ކުޅިވަރު

ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ޒެފްރޯލް އާއި ރަނަރަފު ކުޑަހެންވޭރުން، ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދަން ކުޅޭ މާލޭ ލީގް ކޮލިފައިން ބުރުން ޖާގަ ލިބިއްޖެ އެވެ. އެ ޖާގަ ލިބުމުން އެ ދެ ޓީމަށް ލިބުނު ހިތްހަމަޖެހުން ކިތަންމެހާ ވެސް ބޮޑެވެ. ނަމަވެސް މަރުހަލާތައް އޮތް ގޮތުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން އެ ދެޓީމަށް އޮތް ކަންބޮޑުވުން ވެސް ބޮޑެވެ.

މާލޭ ލީގް ކޮލިފިކޭޝަން މުބާރާތަށް ދެން ދާނީ، މާލޭ ލީގްގެ އަށް ޓީމުގެ ތެރެއިން، ގަދަ ހަތަރަކުން ޖާގަ ނުލިބުނު ހަތަރު ޓީމެވެ. މާލޭ ލީގްގެ ދެ ވަނަ ބުރު އަދި އޮތީ އަތް ނުލަ އެވެ. ދެ ވަނަ ޑިވިޝަންގެ ގަދަ ދެ ޓީމަށް، ކޮލިފިކޭޝަން މުބާރާތާ ހަމަޔަށް ދާންވާއިރަށް، ދެން ހަނދާނެ ގޮތެއް ނެތެވެ.

"އަދި އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް، ކޮލިފައިން މުބާރާތް ފެށޭނީ ކޮން ތާރީހެއްގައި ކަމެއްވެސް، އެ މުބާރާތް ފަށަންވާއިރަށް ބިދޭސީ ކުޅުންތެރިންނާއި އަތޮޅުތެރެއިން ގެނައި ކުޅުންތެރިން ހިފެއްހެއްޓޭނެ ކަމުގެ ޔަގީން ކަމެއް ނެތް،" ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލަށް ހޯދައިދިން، ކޯޗް އަހްމަދު ނާޝިދު (ނާދު) ބުންޏެވެ.

ދެ ވަނަ ޑިވިޝަން މުބާރާތަށްފަހު ދެތިން ދުވަހެއްގެ ތެރޭގައި ކޮލިފިކޭޝަން މުބާރާތް ފަށާނަމަ، ފުރަތަމަ ޑިވިޝަނަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް ނާދުއަށް އެބައޮތެވެ. ނަމަވެސް އެ ހާލަތެއް އުފެދިފައެއް ނެތެވެ. ކޮލިފިކޭޝަން މުބާރާތް ކުޅެން ޖެހޭނީ ކޮން ހަތަރު ޓީމެއް ކަމެއްވެސް ކަށަވަރު ވާނީ ދެވަނަ ބުރުން ނެވެ.

"މިހާރު އަޅުގަނޑުމެން ކުޅުންތެރިން ތިބީ ފިޓްނަސް ރަނގަޅުކޮށް، ފުރަތަމަ ޑިވިޝަނުން އަންނަ ހަތަރު ޓީމާ ރަނގަޅު ވާދައެއް މިހާރު ކުރެވޭނެ، ނަަމަވެސް މާފަހުން ކޮލިފައިން މުބާރަތް ކުޅެންޖެހޭ ކަމަށްވާނަމަ ކުޅުންތެރިންގެ ފިޓްނަސް ހުންނާނީ ދަށްވެފަ، އަދި ތިބި މުހިންމު ކުޅުންތެރިން އެހާ ހިސާބަށް ހިފެއްހެއްޓޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް،" އޭނާ ބުންޏެވެ.

ނާދު ބުނީ، ސްކޮޑަށް އިތުރު ކުޅުންތެރިން ހޯދައި، ވަރުގަދަ ކޮށްފިނަމަ، ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަކީ ނުވާވަރު ކަމެއް ނޫން ކަމަށާއި ނަަމަވެސް މިހާލަތު އޮތް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ކޮލިފައިން މުބާރާތް ފަށާނީ މާލޭ ލީގް ނިމުމަށް ފަހު އެވެ. އެ ހިސާބަށް ދާން ވާއިރަށް، ދެ ވަނަ ޑިވިޝަންގެ ދެ ޓީމަށް، ވާދަވެރި އެއްވެސް މެޗެއްގެ ފުރުސަތެއް ނެތެވެ.

"ދެ ވަނަ ޑިވިޝަންގެ މުބާރާތް ފެށުން ލަސްކޮށްލިނަމަ ރަނގަޅުވީސް، ދެ ވަނަ ޑިވިޝަންގެ މުބާރަތް ވެސް މާލޭ ލީގް ދެ ވަނަ ބުރު ނިމޭއިރު ނިމޭގޮތަށް މުބާރާތް ތާވަލު ކުރިނަމަ މިކަހަލަ މައްސަލަތަކެއް ދިމާ ނުވާނެ."

މުބާރާތްތައް ތާވަލުކޮށް ރާވާއިރު، އެފްއޭއެމުން ހުރިހާ ޓީމުތަކަށް ފެއާވާނެ ގޮތަކަށް ރާވަން ޖެހެ އެވެ. ނަމަވެސް، ކޮލިފައިން މުބާރާތް ތާވަލުކޮށްފައި އޮތް ގޮތުން، ދެ ވަނަ ޑިވިޝަންގެ ދެ ޓީމާ މެދު ފެއާކޮށް ކަންތައް ކުރެވިފައި އޮތްތޯ ސުވާލު ކުރަން ޖެހެ އެވެ.