އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފައިނަލުގައި، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ހަތަރު ވަނަ ހޯދިއިރު، އެއް ވަނަ ހޯދީ ބޮޑުތަފާތަކުން ރޭސް ނިންމި ތުރުކީގެ ރާމިލް ގްލިއެވް އެވެ.
ހީޓްގައި 10.40 ސިކުންތުން ރޭސް ނިންމައި، އެއް ވަނައިގައި ރޭސް ފުރިހަމަކޮށް ސެމީ ފައިނަލުގައިވެސް ސާއިދު ރޭސް ނިންމީ 10.44 ސިކުންތުން ނެވެ. ނަމަވެސް ފައިނަލުގައި އޭނާ އަށް ރޭސް ފުރިހަމަ ކުރެވުނީ ހީޓާއި ސެމީފައިނަލަށް ވުރެ، ޕޮއިންޓް 0.2 ލަހުން ނެވެ.
ފައިނަލުގައި އެއް ވަނަ އަށް ދިޔަ ރާމިލް އަކީ، ހީޓްގައި ސާއިދުއާއި ވާދަކޮށް ދެ ވަނަ ހޯދި އެތުލީޓެވެ. ސެމީ ފައިނަލުގައި ދެ ވަނައިގައި އޭނާ ރޭސް ނިންމީ 10.31 ސިކުންތުން ނެވެ. ނަމަވެސް ފައިނަލުގައި އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އޭނާ ރޭސް ނިންމީ 10.06 ސިކުންތުން ނެވެ.
ސެމީ ފައިނަލުގައި ރާމިލްއާ ވާދަކޮށް އެއް ވަނަ ހޯދި ބަހްރެއިންގެ ފިޝާ އެންޑްރޫ ފައިނަލުގައި ދިޔައީ ދެ ވަނަ އަށެވެ. ހީޓްގައި ހުރިހާ ދުވުންތެރިންގެ ތެރެއިންވެސް އެންމެ އަވަހަށް ރޭސް ނިންމީ އޭނާ އެވެ. އެހެންވެ ހީޓާއި ސެމީ ފައިނަލުގައި އޭނާ އެއް ވަނަ ހޯދުމުން ފައިނަލުގައި އެއް ވަނަ އަށް ދާނެ ދުވުންތެރިޔަކީ އޭނާ ކަމަށް ބެލެވުނެވެ. ފައިނަލުގައި އޭނާ ރޭސް ނިންމީ 10.16 ސިކުންތުން ނެވެ.
ފައިނަލުގައި ތިން ވަނަ އަށް ދިޔައީ އޮމާންގެ އަލް ހާރިސީ ބަރަކާތު އެވެ. އޭނާ ރޭސް ނިންމީ، 10.35 ސިކުންތުން ނެވެ. ސާއިދު ހަތަރު ވަނައިގައި ރޭސް ނިންމި ނަމަވެސް، ކުޅިވަރު ވަސީލަތްތަކާއި އިންފްރާސްޓާރަކްޗާގެ ގޮތުން އެންމެ ކުރި އަރާފައިވާ ގައުމުތައް ސާއިދު ފަހަތަށް ޖައްސާލި އެވެ.
އެގޮތުން އޭނާ ވަނީ ގަތަރާއި ތުރުކީން ވާދަ ކުރި އަނެއް ދުވުންތެރިޔާވެސް ފަހަތަށް ޖައްސާލަފަ އެވެ.