ހަބަރު

ރާއްޖެ ޓީވީ އިން މާފަށް އެދިއްޖެ

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސް ޔާމީން ރަޝީދު ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮތް، ފޮޓޯ އާންމު ކުރީތީ އެކަމަށް މާފަށް އެދޭކަމަށް ބުނެ ރާއްޖެ ޓީވީ އިން މިރޭ ބަޔާނެއް ނެރެފި އެވެ.

ރާއްޖެ އެމްވީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ފޮޓޯ އާންމު ކުރީ ރާއްޖޭގައި ބިރުވެރިކަން އޮތް މިންވަރު ހާމަ ކޮށްދިނުމަށާއި ތަހުގީގަަށް ބާރު އަޅައި އާއިލާއަށް އިންސާފު ހޯދާދިނުން އަވަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ފޮޓޯ ރާއްޖެ އެމްވީން އާންމު ކުރުމުގެ ކުރިން އެ ފޮޓޯއަކީ ދައުރުވެފައިވާ ފޮޓޯއެއް ކަމަށާއި އެކަމާ ގުޅިގެން ކިޔާފައިވާ ފާޑު ކިޔުންތައް ރާއްޖެއެމްވީއިން ބަލައިގަންނަ ކަމަށް ރާއްޖެ އެ ނޫހުން ބުންޏެވެ.

"... ނަމަވެސް ޔާމީންގެ މަރުގެ ހަމަލާ ކުށްވެރިނުކުރާ އެތައް ބަޔަކު އެ މަންޒަރު ދައްކުވައިދޭ ފޮޓޯ ކުށްވެރިކޮށް ފާޑުކިޔަމުން ދަނީ ހެޔޮ ނިތުގައެއް ނޫނެވެ. ބައެއް ފަރާތްތަކުން ރާއްޖެއެމްވީ އާއި ރާއްޖެއެމްވީގެ މުވައްޒަފުންނަށް އިންޒާރުދެމުންދާތީ އިންތިހާއަށް އެކަން ކުށްވެރިކުރަމެވެ." އެ ނޫހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮޓޯގެ ސަބަބުން ޔާމީންގެ އާއިލާއަށް ހިތްދަތި އިހުސާސްތަކެއް ކުރެވިފައިވާތީ އެ އާއިލާ ކިބައިންނާއި ރާއްޖެއެމްވީގެ ކިޔުންތެރިންގެ ކިބައިން ވަނީ މާފަށް އެދިފަ އެވެ.

"ޔާމީންގެ ފޮޓޯ އުނިކޮށްދިނުމަށް އާއިލާއިން އެދުމުން އެ ފޮޓޯ ރާއްޖެއެމްވީއިން ވަގުތުން އުނިކޮށްފައިވާ ވާހަކަ ވެސް ދަންނަވަން،" ރާއްޖެއެމްވީއިން ބުންޏެވެ.

ޔާމީނަށް ދިން ލާއިންސާނީ އަނިޔާގެ ވާހަކަ ޔާމީންގެ މަރުގެ މައްސަލާގައި އިންސާފު ލިބެންދެން މަރުވިޔަ ނުދީ އެ ނޫހުން ގެނެސްދެމުންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީން ރަޝީދުގެ ޒަހަމްތައް ފެންނަ ފޮޓޯ އާންމު ކުރުމާ ގުޅިގެން ފުލުހުން ވަނީ، އެ އާއިލާތަކަށް އިހުތިރާމް ކުރުމަށާއި އެކަހަލަ ފޮޓޯ އަދި ވީޑިއޯ އާންމު ނުކުރަމަށް ގޮވާލައި ޓްވީޓެއް ކޮށްފަ އެވެ. އަދި މި ފޮޓޯ އާންމު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ ރާއްޖެޓީވީގެ މި އަމަލް ކުށްވެރި ކުރަމުންނެވެ.