އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒު ހުސައިން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރުމާ އެކު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ހަމަޖެއްސުމަށް މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސުމަށް މަޖިލީހަށް ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
އެމްޑީޕީގެ މެންބަރުން މިރޭގެ ވޯޓްގައި ބައިވެރި ނުވާއިރު، މަޖިލީހަށް އެވަގުތު ހާޒިރުވެ ތިއްބެވި 55 މެންބަރުން ވޯޓު ދެއްވީ އަބްދުﷲ ސައީދު އެ މަގާމަށް ހަމަޖެއްސުމަށް ފެންނަ ކަމަށެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ސައީދު އެ މަގާމަށް ހަމަޖެއްސުމަށް ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހުގެ ރުހުން ހޯދަން ފޮނުވީ މިއަދު އެވެ.
އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް ހަމަޖައްސަން މިރޭ ބޭއްވި ޖަލްސާގެ ބަހުސްގެ މަރުހަލާގައި މެންބަރުން ވިދާޅުވީ، އަބްދުﷲ ސައީދަކީ ވަރަށް އުންމީދީ ބޭފުޅެއް ކަމަށެވެ. އަދި އެ މަގާމަށް އެންމެ އެކަށީގެންވަނީ އެމަނިކުފާނު ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ އަބްދުﷲ ސައީދުގެ ސަބަބުން ޝަރުއީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސައީދަކީ ޝަރޫއީ ދާއިރާއަށް ނުހަނު ބޮޑެތި ހިދުމަތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފާއިޒްގެ މަޖިލީހުން މިއަދު ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓާއި ހައިކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުގައި އޮތް އެ މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންގޮސް އެ މައްސަލަ ސިވިލް ކޯޓުގައި ބެލުން ހުއްޓުވައިފަ އެވެ. ހައިކޯޓަށް ހުށާހެޅިފައި އޮތް މައްސަލަ އަދި ބަލައި ގެންފައެއް ނުވެ އެވެ.