- ފެއާ އޮންނާނީ ޖުލައި މަހު
- 150 ފަރާތް ބައިވެރިވާނެ
- އާ ގިނަ ކަންތައްތަކެއް ފެންނާނެ
މި އަންނަ ޖުލައި މަހު ރާއްޖޭގައި ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި 100 އަށްވުރެ ގިނަ ރިސޯޓާއި ހޮޓާ ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފި އެވެ.
ޓީޓީއެމް އިންތިޒާމުކުރާ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ 150 ޓްރެވަލް އެޖެންޓުންނާއި ޓޫރިޒަމް ވިޔަފާރީގެ ފަރާތްތައް އަދި އިންޓަނޭޝަނަލް މީޑިޔާ އަންނަ މި ފެއާގެ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ޓީޓީއެމް ފެއާ ބާއްވަނީ މި އަހަރުގެ ޖުލައި މަހުގެ 12-13 މިދެ ދުވަހު އެވެ.
މި ފެއާގައި ޕްރިމިއަމް އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި އަދާރަން ރިސޯޓްސް އާއި ޔުނިވާސަލް ރިސޯޓްގެ އަދި ކްރައުން ޗަމްޕާ ރިސޯޓުގެ އިތުރުން ބަންޑޮސް މޯލްޑިވްސް އާއި ވިލާ ރިސޯޓްސް ހިމެނެ އެވެ. މީގެ އިތުރުން މި ފެއާގައި ބޭރުގެ ބައެއް އެއާލައިންތައް ވެސް ބައިވެރިވާނެ އެވެ. ފެއާގައި އޭޝިޔާގެ އެންމެ ބޮޑު ބަޖެޓު އެއާލައިން "އެއާ އޭޝިޔާ" އެއާލައިން ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ޓީއެމްއޭ އާއި މޯލްޑިވިއަންވެސް ބައިވެރިވެފައިވެ އެވެ.
ޓީޓީއެމްގެ ގާލާ ނައިޓް އޮންނާނީ އަދާރަން ހުދުރަން ފުށީގަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް ދާއިރާ އަށް ހިދުމަތް ކޮށްފައިވާ 10 ފަރާތެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއްވެސް ދޭނެ އެވެ. މީގެ އިތުން ރާއްޖޭގެ ފުރަތަމަ "ހޮޓެލިއާ ސަމިޓު" ވެސް ޓީޓީއެމް ފެއާގައި އޮންނާނެ އެވެ. "ބީއެމްއެލް ހޮޓެލިއާ ސަމިޓުގައި" ބޮޑެތި ހޮޓެލް ޗެއިންތަކުގެ ވެރިންގެ އިތުރުން ރިސޯޓު ތަރައްގީ ކުރާ ފަރާތްތަކާއި ފަރުމާ ކުރުންތެރިން ވެސް ބައިވެރިވާނެ އެވެ. މީގެ އިތުރުން ފުރަތަމަ ޓޫރިޒަމް ކެރިޔާ ފެއާވެސް މި ފެއާގައި އޮންނާނެ އެވެ. މި ފެއާ އޮންނާނީ 13 ވަނަ ދުވަހުގެ ރޭ، 20:00-23:00 އަށެވެ.
ޓީޓީއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ.