އުތުރު ކޮރެއާއިން އިއްޔެ މިސައިލެއް ޓެސްޓް ކުރީ އެ މިސައިލަކީ ބޮޑު ނިއުކްލިއަ ވޯހެޑެއް އުފުލޭ ވަރުގެ އެއްޗެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރަން ކަމަށް އެ ގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ ކޭސީއެންއޭ އާ ހަވާލާދީ ރޮއިޓާސް ބުނީ އެ ގައުމުން އިއްޔެ ޓެސްޓްކުރީ މެދު އަދި ދުރު ރާސްތާ މިސައިލެއް ކަމަށާއި އެ މިސައިލް ޓެސްޓްކުރީ އެ ގައުމުގެ ލީޑަރު ކިމް ޖޮން އުންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
އިއްޔެގެ މިސައިލްޓެސްޓާ ބެހޭ މައުލޫމާތު އާއްމުކުރި އިރު އުތުރު ކޮރެއާއިން ވަނީ އެމެރިކާއަށް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ބުނެފައި ވަނީ އުތުރު ކޮރެއާގެ ގާބިލު ކަމާމެދު އެމެރިކާއިން ކުށް ހީކުރާ ކަަމަށާއި އެމެރިކާގެ މައިރަށް އޮތީ އުތުރުގެ ހަމަލާތައް ފޯރާ ހިސާބުގައި ކަމަށެވެ.
އުތުރު ކޮރެއާއިން އިއްޔެ މިސައިލެއް ޓެސްޓް ކުރުމުން އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ އުތުރު ކޮރެއާއިން ޓެސްޓްކުރި މި ސައިލްގެ ކަންތައް ބަލަމުން އަންނަ ކަމަށާއި އެއީ ދުނިޔޭގެ ގައުމުތަކުން ގެންގުޅޭ ބެލިސްޓިކް މިސައިލްތަކާ އެއްކަހަލަ މިސައިލެއް ނޫން ކަމަށެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޓޮމޯމީ އިނާޑާ ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން ޓެސްޓްކުރީ އާ ވައްތަރެއްގެ މިސައިލަކަށް ވެދާނެ ކަމަށެވެ.
ދެކުނު ކޮރެއާ އާއި ޖަޕާނުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ އުތުރު ކޮރެއާއިން ފޮނުވައިލި މިސައިލް 1245 މޭލު އުހުން 430 މޭލުގެ ރާސްތާއަކަށް ދަތުރުކުރި ކަމަށެވެ. އަދި ބުނީ އެއީ އުތުރު ކޮރެއާއިން ފެބްރުއަރީ މަހު ޓެސްޓްކުރި އިންޓަަމީޑިއޭޓް ރޭންޖްގެ މިސައިލް ދަތުކުރި ވަރަށް ވުރެ ދުރު އަދި އެއަށް ވުރެ އުސްމިނެއް ކަމަށެވެ. އެހެންވެ، އުތުރު ކޮރެއާގެ މިސައިލް އުފެއްދުމުގެ ގާބިލުކަން ފްބްރުއަރީ މަހު ހުރި ވަރަށް ވުރެ އިތުރު ވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.
މާހިރުން ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން މިއަދު ޓެސްޓް ކުރި މިސައިލް މިއަދު ފޮނުވައިލި ވަރަށް ވުރެ މަތިން ފޮނުވާލައިފި ނަމަ އެ މިސައިލް މާ ދުރަށް ދަތުރު ކުރާނެ ކަމަށެވެ.
ދެކުނުކޮރެއާގެ ވެރިރަށް ސޯލްގައިވާ ކިޔުންނަމް ޔުނިވާސިޓީގެ އިންސްޓްޓިއުޓް އޮފް ފާ އީސްޓާން ސްޓަޑީޒްގެ މާހިރު ކިމް ޑޮން ޔުބް ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ބެލިސްޓިކް މިސައިލްތައް ފޮނުވާލާ އާއްމު އުސްމިނުން ފޮނުވާލައިފި ނަމަ އުތުރު ކޮރެއާގެ މިސައިލް 3700 މޭލަށް ދަތުރުކުރާނެ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެމެރިކާގެ ހަވާއީއާ ހަމައަށް އެ މިސައިލް ފޯރާނެ އެވެ.
އުތުރު ކޮރެއާއިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފައި މިވަނީ އެމެރިކާއާ އެ ގައުމާ ދެމެދު ވަރުގަދަ އަަރައިރުމެއް ހިނގަމުންދާ ވަގުތެއްގައެވެ. އުތުރު ކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކުރާނެ ކަމަށް ބުނާތީ އެމެރިކާއިން ދަނީ އެގައުމަށް ބިރު ދައްކަމުންނެވެ. އެގޮތުން އުތުރު ކޮރެއާއަށް ބާރުވެރިކަން ދައްކައިލުމަށް އެމެރިކާއިން ވަނީ ކޮރެއާ ސަރަހައްދަށް ދާން މަނަވަރުތަކެއް ފޮނުވާފަ އެވެ. ހަނގުރާމަމަތީ މަތިންދާ ބޯޓްތައް އުފުލާ ޔޫއެސްއެސް ކާލް ވިންސަންއާއި އެ އުޅަނދަށް މަދަދުކުރާ އުޅަނދު ތަކުން ކޮރެއާ ސަރަހައްދުގައި ފަރިތަކުރުންތަކެއް ބާއްވާނެ އެވެ. އެމެރިކާއިން ދެކުނު ކޮރެއާއަށް ފޮނުވި ނިއުކްލިއަ ހަކަތައިން ދުއްވާ ސަބްމެރިން އާއި ޖަޕާނުގެ އުޅަނދުތައް ވެސް އެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ.
އުތުރު ކޮރެއާއަށް އަސްކަރީ ބާރުދެއްކުމުގެ ހަރަކާތްތަކުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށް، އުތުރު ކޮރެއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނިއުކްލިއަ ޓެސްޓް އަވަސްކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި އުތުރުކޮރެއާއިން ފާހަގަކޮށްފައި ވަނީ މިކަންތައްތަކެވެ.
އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކޮށް، ނުރައްކާތެރި ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފައެވެ. އެގަރާރުތައް ފާސްކުރުމުގައި ވެސް އެމެރިކާއިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބައި އުތުރުކޮރެއާއިން ވަނީ މިހައިތަނަށް ނިއުކްލިއަ ފަސް ޓެސްޓެއް ކޮށްފައެވެ.