ވާހަކަ

މުޅިޖާންހިތާ

(14 މެއި 2017 އާ ގުޅޭ) -- "އައިރާ... މަންމަ... މަންމަ މި އައީ އައިރާ ބަލާ" އައިރާ ފެނުމާއެކު ރުބީނާގެ އަޑާއި ހަރަކާތައް ވެސް ބަދަލު އައިތަން އައިރާއާއި އެތަނުގައި އޭރު ވެސް ހުރި ޝިމްލާއާ ދެ މީހުންނަށް ފާހަގަވެގެން ދިޔައެވެ.

ރުބީނާ ވާހަކަ ދެއްކުމުން ވެސް އައިރާއާއި ޝިމްލާ ތިބީ ހައިރާންކަމެއްގެ ތެރޭގައި ބުނާނޭ އެއްޗެއް ވެސް ނޭނގިފައެވެ. ޝިމްލާ ކުރިއަށް ޖެހިލާ ހުރިއިރު ހީވަނީ ރުބީނާގެ ފަރާތުން ކުރިމަތި ވެދާނޭ ކަމަކަށް ތައްޔާރުވެ އައިރާގެ ދިފާއުގައި ހުރި ހެންނެވެ.

"އައިރާ! މަންމަ ބުނި އެއްޗެއް އަޑެއް ނީވޭތަ؟ ކީއްވެތަ ތި ހުންނަނީ؟ މަންމަ މި އައީ އައިރާ ބަލާ" އާދޭހުގެ ރާގެއްގައި ރުބީނާ ބުނެލިއެވެ.

"ކީއްކުރަން އޭނާ ގެންދަނީ؟" އެންމެފަހުން ނުހުރެވިގެން ޝިމްލާ އެހިއެވެ.

"އަހަރެންގެ ނިޔާނު ވަކިވުމުން ކަލޭމެން ތިއުޅެނީ އޭނާގެ އަންހެނުން ވެސް މަށާ ދުރަށް ގެންދަންތަ؟ ބަލަ ނިޔާނު ކައިވެނިކޮށްގެން އައިރާ ގެނެސް ބެހެއްޓީ އަހަރެންގެ ގާތުގައި... އަހަންނަށް އެނގޭ ނިޔާނު ވަކިވެދިއުމާއެކު އައިރާއާ މެދު ކަންތައް ކުރެވުނީ ވަރަށް ހަރުކަށިކޮށްކަން... އަހަރެންގެ ދަރިފުޅު ދޯ ވަކިވެގެން އެ ދިޔައީ... މަޔަކަށް އޭނާގެ ޒުވާން ދަރިފުޅު ވަކިވެގެންދާއިރު އަސަރެއް ނުކުރާނެތަ؟ އަހަންނަށް ލިބުނު ކުއްލި ޝޮކުގައި އައިރާއާ ދޭތެރޭ އެހެން ކަންތައް ކުރެވުނީ... ދަރިފުޅާ އައިރާ! މަންމައާއެކު ހިނގާ... ނިޔާނު ވަކިވެގެން ދިޔައިރު މިއަދު އައިރާ ވެސް މަންމައާ ވަކިވެގެން ދާންތަ ބޭނުންވަނީ؟ މައު ވެސް އުޅެނީ އައިރާ ނެތީމަ އެކަނިވެގެން... އަހަންނަށްވުރެ އައިރާގެ ގާތުގައި އެކުއްޖާ އުޅޭ ވަގުތާއި ކަންތަކު ކިޔާލެއް ގިނަކަން ޚުދު އައިރާއަށް އެނގޭނެ... ދެން ހިނގާ މަންމައާއެކު... އައިރާ އުޅޭންވާނީ މަންމައާއި މައުއާއެކު... އޭރުން ދެން މަންމަގެ ކުޑަކުޑަ ޢާއިލާ ފުރިހަމަވާނީ"

ރުބީނާގެ ވާހަކަތައް އަޑު އަހާފައި އައިރާއަށް ލިބުނު އަންތަރީސްކަމަށްވުރެ ޝިމްލާގެ މޫނުމަތިން ފެންނަމުންދިޔަ ހައިރާންކަމުގެ އަސަރު އިންތިހާއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ރުބީނާއަށް ބަލަން އޭނާއަށް ހުރެވުނީއެވެ. އައިރާ ފިޔަވަޅެއް އަޅާލުމަށް އުޅުނު ވަގުތު އޭނާގެ އަތުގައި ޝިމްލާއަށް ހިފާލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަމީރުގެ ބެލުމުގެ ދަށުގައި އައިރާ އެ އިނީ... އަމީރު ނެތިސް އޭނާ ގެންދަން ނޫޅޭ" ފެންކަޅިވެ ލޮލުގެ ތެރޭ ބޮނޑިވަމުން އައި ކަރުނަތައް ނުހިފޭއްޓިގެން އުޅޭތަން ރުބީނާގެ ލޮލުން ފާޅުވަމުންދިޔައެވެ. އޭނާގެ އެ ކަރުނައިގެ ބާރުގައި އައިރާގެ ހިތް ދީލައިލާފާނޭތީވެ ޝިމްލާ ކަންބޮޑުވީއެވެ. އެހެން ހުއްޓާ ޝިމްލާގެ ކޮނޑުގައި އައިރާ އަތް ބާއްވާލިއެވެ. އެހިނދު ހާސްކަން އެކުލެވިފައިވި ޝިމްލާގެ ނަޒަރު އައިރާއަށް ހުއްޓާލިއެވެ. އައިރާ ބަލަން ހުރި ގޮތުން އޭނާ އެ އެދެނީ ޝިމްލާ ފަހަތަށް ޖެހި އޭނާއަށް ތަންދެއްކުމަށްކަން ޝިމްލާއަށް އެނގުނެވެ. ބޭނުންނުވިޔަސް އައިރާއަށް ޓަކައި ޝިމްލާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

"އަހަރެން މަންމަދެކެ ރުޅިއެއް ނާދޭ... ބައްޕަ ގާތުގައި އަހަރެން މިވަގުތު ދިރިއުޅުނަސް މަންމައާ ދުރަކު ނޫން މި އުޅެނީ. އެހެންވީމަ ހީނުކުރޭ އަހަރެން މަންމައާ އެއްކޮށް ވަކިވީއޭ... މަންމަ ރުހޭނަމަ، މަންމަ އުޅޭ ބަޔަށް ވެސް އަހަރެން ވަދެ ހަދާނަން. މައު އެކަނިވާކަށް ނުޖެހޭނެ... އަހަންނަށް އެނގޭ ނިޔާނުއާއި މައު އުޅުނީ ކިހާ ގާތްކޮށްކަން... މިވަގުތު ނިޔާނު މަތިން މައު ވެސް ވަރަށް ހަނދާންވާނެކަން އެނގޭ" އައިރާގެ ވާހަކަ އިވިފައި ރުބީނާ މާޔޫސްވާ ގޮތްވިއެވެ. އޭނާއަށް ހީވީ އައިރާ ދެން އެނބުރި ރުބީނާއާއެކު ނުދާނެހެނެވެ. ނަމަވެސް ރުބީނާ މާ ކުޅަދާނައެވެ. ލިބުނު މާޔޫސްކަމުގެ އަސަރު ކުޑަކޮށް ވެސް އޭނާގެ މޫނުމަތިން ފާޅުވިޔަ ނުދިނެވެ. އޭގެ ބަދަލުގައި މޫނުގައި ދެއަތް އަޅައި ރޯންފެށީއެވެ. ހިތްދަތިވެ ހިތްހަލާކުވެފައި މަޔަކު ފަދައެވެ.

"މަންމާ..." އައިރާއަށް މަޑުމަޑުން ރުބީނާއަށް ގޮވާލެވުނެވެ. އަދި ރުބީނާގެ ގާތަށް ޖެހިލާ އޭނާގެ ކޮނޑުގައި ފިރުމާލިއެވެ.

"މަންމަ ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް... ހަމައެކަނި އެ ވާހަކަ އަޑުއަހާލަން މަންމައާއެކު އައިސް ދެވިދާނެތަ؟ އެންމެ ރަނގަޅު އައިރާ މި ބައިގައި ދިރިއުޅުނަސް... އެކަމަކު އިހަށް އައިސްދީ ފާނަންތަ؟ ނިޔާނުއަށް ޓަކައި މި މަންމަގެ އެދުން ފުރިހަމަކޮށްދީ ފާނަންތަ؟" މޫނުން ދެއަތް ނެގުމާއެކު އައިރާގެ އަތުގައި ހިފާލާ ރޮމުން ރޮމުން ރުބީނާ ވާހަކަދެއްކިއެވެ. އައިރާ ދޮރުން އެތެރޭގައި ހުރި ޝިމްލާއަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ލުމާއެކު ރުބީނާއާ ވާހަކަދެއްކިއެވެ.

"ހިނގާ..."

"އައިރާ..." ރުބީނާއާއެކު ދާން އައިރާ އެއްބަސްވުމާއެކު ޝިމްލާއަށް ގޮވާލެވުނީ ކަންބޮޑުވެފައި ހުރެއެވެ.

"އެބަ އަންނަން" އައިރާ ބުންޏެވެ. އޭނާ ހުއްޓުވަން ޝިމްލާއަކަށް ނުކެރުނެވެ. އެހެންނަމަވެސް ރުބީނާއާއެކު އައިރާ ސިޑިން ފައިބައިގެން ގޮސް ލޮލަށް ގެއްލެންދެން މަޑުކޮށްގެން ހުރުމަށްފަހު ޝިމްލާ އަވަސްވެގަތީ އަމީރަށް ގުޅާފައި ދާދި ދެންމެއަކު އެ ހިނގި ކަންތައް ކިޔައިދޭށެވެ.

* * * *

ރުބީނާ އުޅޭ އެޕާޓްމެންޓަށް ވަދެވުމާއެކު އައިރާއަށް ބަޔާންކުރާން ދަތި އިހުސާސްތަކަކުން ހިތަށް ބަރުކަން ލިބިގެން ދިޔައެވެ. ނިޔާނުގެ ހަނދާންތައް ލޯކުރިމަތީ ސިފަވާން ފެށިއެވެ. ސިޓިންރޫމުގައި ހުއްޓުން އަރާފައި އައިރާ ހުއްޓެވެ. އޭނާއަށް އިރުކޮޅަކު ބަލަން ހުރެފައި ރުބީނާ ގޮވާލިއެވެ. އަދި އޯގާތެރިކަމާއެކު އައިރާގެ ކޮނޑުގައި ހިފާ އޭނާއާ ގާތްކޮށްލިއެވެ. ރުބީނާގެ ފަރާތުން އެފަދަ އޯގާތެރި އެންމެ ބީހުލުމަކަށް އެދި އެދި ހުރި އައިރާގެ ހިތަށް ލިބިފައިވާ ހިތްދަތިކަން ލުއިވެގެން ދިޔަ ފަދައެވެ. ހަށިފުރާ ދޫކޮށްލެވުނު ނޭވާއާއެކު ރުބީނާގެ ކޮނޑުގައި އައިރާއަށް ބޯޖައްސާލެވުނެވެ.

"މަންމާ! ނިޔާނު އެނބުރި އަންނާނެނަމައޭ އަހަރެން ހިތަށް އަރާ" މަޑުމޮޅިކަމާއެކު އައިރާ މަޑުމަޑުން ބުނެލިއެވެ. އޭނާ ގޮވައިގެން ރުބީނާ އައިސް ސޯފާގައި އިށީނެވެ. އަދި އިހަށް މަޑުކުރުމަށް ބުނެފައި ރުބީނާ އެތެރެއަށް ވަދެގެން ދިޔައެވެ. ގިނައިރެއްނުވެ އޭނާ އެނބުރި އައީ ލެޕްޓޮޕެއް ހިފައިގެންނެވެ. އެ ފެނުމާއެކު އައިރާއަށް އެއީ ނިޔާނުގެ ލެޕްޓޮޕްކަން އެނގުނެވެ. ރުބީނާ އައިސް އެ ލެޕްޓޮޕް އައިރާއާ ހަވާލުކުރިއެވެ. އެހިނދު މޭގައި އެ ލެޕްޓޮޕް އައިރާ ޖައްސާ ބާރުކޮށްލިއެވެ.

"ނިޔާނުގެ މަތީން ދަރިފުޅު ހަނދާންކުރާނެވަރު މަންމައަށް އިހުސާސްކުރެވޭ... މި ލެޕްޓޮޕަކީ ނިޔާނުގެ ފުރަތަމަ އަތޮޅުތެރެއަށް ގޮސްފައި އައިސް ގަން އެއްޗެއް... މިއަދު އެކުއްޖާ ދުނިޔޭގައި ނެތްކަމުގައި ވިޔަސް ދަރިފުޅުގެ ހަނދާންތައް މި ލެޕްޓޮޕާ ގުޅިފައިވޭ... މަންމަ ބޭނުންވަނީ އައިރާގެ އަތުގައި މި ލެޕްޓޮޕް ބާއްވަން... ނިޔާނުގެ ކޮޓަރި މަންމަ ސާފުކުރީ އެކުއްޖާ ވަކިވެދިއުމުން އެކަމަށް ކެތްކުރަން ދަތިވެގެން... އައިރާގެ އިހުސާސްތަކާމެދު އޭރު ވިސްނާނެހާ ހިތްވަރު މި މަންމަގެ ނެތުނީ... މަންމައަށް މާފުކުރޭ. ދެން ދުވަހަކު ވެސް އެފަދަ ކަމެއްނުވާނެ... މަންމައަށް އެނގޭ އައިރާއަށް ޤަބުލުކުރާން ދަތިވާނޭކަން ވެސް... މަންމައަށް އައިރާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭ... އެހެންވެ ދޯ އައިރާ ބަލިވެ އިން ވާހަކަ މަންމަ ގާތުގައި ނުބުނީ... ވަރަށް ދެރަވި މަންމައަށް އެކަން ނޭނގި އޮތީމަ. އެ ޚަބަރުން މަންމައަށްވުރެ އުފާވާނެ ދެވަނަ މީހަކު މި ދުނިޔޭގައި ނުހުންނާނެ" ރުބީނާ އެންމެ ފަހުން ބުނެލި ބަސްތަކުން އައިރާ ދެރަވިއެވެ. އޭނާ ބަލިވެ އިންކަން ރުބީނާއަށް ސިއްރުކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ރުބީނާގެ ގާތުގައި އެ ވާހަކަ ބުނާނޭ ފުރުޞަތެއް ޚުދު ރުބީނާ ނުދޭތީ އައިރާއަށް ނުބުނެވިފައި އޮތީއެވެ.

"މަންމަ ގާތުގައި ނުބުނާކަށްނޫން" އިސްޖަހާލައިގެން އިނދެ އައިރާ ބުންޏެވެ.

"މަންމަ އެކަނިމާއެކަނި މައުރީންއާއި ނިޔާނު ގޮވައިގެން އުޅުނީ... މަންމަމެންގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ ނިޔާނު. އެ ދަރިފުޅު ވަކިވެގެން ދިއުމުން މަންމަ ކިހާ އެކަނިވާނެކަން އައިރާއަށް ވެސް އެނގޭނެ. މިއަދު މަންމައަށް މިއައި ބަދަލަކީ އައިރާގެ ސަބަބުން އައި ބަދަލެއް... ނިޔާނު ނެތް ނަމަވެސް އޭނާ އެ ދިޔައީ މަންމައަށް އައިރާ ފަދަ ރަނގަޅު ކުއްޖަކު މަންމަގެ ދަރިއަކަށް ހަދާދީފައި... ތެދަށް ބުނަންޏާ ނިޔާނު އަހަރުމެންނާ ވަކިވެގެންނެއް ނުދޭ... އައިރާގެ ބަނޑުގައި ތިވަނީ އަހަރެންގެ ނިޔާނު ފަދަ ކުޑަކުޑަ ނިޔާނެއް... އެ ދަރިފުޅު އުފަންވާތަން ދުށުމަށް މަންމަ މިވަނީ ކެތްތެރިކަން ކުޑަވެފައި... އަންހެންކުއްޖަކު ބަލިވެ އިންނަ ދުވަސްވަރަކީ އެކުއްޖާއަށް މައެއްގެ އެހީތެރިކަން ނުހަނު ބޭނުންވާނޭ ދުވަސްތަކެއް... މަންމައާއި މައުއަށް ލިބިފައިމިވާ ހިތާމަތައް ކުޑަކޮށްދެވޭނީ ހަމަ އައިރާއަށް... މަންމަމެންގެ އުންމީދު މިހާރު ގުޅިފައިވަނީ އައިރާއާ... ކުރިއަށް އޮތް ދުވަސްތައް އުފާވެރިވާނޭކަމުގެ ޚަބަރު ހިފައިގެން ތި އިނީ އައިރާ... މި ކުޑަކުޑަ ޢާއިލާއިން ގެއްލިފައިވާ ދިރުން އެނބުރި ގެނެސްދޭން ހުރީ ވެސް ހަމަ އައިރާ"

"މިވަގުތު އަހަރެން ކަންތައްކުރާންވީ ގޮތެއް އެއްގޮތަކަށް ވެސް ވިސްނުމަކަށް ނާދޭ. ބައްޕަ ވެސް ހުރީ ނިޔާނު ވަކިވެ ދިއުމުން އެކަމާ ވަރަށް ދެރަވެފައި. އަހަންނާމެދު އެމީހުން ވެސް ކަންތައް ކުރަނީ ދަރިއަކު ފަދައިން. އަހަރެން ބޭނުންވަނީ މައްސަލަ ނުޖެހި އުޅޭން... އެއްގެއެއްގައި އަހަރުމެން އެންމެން މި އުޅެނީ..."

"އައިރާއަށް އަދި އެއްކަމެއް ނޭނގި އޮތީމަ ތިހެން ތި ވާހަކަދައްކަނީ... މަންމަ ހުރީ މިވާހަކަ ނިޔާނު އެނބުރި އައުމުން ދައްކަން ނިންމައިގެން... އެކަމަކު އެ ދަރިފުޅު މަންމައަށް އެ ފުރުޞަތެއް ނުދިން... މިއަދު ނިޔާނުގެ ބަދަލުގައި މަންމަގެ ވާހަކަ އަޑުއަހަން ހުރި ކުއްޖަކީ އައިރާކަމުގައި މަންމަ ޤަބޫލުކުރަން... އައިރާ! މަންމަ މީހަކާ އިންނަން މި އުޅެނީ... ކައިވެންޏަށްފަހު މަންމައަށް ޖެހޭނީ ފިރިމީހާގެ ގެއަށް ބަދަލުވާން... މިގެއަކީ ނިޔާނުގެ ބައްޕަގެ ގެއެއް. މަންމައާއި މައުގެ ކަންތައްތައް ބަލަހައްޓަން ނިޔާނު ނެތްއިރު މަންމައަށް މިއަދު ކައިވެނިކުރުން ވަރަށް މުހިންމު. މީހަކާ އިނދެގެން އަމީރުގެ ގެއެއްގައި ދިރިއުޅޭކަށް މަންމަ ބޭނުމެއްނޫން. މަންމަ ބޭނުންވަނީ އައިރާ ވެސް މަންމައާއެކު ދާން. މަންމައާއެކު ދިރިއުޅެން"

ރުބީނާ ދެރަވެފައި އިނދެ އައިރާގެ ގައިގާ ފިރުމަމުން އެތައް ވާހަކައެއް ދެއްކިއެވެ. ހެނދުނު ސައިތައްޔާރު އަދި ނުކުރެވޭތީވެ ރުބީނާ ހުރީ ސައިނުބޮއެ ކަމުގައި ބުންޏެވެ. އެހެންނަމަވެސް އައިރާ ގާތު އޭނާއާއެކު ހެނދުނު ނާސްތާގައި ބައިވެރިވުމަށް އެދުނެވެ. ނޫނެކޭ ބުނާން ނުކެރިފައި ހުރެ ރުބީނާގެ އެ އެދުން އައިރާ ފުރިހަމަކޮށްދިނެވެ. ރުބީނާއާއެކު ކުޑަކުޑަ ބަދިގެކޮޅުގައި އައިރާ ހަރަކާތްތެރިވަމުންދިޔަ އިރު އޭނާގެ ހަނދާނަށް އައީ ނިޔާނާއެކު ދެކެވިފައި ހުރި ވާހަކަތަކެވެ.

"ނިޔާނު! ފެނޭތަ؟ މިއަދު އަހަންނާއި މަންމަ އެކުގައި ބަދިގޭގައި އުޅޭތަން ފެނޭތަ؟ މީ ނިޔާނު ދުށުމަށް އެދެމުން އައި ކަމެއް... ނިޔާނު ކުޑަކުޑަ ދުވަސްކޮޅަކު މަޑުކޮށްލިނަމަ... މި އުފާވެރިކަން ނިޔާނަށް ފެންނަން އަހަރެން ބޭނުން... މަންމަ އެވަނީ ނިޔާނު ނެތުމުން ވަރަށް އެކަނިވެރިވެފައި... ބަލާބަލަ! އަހަރުމެން ދެމީހުން ދެކެ ހިތްހަމަނުޖެހިފައި ހުންނަ މަންމަ މިއަދު ނިޔާނަށްވުރެ ވެސް އަހަރެންދެކެ ލޯބިން އެ އުޅެނީ... ނިޔާނު އަބަދުވެސް ބުނަމެއްނު މަންމަ އެހެން އުޅުނަސް ނިޔާނުދެކެ ވަރަށް ލޯބިވާނެއޭ... އަހަރެން ވެސް ދަރިއެއްގެ ގޮތުގައި މަންމަ ބަލައިގަންނާނެއޭ... މިއަދުމީ އެ ދުވަސް... މަންމަ އެ އެދެނީ މަންމަގެ ނިޔާނަށް އަހަރެންވުން... މަންމަގެ ހިތުގައި ނިޔާނަށް ދެވިފައިވާ މަޤާމު މިއަދު އެވަނީ އަހަންނަށް ދީފަ" އަމިއްލަ ޟަމީރު ވާހަކަދައްކަމުން ދިޔައިރު އައިރާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ނިޔާނު ވަކިވެދިއުމުން ލިބުނު ތަހައްމަލު ކުރާން ދަތި ހިތްދަތިކަމަށް ފަހު އައިރާގެ ހިތަށް ފުރަތަމަ ފަހަރަށް ފިނިކަމެއް ލިބިގެން ހިނގައްޖެއެވެ.

"މައު! ދަރިފުޅު... އާދޭ އަވަހަށް ސައިބޯން" އެތެރެއިން އައި މައުރީން ފެނުމާއެކު ރުބީނާ އަވަސް އަވަހަށް ބުނެލިއެވެ. ނަމަވެސް ސިހުމެއް ލިބިފައި ހުރި މީހަކު ފަދައިން މައުރީން ހުރީ ހުއްޓުން އަރާފައެވެ. އޭނާގެ ލޮލަށް ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައެވެ. ރުބީނާއާއި އައިރާ ކާމޭޒު ދޮށުގައި އެކުގައި ސައިބޯން އިނުމަކީ ހުވަފެނަކުން ވެސް ފެނުން ނާދިރުކަމެކެވެ. މަޑުމަޑުން ދެ ލޮލުގައި މައުރީން އަތްހިންގާލީ އަދިވެސް ނުހޭލެވެނީއޭ ހިތާއެވެ.

"މައު... އާދޭ ސައިބޯން" ހިނިތުންވެލަމުން އައިރާ ގޮވާލިއެވެ.

"ވަޓް އިޒް ދިސް..." މައުރީންގެ ސިކުނޑި ތެރޭ ސުވާލު މާކެއް ޖެހިގެން ދިޔައެވެ. ރުބީނާއާ އޭނާގެ ޢަމަލާއި ބަހާ ނުވެސް ގުޅެއެވެ. ކުރިމަތީން ފެންނަމުން ދިޔައީ މީގެ ކުރީން މައުރީން ދުށް ރުބީނާއެއް ނޫނެވެ. އެހެންނަމަވެސް ސުވާލެއް ކުރާކަށް ނުކެރުނެވެ. ރުބީނާ އެދުނު ފަދައިން ކާމޭޒު ދޮށުގައި އައިސް އިށީނެވެ. މައުރީންއާ މެދު ވެސް ރުބީނާގެ ޢަމަލުތައް ހުރީ މީގެ ކުރީން ދުވަހަކު ވެސް ނުހުންނަހާ ގާތްކޮށެވެ. މައުރީން ވެސް އައިރާއާ ލުއި ހިނިތުންވުމެއް ގަދަކަމުން ބަދަލުކޮށްލިއެވެ. ފެންނަމުންދަނީ ކޮންކަހަލަ ކުޅިވަރެއްކަމެއް ނޭނގި މައުރީން ވެސް އިނީ އެ ކުޅިވަރު ކުރިއަށްދާގޮތެއް ބަލާން ތައްޔާރުވެއެވެ. އޭނާގެ މަންމައަކީ ކާކުކަން ޚުދު މައުރީންއަށް އެނގޭތީ ކަހަލައެވެ. އެ މަންމަގެ އަމިއްލަ އެދުމެއްނެތި އައިރާ ފަދަ އަންހެންކުއްޖަކަށް ބަލާ ނުލާނެކަން މައުރީންގެ ހިތް ބުނާތީއެވެ.

ރުބީނާގެ އެޕާޓްމެންޓުގެ ބެލް އަޅާލި އަޑު އިވުނެވެ. އޭރު އެންމެން ތިބީ ސައިބޮއެ ނިންމާފައި އައިސް ސިޓިންރޫމު ސޯފާގައެވެ. ރުބީނާގެ ދެފަރާތުގައި އައިރާއާއި މައުރީން އިނެވެ. ތިންމީހުން ޝައުގުވެރިކަމާއެކު ބަލަމުންދިޔައީ ރުބީނާގެ އުނގުގައި އޮތް ފޮޓޯ އަލްބަމަށެވެ. ނިޔާނުގެ ކުޑައިރުގެ ދިރިއުޅުމާ ބެހޭގޮތުން އައިރާއަށް ނޭނގި ހުރި ބައެއްކަންކަން ރުބީނާގެ ވާހަކަތަކުން އެނގުނެވެ. އަދި ނިޔާނުގެ މީގެ ކުރީން ފެނުމުގެ ނަސީބު ލިބިފައިނުވާ އެތައް ފޮޓޯއެއް އައިރާއަށް އެ އަލްބަމްއިން ފެންނަމުންދިޔައެވެ.

"މި ގަޑީގައި ކާކުބާ އެ އައީ؟" ރުބީނާ އާދައިގެ ގޮތަކަށް ބުނެލިއެވެ. އަދި އުނގުގައި އޮތް ފޮޓޯއަލްބަމް އައިރާގެ އަތަށް ދިއްކޮށްލާފައި ތެދުވެގެން އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ.

"ކޮބާ އައިރާ؟" ނުރުހުމުގެ އަސަރު އެކުލެވިގެންވި ހަރުކަށި އަޑަކުން އަމީރު ތަންކޮޅެއް ބާރަށް ބުންޏެވެ. -- (ނުނިމޭ)