ހަބަރު

ރޯދަމަހަށް ހާއްސަކޮށް ދަތުރުވެރިންގެ ވަގުތީ މާރުކޭޓެއް

ރޯދަމަހަށް ހާއްސަކޮށްގެން ދަތުރުވެރިންގެ ވަގުތީ މާރުކޭޓެއް މާލޭ ހުޅަނގު ބަނދަރު ސަރަހައްދުގައި ގާއިމްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ހަމަޖައްސައިފި އެވެ.

މި މާރުކޭޓަކީ ދަނޑުވެރިންނަށް ދޭ ހާއްސަ ހިދުމަތެއްގެ ގޮތުން ހަމައެކަނި ދިވެހި އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިިނުމުގެ މަގްސަދުގައި ގާއިމް ކުރާ މާރުކޭޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ބުނީ ރޯދަމަހަކީ ދަނޑުވެރިން ގިނަ އުފެއްދުންތަކެއް އުފައްދާ ދުވަސްވަރަކަށް ވެފައި ބޮޑު ބައި މާކެޓް ކުރެވެނީ މާލޭގައި ކަމަކަށް ވުމުން ދަނޑުވެރިންނަށާއި ތަކެތި ގަންނަ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވާކަމަށެވެ. އަދި މި މާރުކޭޓު ގާއިމު ކޮށްދިނުމުގެ މަގްސަދަކީ އެ ދަތިތައް ހައްލުކޮށްދިނުން ކަމަށެވެ.

މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ވަގުތީ މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ދަނޑުވެރިންގެ ގްރޫޕްތަކުން ސިޓީ ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މާރުކޭޓުގައި ޖާގަ ދިނުމުގައި އިސްކަން ދެނޭނީ އެންމެ ގިނަ އަދަދެއްގެ ދަނޑުވެރިން ހުށަހަޅާ ރަށްތަކަށް ކަމަށާއި މިދިޔަ އަހަރު ރޯދަމަހު އެ ރަށަކުން ބޭނުންކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތުގެ އަންދާސީ މިންވަރާއި މިއަހަރު މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު ހިމަނަން ޖެހެ އެވެ.

މީގެ އިތުރުން މާރުކޭޓުގައި ވިއްކާ މުދަލަކީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތާޒާ މޭވާ އާއި ތަރުކާރީ ކަމުގައި ވާންޖެހޭނެ ކަމަށާއި މާރުކޭޓުތަކުގައި ތަކެތި ވިއްކަން ވާނީ ރާއްޖޭގެ ދަނޑުވެރިން ނުވަތަ ދަތުރުވެރިން ކަމަށާއި ކޮންމެ ރެއަކު ތަކެތި ވިއްކާ ނިމުމުން ގޮޅީގައި އުފެދޭ ކުނިތައް ކަނޑައަޅާ ތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މި މާރުކޭޓުގައި ވިއްކާ ތަކެތި ވައްދަން ފަށާނީ މެއި 27 ގައެވެ. އަދި ޖުލައި ފަހެއްގެ ކުރިން ތަން ހުސްކޮށް މިނިސްޓްރީ އާއި ހަވާލުކުރުމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ. އަދި ތަކެތި ވިއްކަން އެދޭ ފަރާތްތަކުން 21 މެއި ގެ ކުރިން ސިޓީ ހުށަހެޅުމަށް ވެސް ބުނެފައި ވެއެވެ.