އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުން، ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު އާއި ސަރީސް އަހްމަދު ވެސް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ހީޓްގައި ސާއިދު ވަނީ ތިން ވަނައިގައި ރޭސް ނިންމާފަ އެވެ. އޭނާ ރޭސް ނިންމީ 21.53 ސިކުންތުން ނެވެ. ސާއިދު ދުވި ހީޓްގެ އެއް ވަނައިގައި ރޭސް ނިންމީ ތުރުކީގެ ސަފަރު އިޒެޓް އެވެ. އޭނާ ރޭސް ނިންމީ، 21.30 ސިކުންތުން ނެވެ.
އެ ހިޓްގެ ދެ ވަނައިގައި ރޭސް ނިންމީ، 100 މީޓަރު އިވެންޓްގެ ފައިނަލުގައި ދެ ވަނަ ހޯދި ދެކުނު އެމެރިކާ ބައްރުގެ އުތުރު އިރުމަތީގެ ސަރަހައްދުގެ ކުޑަ ގައުމެއްކަމަވާ ސާނާމްގެ ވަނަނަން ޖެފްރީ އެވެ. އޭނާ ރޭސް ނިންމީ 21.36 ސިކުންތުން ނެވެ. އޭނާ އަކީ 100 މީޓަރު އިވެންޓްގައި ސާއިދުއާއެކު ދުވި، ހީޓްގެ ތިން ވަނަ ހޯދި އެތުލީޓެވެ.
ސަރީސްގެ ހީޓްގައި، އޭނާ ވަނީ ހަތަރު ވަނަ ހޯދާފަ އެވެ. އޭނާ ރޭސް ނިންމީ 22.95 ސިކުންތުން ނެވެ. އެ ހިޓްގެ އެއް ވަނަ ހޯދީ އަލްޖީރިއާގެ އަތުމާނީ ސަކަންދަރު އެވެ. އޭނާ ރޭސް ނިންމީ، 21.51 ސިކުންތުން ނެވެ. އެ ހިޓްގެ ދެވަނަ ހޯދީ، ގެމްބިއާގެ ޖަމެހް އެޑަމާ އެވެ. އޭނާ ރޭސް ނިންމީ 21.61 ސިކުންތުން ނެވެ.
އެ ހީޓްގެ ތިން ވަނަ އަކީ، 22.45 ސިކުންތުން ނިންމި ގޭމްސް ބާއްވާ ގައުމު އަޒަރުބައިޖާންގެ އަބްސޮވް އާރިފް އެވެ.
ސާއިދު، ވާދަ ކުރާ ސެމީ ފައިނަލް އިވެންޓް އޮންނާނީ ރާއްޖޭ ގަޑިން އިރުއޮއްސި، 6:45 ގަ އެވެ. ސަރީސްގެ އިވެންޓް އޮންނާނީ 6:57 ގަ އެވެ. ރޭ ކުރިއަށް ދިޔަ 100 މީޓަރު ފައިނަލުގައި ސާއިދު ވަނީ ހަތަރު ވަނަ ހޯދާފަ އެވެ.