ދުނިޔެ

May 18, 2017
2

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވީ ހައިރާންކުރުވަނިވި ގޮތަކަށެވެ. އެމެރިކާގެ އިތުރުން މުޅި ދުނިޔެއަށް ވެސް އެކަންވީ ބޮޑު ޝޮކަކަށެވެ. އޭނާގެ ރިޔާސީ ވައުދުތަކަކީ އެމެރިކާގެ ރައީސް ކަމަށް މީގެ ކުރިން ކެމްޕޭން ކުރެއްވި އެއްވެސް ބޭފުޅަކު ވެވަޑައިގެންފައި ނުވާ ފަދަ ހަރުކަށި ވައުދު ތަކެކެވެ. މުސްލިމުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރުމާއި އެމެރިކާއާއި މެކްސިކޯއާއި ދެމެދު ބޮޑު ފާރެއް ލެއްވުމަކީ އެފަދަ ވައުދުތަކެވެ.

ވެރިކަމަށް ކުޑަ ދުވަސްކޮޅެއް ވީއިރު ޓްރަމްޕް ވަނީ އާދަޔާ ހިލާފު އެތައް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެފިޔަވަޅުތަކުން މާބޮޑެތި މައްސަލަތަކެއް ކުރިމަތިވެވަޑައި ނުގެންނެވިޔަސް މިދިޔަ ހަފްތާގައި އެޅުއްވި ފިޔަވަޅަކާ ގުޅިގެން އޭނާގެ ރިޔާސަތު ވަނީ ނުރައްކަލަށް ހުށަހޮޅިފައެވެ. ފެޑެރަލް ބިއުރޯ އޮފް އިންްވެސްޓިގޭޝަންސް ( އެފްބީއައި) ގެ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޖޭމްސް ކޯމީ މަގާމުން ދުރުކުރި ހިސާބުން ޓްރަމްޕް އިމްޕީޗްކުރުމުގެ ވާހަކަ މިހާރު ވަނީ އެމެރިކާގައި ވައިގައި ހިފާފައެވެ. ކޯމީ މަގާމުން ވަކިކުރެއްވިތާ ދެތިން ދުވަސް ތެރޭގައި ނިއުޔޯކް ޓައިމްސް ނޫހުން ވަނީ ވެރިކަމުންް ޓްރަމްޕް އިމްޕީޗްކުރަން ޖެހޭ ފަދަ މައްސަލައެއް ފެންމަތިކޮށްފައެވެ. އެއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓްރަމްޕްގެ ކެމްޕޭން ޓީމާއި އެމެރިކާގެ ހަތުރު ރަޝިޔާއާ ދެމެދު އޮތް ގުޅުން ތަހުގީގު ކުރަން އެފްބީ އައި އިކން ކުރަމުން އަންނަ މަސައްކަތަށް އޭނާ ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެވެ.

ނިއުޔޯކްޓައިމްސް އަށާއި ސީއެންއެން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވާ ގޮތުގައި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައިވާ މައިކަލް ފްލިންއާ ރަޝިޔާއާ ދެމެދު އޮތް ކަމަށް ތުހުމަތު ކުރެވޭ ގުޅުން ބެލުމަށް ކުރާ ތަހުގީގު ހުއްޓައިލުމަށް ޓްރަމްޕް ވަނީ ކޯމީގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފަށް ހުރަސް އެޅުއްވުމެވެ. އެއީ ވެރިކަމުން އަޒުލު ކުރެވޭ ފަދަ ކުށެކެވެ.
މިހިސާބުން އުފެދޭ ސުވާލަކީ އެއީ ތެދަކަށް ވެއްޖެ ނަމަ ޓްރަމްޕް ވެރިކަމުން އަޒުލުކުރެވޭނެތޯ އުފެދޭ ސުވާލެވެ.

އެއީ ވަރަށް ބޮޑު ކަންތައްގަނޑެއް

އެމެެރިކާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރައީސްކަމުން ބޭފުޅަކު އަޒުލް ކުރުމަކީ ވަރަށް ކަންތައް ބޮޑު، ވަރަށް ދިގު މުއްދަތެއް ވެސް އެކަމަށް ހޭދަވާ ކަމެކެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސަކު މަގާމުން އަޒުލް ކުރުމުގެ ހުރިހާ ކަމެއް ކުރާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިންނެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން އެގޮތަށް ނިންމައިފި ނަމަ އެކަން ތަންފީޒުކުރުމާއި މެެދު ގޮތެއް ނިންމުމުގެ ޝަރީއަތް ހިންގާނީ ސެނެޓުންނެވެ. އެގޮތުން ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރެވެ. ވެރިކަމުން ބޭަފުޅަކު އަޒުލު ކުރުމަަށް ނިންމި ނިންމުންް ތަންފީޒު ކުރެވޭނީ ސެނެޓްގެ ތިން ބައިކުޅަ ދެބައި މެމްބަރުންްގެ ތާއީދު އެކަމަށް ލިބިގެންނެވެ.

ކޮންގްރެސްގެ ދެ ގޭގައި ވެސް މެޖޯރިޓީ އޮތީ ޓްރަމްޕަަށް

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެެނެޓްގެ މެޖޯރިޓީ ވެސް މިހާރު އޮތީ ޓްރަމްޕް އެޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ.
ވެރިކަމުން އަޒުލް ކުރަން އުޅެނިކޮށް، އިސްތިއުފާ ދެއްވި ރިޗަޑް ނިކްސަންއާއި އަޒުލް ކުރުމަށް ހައުސް އިން ނިންމި ނަމަވެސް އެކަންތައް ތަންފީޒު ނުކުރުމަށް ސެނެޓުންް ނިންމި ބިލް ކްލިންޓަން އަށް އެކަންތައްތައް ކުރިމަތިވެވަޑައިގެންނެވި އިރު އެމެރިކާ ޕާލަމެންޓްގެ މެޖޯރިޓީ އޮތީ އިދިކޮޅަށެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ ރައީސުން ނުވަތަ ނައިބު ރައީސުން އަޒުލް ކުރުމަށް ހައުސް އިން ނިންމި ނިންމުންތަކަށް ސެނެޓުން ތާއީދުކޮށްގައި ނުވާ ކަމެވެ.

ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީގެ ބޭފުޅަކަށް ވާއިރު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 238 ގޮނޑީގެ ތެރެއިން 193 ގޮނޑީގައި ތިއްބެވީ ރިޕަބްލިކަނުންނެވެ. މީގެ މާނައަކީ ޓްރަމްޕް ވެރިކަމުން އަޒުލް ކުރެވޭ ވަރަށް މެޖޯރިޓީ ހަމަކުރެވޭނީ އޭނާގެ އަމިއްލަފުޅު ޕާޓީގެ 20 މެމްބަރަކުވެސް ވޯޓް ދެއްވައިގެން ކަމެވެ. އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ސެނެޓްގެ ވެސް މެޖޯރިޓީ އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. ސެނެޓްގައި އެޕާޓީގެ 52 މެެމްބަރުން ތިއްބަވައެވެ. އެހެންވީމާ އަޒުލް ކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި ހަމަ ކުރެވޭނީ އެޕާޓީގެ 19 މެމްބަރަކު އިދިކޮޅަށް ވޯޓްދީގެންނެވެ. އެއީ ވަރަށް ދުރުކަމެކެވެ.

ރިޕަބްލިކަނުން ޓްރަމްޕާ ދެކޮޅެއް ނޫން

ޓްރަމްޕް ސަރުކާރާ ރަޝިޔާއާ ދެމެދު އޮތް ގުޅުން ތަހުގީގު ކުރުމަށް ހާއްސަ ޕްރޮސެކިއުޓަރެއް ހަމަޖައްސަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ މެމްބަަރުން އެޕާޓީގައި މަދެވެ. އަނެއްކާ " އިމްޕީޗްކުރުން" ( އަޒުލް ކުރުމުގެ) ވާހަކަ އެޕާޓީގެ އެއްވެސް މެމްބަރަކު ނުދައްކަވައެވެ. އެހެންވީމާ ޓްރަމްޕް މަގާމުން ދުރުކުރިޔަ ނުދީ ޕާޓީން އޭނާ ހިމާޔަތް ކުރާނެ ކަމަށް ބެލެވެއެވެ.

ޖޭމްސް ކޯމީ މަގާމުން ދުރުކުރެއްވިޔަސް، ސިއްރު މައުލޫމާތު ދެއްވިޔަސް، އަދި އެނޫން ފިޔަވަޅެއް އެޅުއްވިޔަސް ޓްރަމްޕްގެ ވެރިކަން އެހާ ފަސޭހައިން ވެއްޓުމަކީ އެމެރިކާގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ދުރުކަމެކެވެ.