ދުނިޔެ

އެޑްވައިޒަރުގެ ތަހުގީގު ހުއްޓާލަން ޓްރަމްޕް އެންގިކަން ފަޅާއަރައިފި

May 17, 2017

އެމެރިކާ ސަރުކާރުގެ ނެޝަނަލް ސެކިއުރިިޓީ އެޑްވައިޒަރަކަށް ކުރިން ހުންނެވި މައިކަލް ފްލިންއާއި ރަޝިޔާ ސަރުކާރާ އޮތް ކަމަށް ތުހުމަތުކުރާ ގުޅުމުގެ ކަންްތައްތައް ތަހުގީގު ކުރުން ހުއްޓާލަން ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްް އެފްބީއައިގެ އޭރުގެ ޑައިރެކްޓަރު ޖޭމްސް ކޯމީ އަށް އެންގެވި ކަން ފާޅަ އަރައިފިއެވެ.

އެފްބީއައިގެ ޑައިރެކްޓަރު ކަމުން މިހާރު ވަކިކޮށްފައިވާ ކޯމީ ލިއުއްވާފައިވާ މެމޯއެއް ފެނުނު މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނީ އެ މައްސަލަ އަޅައި ނުލައްވައި ދޫކޮށްލައްވާނެ ކަމަަަށް އުއްމީދު ކުރައްވާ ކަމަށް ކޮމޭ އަރިހު ޓްްރަމްޕްް ވިދާޅުވި ކަމަށެވެ.

"ކޯމީ މެމޯ" ގެ ނަމުގައި އެމެރިކާގެ މީޑިއާގައި މަޝްހޫރުވެފައިވާ މެމޯގެ މައުލޫމާތު ފުރަތަމަ ހާމަކުރީ ނިއުޔޯކް ޓައިމްސްއިންނެވެ. އެ މައުލޫމާތު އާއްމު ކުރުމުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ވަނީ އާދައިގެ މަތިން އެ ވާހަކަތައް ދޮގު ކޮށްފައެވެ. ވައިޓްހައުސް އިން އެކަމާ ބެހޭގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޯމީ އާއި ރައީސް ޓްރަމްޕާ ދެމެދު ދެކެވުނު ވާހަކަތައް ގެނެސްދީފައި ވަނީ ތެދަށް ނޫން ކަމަށެވެ.

ފްލިންގެ ތަހުގީގު ދޫކޮށްލަން ޓްރަމްޕް އެދިވަޑައިގެންްނެވިކަން ފަޅާ އަރާފައި މިވަނީ ދެކަމަކާ ހެދި ޓްރަމްޕަށް ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ފުރަތަމަ ކަމަކީ އެފްބީއައިގެ ޑައިރެކްޓަރު ކަމުގެ މަގާމުން ކޯމީ ކުއްލި ގޮތަކަށް ވަކިކުރުމެވެ. ދެވަނަ ކަމަކީ އެމެރިކާގެ ސިއްރު މައުލޫމާތެއް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއަށް ދެއްވުމެވެ.

ކައިރި ކައިރީގައި ހިނގި މި ކަންތައްތަކާ ގުޅިގެން އެމެރިކާގެ ކޮންގެރްސްގެ މެމްބަރުން ވަނީ އެ ކަންތައްތައް މިނިވަން ޕްރޮސެކިއުޓަރެއް ހަމަޖައްސައިގެން އެކަންތައްތައް ތަހުގީގުކުރަން ގޮވާލާފަ އެވެ. ކޮންގްރެސްގައި ތިއްބަވާ ރިޕަބްލިކަން މެމްބަރުން ވެސް ވަނީ ކޯމީ މެމޯ ހޯއްދަވަން އެދިވަޑައިގަންނަވާނެ ކަަމަށް ވިދާޅުވެފައެވެ.