ލ. ގަން

ގަމުގައި ތިން ސައިކަލެއް އަންދާލައިފި

ލ. ގަމުގެ ގަރާޖެއްގެ ތެރޭގައި ހުރި ސައިކަލްތަކެއްގައި ހުޅުޖަހައި އަންދާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަތިމަރަދޫ އަވަށުގެ ގެއެއްގެ ގަރާޖެއްގެ ތެރޭގައި ހުރި ތިން ސައިކަލެއްގައި ރޯކޮށްލާ އަންދާލު ހަބަރު ލިބުނީ ރޭ މެންދަމު 3:15 އެހާކަންހާއިރު ކަމަށާއި އަލިފާނުގައި އެ ތިން ސައިކަލް ވެސް އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތެއް ދެވެން އަދި ނެތް ކަމަށެވެ.

ގަމު ކައުންސިލް އިދާރާއިން ބުނީ ޖަރާޖުގައި ޕާކްކޮށްފައި ހުއްޓާ އަންދާލި ތިން ސައިކަލްގެ ތެރޭޣައި ވަރަށް ފަހުން ގަނެފައިވާ ސައިކަލެއްވެސް ހިމެނޭ ކަމަށާއި އަލިފާނުގެ އެ ހާދިސާގައި ގަރާޖަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ގަރާޖު ހުރި ގެއަށް ގެއްލުން ވެފައެއް ނުވެއެވެ.

ރޭ މެންދަމު ސައިކަލްތަކުގައި ރޯކޮށްލާފައިވާކަން އެނގުނީ ރޯވެ އަނދަމުން ދިޔައިރު ގޭގައި ނިދާފައި ތިބި މީހުންގެ ތެރެއިން މީހަކަށް ހޭލެވުމުންނެވެ