ކުޅިވަރު

200 މީޓަރު ދުވުމުން ސާއިދު ފައިނަލަށް

May 17, 2017

އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ސެމީފައިނަލު އިވެންޓްގައި، ދުވި ހީޓުން ތިން ވަނަ ހޯދައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު، ފިރިހެނުންގެ 200 މީޓަރުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސެމީ ފައިނަލުގެ ހީޓް ގައި ދުވެ، ސާއިދު ތިން ވަނަ ހޯދީ، 21.30 ސިކުންތުން ރޭސް ނިންމައިގެން ނެވެ. ސެމީގެ އިވެންޓް އޭނާ ތިން ވަނައިގައި ނިންމީ ހީޓް އިވެންޓްގައި އޭނާ ރޭސް ނިންމި ވަގުތަށް ވުރެ ޕޮއިންޓް 0.23 އަވަހަށެވެ. ހީޓް އިވެންޓްގައި ވެސް އޭނާ އަށް ލިބުނީ ތިން ވަނަ އެވެ. އޭރު އޭނާ ރޭސް ނިންމީ 21.53 ސިކުންތުން ނެވެ.

ސާއިދު ދުވި ހީޓް އެކަކުން، އެއް ވަނަ ހޯދީ ބަހްރެއިންގެ ޔައުގޫބް ސާލެމް އީދު އެވެ. އޭނާ ރޭސް ނިންމީ 21.11 ސިކުންތުން ނެވެ. ދެ ވަނަ ހޯދީ، ދެކުނު އެމެރިކާ ބައްރުގެ އުތުރު އިރުމަތީގެ ސަރަހައްދުގެ ކުޑަ ގައުމެއްކަމަށްވާ ސާނާމްގެ ވަނަނަން ޖެފްރީ އެވެ.

ޖެފްރީއަކީ ހީޓް އިވެންޓްގައި ވެސް ސާއިދުއާ ވާދަކޮށް ދެ ވަނަ ހޯދި އެތުލީޓެވެ. ސެމީ ފައިނަލުގައި އޭނާ ދެ ވަނަ ހޯދީ ހީޓް އިވެންޓްގައި ރޭސް ނިންމި ވަގުތަށް ވުރެ ޕޮއިންޓް 0.11 އަވަހަށެވެ. އޭނާ މިފަހަރު ރޭސް ނިންމީ، 21.25 ސިކުންތުން ނެވެ. ހީޓްގައި އޭނާ ރޭސް ނިންމީ، 21.36 ސިކުންތުން ނެވެ.

ދުއިސައްތަ މީޓަރު ސެމީ ފައިނަލުގައި، ރާއްޖޭގެ އަނެއް ދުވުންތެރިޔާ ސަރީހް އަހްމަދުވެސް ވަނީ ވާދަކޮށްފަ އެވެ. ނަމަވެސް އޭނާ އަށް ފައިނަލުގެ ޖާގަ ލިބިފަ އެއް ނުވެ އެވެ. އޭނާ ރޭސް ނިންމީ 23.15 ސިކުންތުން ނެވެ. ސަރީހް ދުވި ހީޓް ތިނަކުން އެއް ވަނަ ހޯދީ، ދެކުނު އެމެރިކާ ބައްރުގެ ކުޑަ ގައުމެއްކަމަށްވާ ގަޔާނާގެ ޖޯޖް ވިންސްޓޮން އެވެ. އޭނާ ރޭސް ނިންމީ 20.87 ސިކުންތުން ނެވެ. ސެމީގެ ތިން ހީޓުންވެސް އެންމެ އަވަހަށް ރޭސް ނިންމައި ސެމީއިން އެއް ވަނަ ހޯދީ އޭނާ އެވެ.

ތިން ވަނަ ހީޓްގައި ދުވި، ތުރުކީގެ ގްލިއެވް ރާމިލްވެސް ވަނީ 20.99 ސިކުންތުން ރޭސް ނިންމައި، ސެމީ އިވެންޓްގެ ދެ ވަނަ ހޯދާފަ އެވެ.

ސެމީ ފައިނަލުގެ ހީޓް ދޭކުން، އެއް ވަނަ ހޯދީ، ގެމްބިއާގެ ޖަމެހް އެޑަމާ އެވެ. އޭނާ ރޭސް ނިންމީ 21.11 ސިކުންތުން ނެވެ. މިއީ ހީޓް އިވެންޓަށް ވުރެ ޕޮއިންޓް 0.50 ގެ އަވަސް މިނެޓެކެވެ. ހީޓް އިވެންޓް އޭނާ ނިންމީ 21.61 ސިކުންތުން ނެވެ.

ދުއިސައްތަ މީޓަރު އިވެންޓްގެ ފައިނަލު ބުރު އޮންނާނީ، ރާއްޖޭ ގަޑިން މާދަމާ ރޭ 7:55 ގަ އެވެ.