މާފުށިން: އައިޝަތު މާހާ -- މާފުށީ މީހުން ބުނާ ގޮތުން ވިއްޔާ އެ ރަށަކީ ސިޔާސީ ކުލަގަނޑާއި ކޯޅުމުގެ މާބޮޑު ކަމެއް އޮންނަ ރަށެއް ނޫނެވެ. ރަށަށް އަރާ ފަތުުރުވެރިންނާއި އެހެނިހެން މެހެމާނުންނަށް ކަމޭހިތައި އެންމެން ގުޅިގެން ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށްވުރެ ބޮޑު ހުވަފެނެއް ނޯވެ އެވެ. އެކަމަކު މޯލްޑވިއަން އައިޑޮލް ތައާރަފްވެ ފުރަތަމަ ސީޒަނުގައި މި ރަށުގެ އަހްމަދު ނަޒީހު ބައިވެރިވެ ގޯލްޑެން ޓިކެޓް ހާސިލް ކުރުމާއެކު މުޅި ރަށް އެކަމުގައި އެކައްޗެއް ކިޔައި ނަޒީހު އުފުލައިލަން ނުކުތެވެ. ފުރަތަމަ ސީޒަނުގެ ޓްރޮފީ މާފުއްޓަށް އަރުވާށެވެ. ނަމަވެސް ވަކި ހިސާބަކުން ނަޒީހަށް ޖެހުނީ އައިޑޮލްގެ ދަތުރާ ވަކިވާށެވެ. އެކަންވީ މިރަށުގެ އެންމެނަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ.
އެގޮތް ދިމާވި ނަމަވެސް މިރަށު މީހުން އުންމީދު ކަނޑައެއް ނުލަ އެވެ. ދެވަނަ ސީޒަނުގައި ރަށް ތަމްސީލު ކުރަން ނެރުނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އޮޑިޝަނުން ބޮބް ހޮވި ގޯލްޑެން ޓިކެޓު ހޮވުމާއެކު އަނެއްކާވެސް އުންމީދު އާވީ އެވެ. ސީޒަން ދޭއްގެ ޓްރޮފީ މާފުއްޓަށް އަރުވަން އެންމެން އަތުކުރި އޮޅާލި އެވެ. ނުކުތީ ބޮބްއާ ދޭތެރޭ ޝައްކެއް އުފައްދާނެ ޖާގައެއް ނުލިބޭ ވަރަށެވެ.
މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވާން މާލޭގެ އޮޑިޝަނަށް ގޮސް ބޮބް ބުނީ މިހެނެވެ: "އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ސީޒަނުގެ ތަށި މާފުއްޓަށް ގެންދާނަން،" އޭނާ އެވަނީ ކިތަންމެ ރަނގަޅަކަށް ވެސް އެކަން ފުރިހަމަކޮށްފަ އެވެ.
ކޯޗުގެ އިރުޝާދާއެކު ޖަޖުން ފާހަގަކުރި ކަންކަން ރަނގަޅުކޮށް ކޮންމެ ރެއެއްގެ ހުށަހެޅުންވެސް އެންމެ ފުރިހަމަ ކުރަން ބޮބް ކުރަމުން ދިޔަ މަސައްކަތުގެ އިތުރަށް މި ރަށުގައި ބޮބަށް އެސްއެމްއެސް ކޮށް ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދިޔައީ ވަރަށް ފޯރީގަ އެވެ.
"ބޮބަށް ވޯޓު ދޭން އެސްއެމްއެސް ކުރަން އާއިލާއިން ވެސް ރައްޓެހިން ވެސް ގިނަ މަސައްކަތްތައް ކުރި. ހެދިކާ ހަދައި ވިއްކި ފައިސާ ހޯދަން،" ބޮބް އަށް ޓްރޮފީ ކާމިޔާބުކޮށްދެން ކުރި މަސައްކަތްތައް ހިއްސާ ކުރަމުން މާފުށީގެ ޒުވާނަކު ބުންޏެވެ. "މިރަށުގައި ބޮބްގެ ލަވަތައް ކޮންމެ ޝޯއެއްގައި ވެސް ބަލާނެ. ޝޯ ނުބަލާ މީހަކު މިރަށަކު ނުހުންނާނެ، ބަނދަރު މަތީގެ ދެތިން ތަނަކު ހުންނާނެ ޕްރޮޖެކްޓަރުން ސްކްރީނަށް އަޅުވާފައިވެސް. ގޭގޭގައިވެސް ހަމަ އެންމެން ބަލާނެ، އެއަށްފަހު އޮންނާނީ އެސްއެމްއެސް ކުުރުން،"
ބޮބަށް ދޭން އެސްއެމްއެސް ކުރުމުގައި މިރަށު އެންމެން ބައިވެރިވި އެވެ. ބޮބުގެ އާއިލާ އާއި ރައްޓެހިން ވެސް ކޮންމެ ޝޯއަކަށްފަހު އެސްއެމްއެސް ކުރެވޭ އެންމެ ގިނަ އަދަދު ކަމަށްވާ 50 އެސްއެމްއެސް ކޮންމެ ދުވަހަކުވެސް ފޮނުވަ އެވެ. ބޮބް އަށް އެސްއެމްއެސް ނުކުރާ މީހެއް މާފުށީގައި ނެތެވެ.
"އެ އާއިލާއިން ވަރަށް ގިނަ ކަންތައްތައް ކުރި އެސްއެމްއެސް ކުރަން ފައިސާ ހޯދަން. ރަށުގެ ހަމަ އެންމެން ކަހަލަ ގޮތަކަށް އެސްއެމްއެސް ކުރާނެ. ބޮބްގެ ހުރިހާ ރައްޓެހިން ކޮންމެ ދުވަހަކުވެސް 50 އެސްއެމްއެސް ފޮނުވަން ކޮންމެ ދުވަހަކުވެސް، ވަރަށް ފޯރި ގަދަ ވާނެ މިކޮޅުގައި،" ބޮބްގެ ރައްޓެެއްސަކު ބުންޏެވެ.
މިރަށުގެ ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ މެދުގައިވެސް ބޮބްގެ ނަން އޮތީ މަގުބޫލުވެފަ އެވެ. ރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް ފަތުރުވެރިން ވެސް ދިޔައީ ގަވައިދުން ޝޯތައް ބަަލަމުންނެވެ. އެ މީހުންނަށް ވެސް ބޮބް ވަރަށް ކަމުދިޔަ އެވެ. ބޮބް އިއްޔެ ރަށަށް އެރުމާއެކު ސެލްފީ ނެގުމާއި، އޮޓޯގްރާފް ހޯދަން ވެސް މި ރަށުގައި ތިބި ޓޫރިސްޓުން ދިޔައެވެ.
"ގެސްޓްހައުސްތަކުގައި ވެސް ހުންނާނެ ޝޯތައް އަޅުވާފައި ޝޯ ދައްކާ އެ ރޭތަކުގައި، ގިނަ ގެސްޓުން ބަލާނެ، އެމީހުން ވަރަށް އެންޖޯއި ކުރި،"
ރައްޔިތުން ގުޅިގެން ކުރި މަސައްކަތާއި، ލަވަކިއުމުގެ ހުނަރު ކުރިއަރުވަން ބޮބް ކުރި މަސައްކަތުން ޓްރޮފީ މާފުއްޓަށް ގެނެސްފި އެވެ. މިރަށަށް މިއޮތީ އީދުގެ ކުރިން އީދެއް އައިސްފަ އެވެ. ރަށުގެ ކުދިބޮޑު އެންމެން އަދިވެސް މި އީދުގައި އުފާ ކުރަނީ އެވެ.