ދުނިޔެ

އިޒްރޭލުން ދިން ޓެކްސް ފައިސާ ފަލަސްތީނުން ބޭނުމެއް ނުކުރި

Apr 6, 2015

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ މެންބަރުކަން ހޯދަން ފަލަސްތީނުން މަސައްކަތް ފެށުމުން އިޒްރޭލުން ހިފެހެއްޓި ފަލަސްތީނުގެ ޓެކްސް ފައިސާ ފަހުން ދީފައި ވިޔަސް އެ ފައިސާ އިން އުނިކޮށްފައި ވާތީ އޭގެ ބޭނުން ނުކޮށް ރައްދުކުރައްވާފައިވާ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފަަލަސްތީން މިހާރު އައިސީސީގެ މެންބަރަކަށް ވެފައި ވާއިރު، ރައީސް އައްބާސް ވިދާޅުވީ ޓެކްސް ފައިސާ ރައްދުކުރީ އެއިން ތިން ބައިކުޅަ އެއްބައި އުނިކޮށްފައި ވާތީ ކަމަށެވެ. އައްބާސް ވިދާޅުވީ އެ ފައިސާ އުނިކޮށްފައި ވަނީ ޔުޓިލިޓީސް ބިލްތަކަށް ކަމަށް އިޒްރޭލުން ބުނާ ކަމަށެވެ.

ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ މައްސަލަ އައިސީސީ އަށް ހުށަހެޅުމުގެ ބާރު މިހާރު ފަލަސްތީނަށް ލިބިގެން ވާއިރު އައްބާސް ވަނީ ފަލަސްތީނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ނުދީފި ނަމަ އެ މައްސަލަ އައިސީސީ އަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ޓެކްސްގެ ގޮތުގައި ފަލަސްތީނަށް ލިބެންޖެހޭ ފައިސާ ވެސް ނަގަނީ އިޒްރޭލުންނެވެ. މީގެ ކުރިން ވެސް އިޒްރޭލުން ވަނީ މިގޮތަށް ޓެކްސް ފައިސާ ނުދައްކާ ހިފަހައްޓައިފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފައިސާ ހިފަހައްޓާފައި ވާތީ ފަލަސްތީނުގެ ސަރުކާރު މުވައްޒަފުންގެ މުސާރަ ވެސް ވަނީ 40 ޕަސެންޓް ކުޑަކޮށްފަ އެވެ.

އިޒްރޭލުން ބުނީ ޓެކްސް ފައިސާ އިން އުނިކޮށްފައި ވަނީ ފަލަސްތީނު ރައްޔިތުންނަށް ކަރަންޓާއި ފެން އަދި ބޭސްފަރުވާގެ ކަންކަމަށް ހޭދަވެފައިވާ ފައިސާ ކަމަށެވެ.

"ފައިސާ ވަނީ ރައްދުކޮށްފައި. ހުރިހާ ފައިސާއެއް ނުދެ ނަމަ ދާނީ އާބިޓްރޭޝަނަށް ނުވަތަ އައިސީސީ އަށް. މަދުން ފައިސާ ދޭނަމަ ބޭނުމެއް ނުކުރާނަން،" އައްބާސް ވިދާޅުވި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ފަަލަސްތީނުން ރައްދުކުރި ފައިސާ، ފަލަސްތީނުން އެދުނު ކޮންމެ ވަގުތެއްގައި ވެސް އަލުން ހަވާލު ކުރުމަށް ތައްޔާރު ކަމަށެވެ. --ބީބީސީ