ކުޅިވަރު

ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ޒެފްރޯލް

May 15, 2017

ފައިނަލުގައި ކުޑަ ހެންވޭރު ޔުނައިޓަޑްގެ މައްޗަށް 4-1 ނަތީޖާއަކުން ކާމިޔާބު ހޯދައި، މިދިޔަ އަހަރުގެ ރަނަރަރަފު ޒެފްރޯލުން، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ އަހަރު، ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގަ، އެ ޓީމަށް ލިބެން އޮތްވައި، އެ ޓީމު ބަލި ކުރުމަށްފަހު، ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ، ގްރީންސްޓްރީޓެވެ. ފައިނަލުން ބަލި ވުމުން، އެޓީމަށް މިދިޔަ އަހަރު ޖެހުނީ ޕްލޭއޮފްގައި، ވިކްޓަރީއާ ވާދަ ކުރާ ށެވެ. ނަމަވެސް ޕްލޭއޮފްގައި އެޓީމަށް ވިކްޓަރީ އަތުން ސަލާމަތެއް ނުވި އެވެ.

މިފަހަރު، އެޓީމު ގޮވައިގެން، ނިކުތީ މިދިޔަ އަހަރު ވިކްޓަރީގެ ހެޑް ކޯޗް ލާސްލޯ ކިސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި އަދި 2015 ވަނަ އަހަރު ވިކްޓަރީގެ ހެޑްކޯޗެއްގެ ގޮތުގައި ހުރި އަހްމަދު ނާޝިދު (ނާދު) އެވެ.

މިއަހަރުގެ، ފުޓްބޯޅަ ކަލަންޑަރުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިޔަސް، ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގަ ނުލިބޭނެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަފު ޓީމަށްވެސް ޖެހޭނީ، މާލޭ ލީގްގެ ގަދަ ހަތަރަކުން ޖަގަ ނުލިބޭ ޓީމުތަކާއެކު، މާލޭ ލީގް ކޮލިފައިން ކުޅޭށެވެ. ލީގް އުސޫލުން ކުޅޭ ކޮލިފައިން ބުރުން، އަންނަ އަހަރު މާލޭ ލީގުން ޖާގަ ލިބޭނީ ކޮލިފައިން މުބާރާތުގެ ގަދަ ހަތަރު ޓީމަށެވެ. ފުލަށްދާ ދެ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާށެވެ.

ފުރަތަމަ ހާފުގައި، ޒެފްރޯލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް، އެޓީމަށް، ކުޑަ ހެންވޭރުގެ ގޯލް ފޫއަޅުވާ ލެވުނީ ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައެވެ. ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި، ޒެފްރޯލްގެ ލަނޑު ކާމިޔާބު ކުރީ ހުސައިން އާފިއު އެވެ.

ޒެފްރޯލްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ، މިދިޔަ އަހަރު ގްރީން ސްޓްރީޓަށް ކުޅުނު، އަދި ކުރިން ފުރަތަމަ ޑިވިޝަންގެ ވީބީ އާއި އީގަލްސްއަށް ވެސް ކުޅުނު އަބޫ ޑެސްމަން މަންސާރީ އެވެ.

އޭގެ ހަތަރު މިނެޓް ފަހުން، އިބްރާހިމް ޝާތިރު ވަނީ، ޒެފްރޯލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 88 ވަނަ މިނެޓްގައި ކުޑަ ހެންވޭރުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ޔާމީން މުހައްމަދެވެ. މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓްގައި، ޒެފްރޯލްގެ ބިދޭސީ ކުޅުންތެރިޔާ އަބްދުލް ގަދަރު ޑުއަޓަރާ ވަނީ، އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.