ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ހަތަރު ކައުންސިލެއްގެ މެޖޯރިޓީ ކަނބަލުންނަށް!

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފިރިހެނުންނާ ވާދަކޮށް ހަތަރު ރަށެއްގެ ކައުންސިލްގެ މެޖޯރިޓީ އަންހެނުން ހޯދައިފި އެވެ. އެއީ ހއ. ކެލާ އާއި ތަކަންދޫ އަދި ޅ. ކުރެންދޫ އާއި އއ. ތޮއްޑޫ ކައުންސިލްގެ އެވެ.

ކެލާ ދާއިރާއަށް ހަ ކެނޑިޑޭޓަކު ވާދަ ކުރި އިރު ރައްޔިތުން އިންތިހާބުކޮށްފައި ވަނީ އެމްޑީޕީން ކުރިމަތިލި އައިޝަތު މިޒްނާ އާއި އާމިނަތު އިސްމާއީލެވެ.

އެ ރަށުގެ ކައުންސިލް ރައީސް އަބްދުﷲ ޒުބައިރު ވިދާޅުވި ގޮތުގައި މިފަހަރު އިންތިހާބުވި ދެ އަންހެން ބޭފުޅުންނަކީ ވެސް ރަށުގައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދެ ބޭފުޅުންނެވެ.

"އެއް ބޭފުޅަކީ ގިނަ ކުދިންތަކަކަށް ގުރުއާން ކިޔަވާ ދެއްވާ ބޭފުޅެއް. ދެން އިންތިހާބުވި ބޭފުޅަކީ ކުރިން ސްކޫލުގެ ޓީޗަރެއް، މިހާރު ޓިއުޝަން ދެއްވަނީ. ދެ ބޭފުޅުންނަކީ ވެސް މަޑުމަތިރި އަދި އަހުލާގު ރަނގަޅު ބޭފުޅުން،" ޒުބެއިރު ވިދާޅުވި އެވެ.

ކެލާގެ އިތުރުން އެ އަތޮޅު ތަކަންދޫ ކައުންސިލްގެ މެޖޯރިޓީވެސް ހޯދީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވި ފާތުމަތު ފަޒީހާ އާއި އައިޝަތު އާސިފާ އެވެ. މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް އެ ރަށުގެ ދެ އަންހެން ބޭފުޅަކު ކާމިޔާބު ހޯއްދެވި އެވެ.

ތަކަންދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި އެރަށުގައި ހިނގާ އިޖްތިމާއީ ގިނަ މަސައްކަތްތަކުގައި އަންހެނުންނަކީ އަބަދުވެސް އެންމެ ކުރީ ސަފުގައި ތިބޭ ބައެކެވެ. އަދި އެ ރަށުގެ އާބާދީއަށް ބަލާއިރު ފިރިހެނުންނަށް ވުރެ ގިނައީ ވެސް އަންހެނުންނެވެ.

ޅ. ކުރެންދޫ އަންހެނުން ވެސް ދުލެއް ނުދެއެވެ. އެ ރަށުގެ ކައުންސިލްގެ މެޖޯރިޓީ ހޯދާފައި ވަނީ މީގެ ކުރިން ވެސް ކައުންސިލުން ފިރިހެނުންނާ ވާދަކޮށް ޖާގަ ހޯއްދަވާފައިވާ އައިޝަތު ވިޝާމާ އާއި ފަރަހްނާޒް މުހައްމަދެވެ. އަދި އއ. ތޮއްޑޫ ކައުންސިލުގައި ކުރިން ފިރިހެނުންގެ މެޖޯރިޓީއެއް އޮތް ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އަންހެނުން ވަނީ އެ ރަށު ކައުންސިލުގެ މެޖޯރިޓީ ނަގާފަ އެވެ. އެ ރަށު ކައުންސިލްގެ ދެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ އައިޝަތު އާދަމް އާއި ހަދީޖާ ނިއުޝާއެވެ.