ކުޅިވަރު

ބެންގަލޫރު ބަލިވެ މާޒިޔާ އެއްވަނަ ދަމަހައްޓައިފި

May 17, 2017

އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަފު، ބެންގަލޫރު އެފްސީ، މޯހަންބަގާން އަތުން 3-1 ބަލިވުމުން، ގުރޫޕް އީ ގެ އެއް ވަނަ މަގާމު ރާއްޖޭގެ މާޒިޔާ ދަމަހައްޓައިފި އެވެ.

މި މެޗު ފެށުމުގެ ކުރިން މާޒިޔާ ވަނީ މިއަދު، ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑްގެ މައްޗަށް 2-0 ކާމިޔާބު ހޯދައި، ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ.

ނަމަވެސް، މޯހަންބަގާން އަތުން، ބެންގަލޫރު މޮޅުވިނަމަ، ޕޮއިންޓްގެ ގޮތުން މާޒިޔާ އާއި ބެންގަލޫރު، އެއްވަރުވެ، ގެ ހެޑް ޓް ހެޑް ކުރިމަތިލުމަށް ބަލައި، ބެންގަލޫރަށް ގުރޫޕްގެ އެއް ވަނަ ލިބުނީ ހެވެ.

ނަމަވެސް މެޗުން، ބެންގަލުރޫ ބަލިވުމުން، މާޒިޔާއަށް ވަނީ ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 12 ޕޮއިންޓާއެކު އެވެ. ބެންގަލޫރަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

މޯހަންބަގާން އެމެޗުން މޮޅުވުމުން، އެޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީއިން މިއަހަރު އޭއެްފސީ ކަޕަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން، ދެކުނު އޭޝިއާ ސަރަހައްދުން ދެ ވަނަ ބުރަށް ދާނީ ގުރޫޕްގެ އެއް ވަނަ ޓީމެވެ.

ނަމަވެސް، އަދި ވެސް ގުރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބެންގަލޫރަށް އެބައޮތެވެ. އެއީ މިމަހު 31 ވަނަ ދުވަހު، މާޒިޔާއާ ދެކޮޅަށް އިންޑިއާގައި ކުޅޭ ދެ ވަނަ ލެގް މެޗުން މޮޅުވެގެން ނެވެ. އެ މެޗު އެއް ވަރުވިޔަސް، ދެ ވަނަ ބުރަށް ދާނީ މާޒިޔާ އެވެ.

ކަލްކަތާގެ ރަބިންދަރަ ސްޓޭޑިއަމްގައި، މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް މޯހަންބަގާންއިން އިން ނެވެ. ފުރަތަމަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގައިދިނީ ޖޭޖޭ ލާލްޕެކްލުއާ އެވެ.

ދެ ވަނަ ހާފު ފެށިގެން، ހަތް ވަނަ މިނެޓް ތެރޭގައި ސެމިނެން ޑޮއުންގެލް ވަނީ ބެންގަލޫރަށް ނަތީޖާ ހަމަހަމަ ކޮށްދީ އުންމީދެއް ހޯދައިދީފަ އެވެ.

ނަމަވެސް ކީން ލެވިސް ވަނީ 74 ވަނަ މިނެޓްގައި މޯހަންބަގާންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް އަލުން ލީޑް ނަގައިދިފަ އެވެ. ނަތީޖާ ފަރަގު ބޮޑުކޮށްދިނީ 80 ވަނަ މިނެޓްގައި ބިކްރަމަޖިތް ސިންހް ކާމިޔާބު ކުރި ލަނޑުން ނެވެ.

އޭއެފްސީ ކަޕްގައި، މި ދެޓީމު ބެންގަލޫރުގެ ދަނޑުގައި ކުޅުނު މެޗު، ބެންގަލޫރު ކާމިޔާބު ކުރީ 2-1 ން ނެވެ.