރު، ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ އޮތީ ހަތް ވަނައިގަ އެވެ. ތާވަލްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ މިދިޔަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި ވެލެންސިއާ އެވެ.

މާޒިޔާ ތަފާތު

މި ސީޒަނަށް މާޒިޔާއިން ނުކުތީ، އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗަކާއެކު އެވެ. މިދިޔަ ސީޒަންގައި އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އަލީ ސުޒޭން މަގާމުން ދުރުވުމުން، މާޒިޔާގެ މެނޭޖްމަންޓް އިން ނިންމީ މެސެޑޯނިއާގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ މަރުޖާން ސެކުލޮވްސްކީގެ އިރުޝާދުގެ ދަށުން ކުރިއަށް ދިއުމަށެެވެ. މަރުޖާނަކީ މިޔަންމާގެ ބޮޑު ދެ ކްލަބު ކަމަށްވާ ޔަންގޮން ޔުނައިޓެޑާއި އެޔެޔަވާދީ ޔުނައިޓެޑްގެ ކުރީގެ ކޯޗެވެ. އޭއެފްސީ ކަޕްގެ ތަޖުރިބާއާއެކު، މަރުޖާނަކީ މާޒިޔާއަށް ފަރިތަ ކޯޗެކެވެ.

އެސްޓީއޯ މާލޭ ލީގާއި އޭއެފްސީ ކަޕްގައި މަރުޖާންގެ އިރުޝާދުގެ ދަށުން މާޒިޔާ މިހާތަނަށް ކުޅުނު މެޗުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އެ ޓީމުގެ ޑިފެންސްލައިން އޯގަނައިޒްވުމެވެ. ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މާޒިޔާގެ ޑިފެންސްލައިން ފޫއަޅުވާލުމަކީ އަދި މިހާތަނަށް އެ ޓީމާ ދެކޮޅަށް ނިކުތް އެއްވެސް ޓީމަކަށް އެހާ ފަސޭހަކަމެއް ނޫނެވެ.

މަރުޖާން ޓީމާ ހަވާލުވުމަށް ފަހު، މާޒިޔާ އަށް ގެނައި ބިދޭސީ ދެ ޑިފެންޑަރުންނާއި ގޯލްކީޕަރެއް އަދި ފޯވަޑެކެވެ. މި ހަތަރު ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދެ އެވެ. މިހާރު މާޒިޔާ އޮތް ފޯމަށް ބަލާއިރު، މާޒިޔާއަކީ މާލޭ ލީގުގެ އެއްވަނަ ހޯދުމުގެ ފޭވަރިޓުންނެވެ. މަރުޖާންގެ އިރުޝާދުގެ ދަށުގައި އޮތް މާޒިޔާ ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

ނިއު ރޭޑިއަންޓް ދުލެއް ނުދޭނެ

އާ މެނޭޖްމަންޓެއްގެ ދަށުން ނިއު ރޭޑިއަންޓް މި ސީޒަނަށް ކުރިމަތިލީ ވަރުގަދަ ސްކޮޑަކާއެކު އެވެ. ޕޯޗުގަލްގެ ކޯޗު ބަނާޑޯ ޓަވަރޭސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނިއު ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. ހީކުރެވުނު ގޮތަށް، ނިއުގެ ޓީމު ފެންނަނީ ވަރުގަދަކޮށެވެ. އަދި ލީގުގެ ދެވަނަ ބުރުގައި މާޒިޔާއަށް އެންމެ ބޮޑު ފައިޓެއް ދޭނީ ނިއު ކަަމަށް ބެލެވެ އެވެ.

ނިއު އަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު ހޯދި އަލީ ފާސިރު (ސެންޓޭ) ފޯމު ދަށްވުމެވެ. މި ސީޒަންގައި އަދި މިހާތަނަށް ސެންޓޭ ފެންނަނީ ގޯލާ ވަރަށް ބީރައްޓެހިކޮށެވެ. ނިއުގެ ގިނަ ލަނޑުތައް ކާމިޔާބު ކޮށްފައިވަނީ ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އެވެ. ސެންޓޭ ފޯމަކަށް އެޅިއްޖެ ނަމަ، ނިއު އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

މި ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފެށި ކްލަބް ގްރީން ސްޓްރީޓްސް މާލޭ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ތާވަލްގެ ތިން ވަނައިގައި އޮވެއެވެ. ފުރަތަމަ ޑިވިޝަނަށް އާ ޓީމަކަށްވިޔަސް، ގްރީން ސްޓްރީޓް އިން މި ސީޒަންގައި މިހާތަނަށް ނެރުނު ނަތީޖާތަކުން އެކަމެއް ނުފެނެ އެވެ. ހުރިހާ ޓީމަކާ ދެކޮޅަށް ވެސް ގްރީން ސްޓްރީޓް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވިކްޓަރީ އާއި އީގަލްސް އަދި ޓީސީ ފަދަ ރަނގަޅު ޓީމުތަަކުގެ މައްޗަށް ގްރީން ސްޓްރީޓްސް އިން ވަނީ ކުރި ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ކުރީގެ ތަޖުރިބާކާރު ޑިފެންޑަރު ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ގްރީން ސްޓްރީޓްސްގައި ތިބި ލޯކަލް ކުޅުންތެރިންނަށް ބަލާއިރު، މާ ނަން މަޝްހޫރު ކުޅުންތެރިންނެއް ނެތެވެ. ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. ހާއްސަކޮށް ޔޫކްރޭންގެ ޒުވާން މިޑްފީލްޑަރު ސުބޮލް އިލިއާގެ ކުޅުން ފާހަގަކުރެވެ އެވެ. މި ސީޒަންގައި މިހާތަނަށް ފަސް ލަނޑު ޖަހާފައިވާ އިލިއާ އަކީ މެދުތެރެއިން ޓީމު ލައްވާ ކުޅުވާ، ހުނަރުވެރި ކުޅުންތެރިޔެކެވެ. ކާޑާ ރައްޓެހި ކުޅުންތެރިޔަކަށްވި ނަމަވެސް، އިލިއާގެ މުހިންމުކަން ގްރީން ސްޓްރީޓްސް އަށް ވަރަށް ބޮޑެވެ.

މި ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފެށި ކްލަބް ގްރީން ސްޓްރީޓްސް މާލޭ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ތާވަލްގެ ތިން ވަނައިގަ އެވެ. ފުރަތަމަ ޑިވިޝަނަށް އާ ޓީމަކަށްވިޔަސް، ގްރީން ސްޓްރީޓް އިން މި ސީޒަންގައި މިހާތަނަށް ނެރުނު ނަތީޖާތަކުން އެކަމެއް ނުފެނެ އެވެ. ހުރިހާ ޓީމަކާ ދެކޮޅަށް ވެސް ގްރީން ސްޓްރީޓް އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވިކްޓަރީ އާއި އީގަލްސް އަދި ޓީސީ ފަދަ ރަނގަޅު ޓީމުތަަކުގެ މައްޗަށް ގްރީން ސްޓްރީޓްސް އިން ވަނީ ކުރި ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ކުރީގެ ތަޖުރިބާކާރު ޑިފެންޑަރު ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ގްރީން ސްޓްރީޓްސްގައި ތިބި ލޯކަލް ކުޅުންތެރިންނަށް ބަލާއިރު، މާ ނަން މަޝްހޫރު ކުޅުންތެރިންނެއް ނެތެވެ. ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. ހާއްސަކޮށް ޔޫކްރޭންގެ ޒުވާން މިޑްފީލްޑަރު ސުބޮލް އިލިއާގެ ކުޅުން ފާހަގަކުރެވެ އެވެ. މި ސީޒަންގައި މިހާތަނަށް ފަސް ލަނޑު ޖަހާފައިވާ އިލިއާ އަކީ މެދުތެރެއިން ޓީމު ލައްވާ ކުޅުވާ، ހުނަރުވެރި ކުޅުންތެރިޔެކެވެ. ކާޑާ ރައްޓެހި ކުޅުންތެރިޔަކަށްވި ނަމަވެސް، އިލިއާގެ މުހިންމުކަން ގްރީން ސްޓްރީޓްސް އަށް ވަރަށް ބޮޑެވެ.

ބޮޑު ޓީމުތަކަށް ގަދަ ހަތަރެއް ގެއްލުމުގެ ބިރު

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު، ގަދަ ހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ތާވަލްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކްލަބު ކަމަށްވާ ކްލަބް ވެލެންސިއާ އެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި ވެލެންސިއާއަށް މިހާރު ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިފަ އެވެ.

ގަދަ ހަތަރަކުން ބޭރުގައި މި ވަގުތު ދެން އޮތީ ޓީސީ އާއި ވިކްޓަރީ އަދި ޔުނައިޓެޑް ވިކްޓަރީ އެވެ. މީގެ ތެެރެއިން ތިން ޕޮއިންޓާއެކު އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވެސް އޮތީ ގަދަ ހަތަރަކަށް އެރުމުގެ ހަނި ފުރުސަތެކެވެ. ވިކްޓަރީ އާއި ޓީސީ އޮތީ ވާދަކުރެވޭ ހިސާބުގަ އެވެ. އެހެންކަމުން އީގަލްސް އާއި ގްރީން ސްޓްރީޓްސް އަށް ވެސް އަދި ހަމަ ނޭވާއެއް ލެވޭކަށް ނެތެވެ. ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވުމުން، ދެވަނަ ބުރުގެ މެޗުތައް އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށް ބެލެވެ އެވެ.