"ތަސްނީމަށް އެއް ވަނަ ލިބުނުކަން އެނގުނީމަ ވަރަށް އުފާވި. ބުނަންވެސް ނޭނގެ އިހުސާސްތައް ކުރެވުނު. ހަޔާތުގައިވެސް ދިމާވި އެންމެ އުފާވެރިކަން އެއީ. ވަރަށް އުންމީދުކޮށް ދުއާކޮށް ވެސް ހެދިން ދަރިފުޅަށް އެ މަގާމު ލިބޭތޯ. ހަޔާތުގައި ލިބުނު ވަރަށް އުފާވެރި ދުވަހެއް،"
"ވަރަށް ޔަގީންކަން އޮތް ތަސްނީމް އަށް އެއް ވަނަ ލިބޭނެ ކަމުގައި. އެއީ މި މާފުށި ރައްޔިތުން އޭނައަށްޓަކައިވާ ގުރުބާނީ ފެނޭ. އެމީހުން ކުރާ މަސައްކަތް ފެނިފައި ވަރަށް ބޮޑު ޔަގީންކަމެއް އޮތް އެއް ވަނަ ލިބޭނެ ކަމުގެ. ދައްތަމެން ކަހަލަ ބަޔަކަށް ރަށުގެ މީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ސަޕޯޓު ދުވަހަކު ވެސް ހިތަކުންް ފިލައިގެން ނުދާނެ،" މުހައްމަދު ތަސްނީމް (ބޮބް) އަށް މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން އެއް ވަނަ ލިބުމުން ކުރެވުނު އިހުސާސްތައް ހިއްސާކުރަމުން ބޮބްގެ މަންމަ ޝަހީމާ މުހައްމަދު އިބްރާހިމް (ޝަހިންތަ) ބުންޏެވެ.
ޝަހިންތައާ ބޮބްގެ ބައްޕަ ޒާހިރު އަލީގެ ނުވަ ކުދިން ތިބޭއިރު ބޮބް އަކީ އެންމެ ހަގު ކުއްޖާ އެވެ. އާއިލާއާ ވަކިން ރަށުން ބޭރަށް އެކަނި އެއްވެސް ދަރިޔަކު ފޮނުވުމަކީ ޝަހިންތަ އެއްވެސް ވަރަކަށް ކުރަން ބޭނުން ކަމެއް ނޫނެވެ. ނަމަވެސް އާއިލާ އާ ދުރަށް ބޮބް ފޮނުވަން ނިންމީ ލަވަ ކިޔުމުގެ ހުނަރު އޭނާގެ ގައިގައި ހުރެފައި އެކަމަށް ބޮބް ބޭނުންވާވަރު އެނގުމުންނެވެ. ދަރިން ކިތަންމެ ބޮޑުވިޔަސް އެދަރިން އެކަނި އުޅެން ދޫކޮށްލުމަކީ ޝަހިންތަ ބޭނުންވާ ގޮތެއް ނޫނެވެ.
"ދާން ވެގެން އުޅުނު އިރު ވަރަށް ދެރަވި، އޭނަ ދެން އެކަނިންތާ އެތާ އުޅޭނީ. އޭނަ ނެތީމަ ވަރަށް ދެރަވި. ރަށުގައި ހުންނަން ފެށީމަ އަބަދުވެސް ގޭގައި އުޅޭނީ. ނެތީމަ ގޭތެރެ ވަރަށް ފަޅުވި، ވަރަށް ދެރަވެސްވި ފެންނަން ނުހުންނާތީ. އެކަނިހެން އެހެން މާލެ ތަންތަން ފޮނުވަން ހިންހަމަނުޖެހޭ، އަމުދުން ބޮޑެތި ފިރިހެން ކުދިންވެސް. މީހުންނާ އިނދެގެން އެދާ ކުއްޖަކު ދިޔަޔަސް އެއްވެސް މައްސަލައެއް ނެތް. އަނެއްހެން ކުޑަކުދިން އެކަނިން ތަންތަނަށް ދާން ހިންހަމަ ނުޖެހޭ ދެރަވޭ، އެކަންތަކާ އެހެންވެ އެހާ ގަބޫލެއް ވެސް ނޫން އެކަމަކުވެސް ފޮނުވީ އޭނަ ކުރާ ހިތްވާވަރުން" މާފުށީ ޖަލުގައި އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޝަހިންތަ ބުންޏެވެ.
ޝޯގައި ބައިވެރިވެ ބޮބް ލަވަ ކިޔަން ފެށި ހިސާބުން މަންމަގެ ހިތުގައި އުފެދިފައި އޮތް ނުތަނަވަސްކަން ފިލައި ބޮބަށް ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑުވި އެވެ. އެއީ ޝޯގައި އެންމެ ރީއްޗަށް ލަވަ ކިޔާ ބައިވެރިޔަކީ ބޮބް ކަމަށް ރަށު ރައްޔިތުން ގަބޫލުކޮށް އެވާހަކަ ދައްކަން ފެށީމަ އެވެ. ބޮޑަށް އެ ވާހަކަތައް ގަބޫލު ކުރެވުނީވެސް ބޮބަކީ ސްކޫލް ދައުރުގައި މަދަހަ އަދި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެ ވަނަތައް ހޯދާފައިވާ ކުއްޖަކަށް ވާތީ އެވެ.
އައިޑޮލް ޝޯތަކުގައި ލަވަ ހުށަހަޅައިދިން އިރު ބޮބްގެ މަންމަ ޝޯ ލައިވްކޮށް ބަލައިލަން ދިޔައީ އެންމެ ފަހަރަކު އެވެ. އެއީ ބެލެނިވެރިންނަށް ހާއްސަ ތީމަށް ލަވަ ކީ ރެއެވެ. އޭގެފަހުން ދިޔައީ ގްރޭންޑް ފިނާލޭ އަށެވެ. އެއްގޮތަކަށް ވެސް ދާން ބޭނުން ނުވާތީ އެއް ނޫނެވެ. އެފުރުސަތު ވީހާވެސް ގިނައިން ބޮބްގެ ތިމާގެ އަދި ރައްޓެހި ކުދިންނަށްނަށް ދޭށެވެ.
"މިރަށުގައި ކިޔެވި އިރުވެސް މަދަހަ މުބަރާތުންނާއި ޤުރުއާން މުބާރާތުން އެއް ވަނަ ހޯދި، މާލޭގައި ކިޔެވި އިރުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ އޭނަ އެއް ވަނަ ހޯދި. ތައްޓާއި ސެޓްފިކެޓްތައް ހުންނާނެ،"
ބޮބް އަށް ލަވަ ކިޔުމުގެ ހުނަރު ލިބިފައިވަނީވެސް މަންމަގެ ފަރާތުން ކަމަށް ބެލެވެ އެވެ. ބޮބްގެ މަންމަ އަކީ ރަށުގައި ބަނޑިޔާޖެހި ދުވަސްވަރު ނަގާ ކީ ލަވަ ކިޔުންތެރިޔާ އެވެ. ބޮބްގެ މާމައަކީވެސް ލަވަ ކީ މީހެކެވެ.
ގްރޭޑް ދެއަކާއި ހަމައަށް ރަށުން ކިޔެވުމަށްފަހު ދައްތަ އަކާއެކީ ބޮބް މާލެ ފޮނުވީ ވީހާވެެސް ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށެވެ. ގްރޭޑް ހަޔަކާއި ހަމައަށް މާލެއިން ކިޔެވުމަށްފަހު ހަތެއް އަދި އަށެއް ބޮބް ކިޔެވީ މާފުށިންނެވެ. ބޮބްގެ ތައުލީމީ ހަޔާތް ނިންމާލީ އިންޑިއާ އިންނެވެ. މާ މުއްސަނދި އާއިލާއެއް ނޫން ނަމަވެސް ބޮބަށް އެންމެ ރަނގަޅު ތައުލީމެއް ދިނުމަކީ އެއާއިލާގެ އެންމެ ބޮޑު އުންމީދެވެ.
"ތަސްނީމް ހުންނާނީ ވަރަށް މަޑުމަޑުން، ކުޑައިރުވެސް. އެ ގޮތްގަނޑު މިހާރުވެސް އެހުންނަނީ، ބަސް ގަބޫލު ކުރާނެ ވަރަށް. އޭނަ ކިތަންމެ ބޭނުން އެއްޗަކަސް އެހެން ކުއްޖަކު ބޭނުންވެއްޖެޔާ ދޭނެ ފަހުން ރޯން ޖެހުނަސް. އެގޮތުން ވަރަށް ފާހަގަކުރެވޭ، ދޮއްޓަށް ތިބޭ ހުރިހާ ކުދިން ބުނާ ބަސް އަހާނެ،"
"ގެއިންވެސް އެހާ ބޭރަށް ނުދާނެ، އުޅޭނީވެސް ރަނގަޅު ކުދިންނާއެކީގައި، އެމީހުން އައިސް އުޅޭނެ ގޭތެރޭގައި ތަސްނީމް ކޮޓަރި ތެރޭގައި، ލަވަ ކިޔުމާއި ނެށުމާއި ކަންތައް ކުރާނީ އެހެން ހުރިހާ ކުދިން އެކީގައި، ލަވަ އެއްޗެހި ކިޔާފައި ފޯނުން ދައްކާނެ އައިސް މަންމާ މިއީ އޭ މި ކުރާ ކަމަކީ ކިޔާފައި، ދައްތަވެސް ބަލައިލަން އެހެން ދޭތެރެއަކުން ކުރަނީ ކޮންކަމެއްތޯ އެމީހުން،" ޝަހިންތަ ކިޔައިދިނެވެ.
"ދެން ގެންގުޅޭން ބޮޑު ބުޅަލެއް ގޭގައި، އޭނަ ދާންވެގެން އޭތި ކޮންމެވެސް ރައްޓެހި ކުއްޖަކާއި ހަވާލުކޮށްފައި ދިޔައީ. އެބުޅާ ވެސް ގެންގުޅޭނެ،"
ބޮބްގެ މުޅި އާއިލާ މިއޮތީ މި ދާއިރާއިން އޭނާ ކުރިއަށްދާން ހުއްދަ ދީގެންނެވެ. އާއިލާގެ އެއްބާރުލުން އަބަދުވެސް ބޮބަށް ލިބޭނެ އެވެ. އައިޑޮލްގެ އެއްވަނަ އާއެކު ބޮބްގެ މަންމަގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތެވެ. އެއީ ބޮބްގެ ލޯ ރަނގަޅު ކުުރުމެވެ. އެ އާއިލާއަކީ މާ މުއްސަނދި އާއިލާއަކަށް ނުވުމުގެ ސަބަބުން އެކަން އޮތީ ނުވެފަ އެވެ.
"ތަސްނީމްގެ ލޯ ރަނގަޅު ކުރަން ބޭނުމީ. އައިޑޮލަށް ދިޔަ އެއް އުންމީދު އެއީ. އެތަނުން ރަނގަޅު ކާމިޔާބެއް ލިބިއްޖެޔާ އޭނަގެ ލޯ ރަނގަޅު ކުރުމާއި އިތުރަށް ކިޔެވުމާ. އޭނައަށް އޮތީ ލޮލަށް ރަނގަޅަށް ނުފެންނާތީ އެންމެ ފުރިހަަމައަށް ކުރިއަށް ނުގެންދެވިފަ. ކިޔަވަން ބޭނުންވާ ދާއިރާއިން ނުކިޔެވުނީވެސް އެހެންވެ. އޭނަގެ އެއް ލޮލަށް މިހާރު ނުވެސް ފެނޭ. އަނެއް ލޮލަށްވެސް ވަރަށް ފުސްކޮށް ފެންނަނީ. އެހެންވެ އެ ލޯ ބަދަލު ކުރުން އެންމެ ބޮޑު އުންމީދަކީ."
"ދައްތަމެންނަށް ކުރިން އެފަދަ ތަނަވަސް ކަމެއް ނުލިބޭ. އެހާ ބައިވަރު ކުދިން ތަކެއް ގޮވައިގެން އުޅުނުއިރު ވީމަ. ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް އެއީ، ދައްތަމެންމީ މުއްސަންޖެއް ނޫނޭ އެކަމަކު ފަގީރެއްވެސް ނޫނޭ، އާދައިގެ ދިރިއުޅުމެއް މި އުޅެނީ. ދެން ޖެހޭނީ ލޯނު ނަގަން. ތަސްނީމް ބޭނުމެއް ނުވި ލޯނެއް ނަގައިން އެކަން ކުރާކަށް. އެކަމަކު ދައްތަ ބޭނުން ލޯނެއް ނަގައިންވެސް އޮޕަރޭޝަން ކުރަން. އޭނަ ކުޑައިރު ޑޮކްޓަރަށް ދެއްކީމަވެސް ބުނި އޮޕަރޭޝަން ކުރަން. އޭރު އަދި މާ ހާލުގައި އުޅެނީ، ކުދިންތައް ކުޑަވީމަ،"
"އެކަމަކު މިހާރު ހުރިހާ ކުދިން ވަޒީފާއަށްދާތީ ހިންހަމަޖެހިގެން ދިރިއުޅެވޭ ވަރުވޭ، ދައްތަވެސް މިހާރު ވަޒީފާއަށް ދާނެ ކަމެއްވެސް ނެތް، ނުދިޔަސް އުޅެވޭނެ، އެކަމަކު އެތަނުގައި އުޅޭތާ މިއީ 19 ވަނަ އަހަރު. 20 އަހަރު ވަންދެން މި މަޑުކޮށްލަނީ،" ޝަހިންތަ ކިޔައިދިނެވެ.
އަވަސް އިން ބޮބް އަށް އަވަސް ޝިފާއަކަށް އަދި މިއުޒިކީ ދާއިރާއިން ކުރިއެރުން ލިބުމެވެ.