ވާހަކަ

މުޅިޖާންހިތާ

(16 މެއި 2017 އާ ގުޅޭ)

"މި ގަޑީގައި ކާކުބާ އެ އައީ؟" ރުބީނާ އާދައިގެ ގޮތަކަށް ބުނެލިއެވެ. އަދި އުނގުގައި އޮތް ފޮޓޯއަލްބަމް އައިރާގެ އަތަށް ދިއްކޮށްލާފައި ތެދުވެގެން އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ.

"ކޮބާ އައިރާ؟" ނުރުހުމުގެ އަސަރު އެކުލެވިގެންވި ހަރުކަށި އަޑަކުން އަމީރު ތަންކޮޅެއް ބާރަށް ބުންޏެވެ.

ޝިމްލާ ގުޅާފައި ރުބީނާގެ ބަޔަށް އައިރާ ގެންދިޔަ ޚަބަރު ދިނުމާއެކު އޮފީހުގައި ހުރެފައި އަމީރު ވަގުތުން އައީ ގެއަށެވެ. އޭނާ އުޅޭ ބަޔަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ވެސް އެ އައީ ރުބީނާގެ އެޕާޓްމެންޓަށެވެ.

"އެބައިން އެތެރޭގައި" ރުބީނާ ރުޅި އިސް ނުކޮށްވޭތޯ މަސައްކަތް ކުރި އެވެ. އަމީރު އިތުރު އެއްޗެއް ނުބުނެ ރުބީނާ ހިފަހައްޓާލައިގެން ހުރި ދޮރުފަތް އަތުން ޖަހާ ހުޅުވާލި އެވެ. އަދި އެތެރެއަށް ވަންނަން އުޅުނު ވަގުތު ސޯފާގައި މައުރީނާއިއެކު ފޮޓޯއަލްބަމް ބަލަން އިން އައިރާ ފެނުނެވެ. އޭރު އެ ދެ ކުދީން ވެސް ތިބީ ދޮރު ކައިރީ ހިނގާކަމެއް ދެނެގަތުމަށް އެ ދިމާއަށް ބަލަހައްޓައިގެންނެވެ.

"އައިރާ! މިބައިގައި ކީއްކުރަނީ... ހިނގާ ބައްޕާއެކު" އައިރާއާއި މައުރީންގެ ކުރިމަތީ ޒުވާބުކޮށް އަޑުގަދަ ކުރަން އަމީރު ނޭދޭތީ ވާހަކަދެއްކީ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަމުންނެވެ.

"ކިހިނެއްވީ ބައްޕާ؟" އަމީރުގެ މޫނުމަތިން ނުރުހިފައި ހުރިހެން ހީވެ އައިރާއަށް ސުވާލު ކޮށްލެވުނެވެ. އަދި އަވަސް އަވަހަށް އުނގުގައި އޮތް ފޮޓޯއަލްބަމް ނަގާ ކުޑަމޭޒުމަތީ ބާއްވާލާފައި ސޯފާއިން ތެދުވެގެން އަމީރުގެ ގާތަށް އަތުވެއްޖެއެވެ.

"އިހަށް ދޭ މައްޗަށް. ރީން! ދަރިފުޅު ވެސް ކޮޓަރިއަށް ދޭ... ރުބީނާއާ ވާހަކައެއް ދައްކަންވެފައި އެބައޮތް" އަމީރު ބުންޏެވެ. އެއާއެކު މައުރީނާއި އައިރާއަށް ބަލާލަމުން ރުބީނާ ބޮލުން އިޝާރާތްކޮށްލީ އަމީރު ބުނާ ގޮތަށް ކަންތައް ކުރާށޭ އެވެ. އިތުރަށް މަޑުނުކޮށް އައިރާ ވެސް އެޕާޓްމެންޓުން ނުކުމެގެން ދިޔައީ ރުބީނާ އޭނާއަށް ދިން ނިޔާނުގެ ލެޕްޓޮޕް ހިފައިގެންނެވެ. މައުރީން އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.

"ރުބީނާ ކީކޭ ހިތައް އަރައިގެންތަ ތި އުޅެނީ... އައިރާގެ އިހުސާސްތަކާ ކުޅެންވެގެން ކަލޭ ތި އުޅެނީ އެކުއްޖާ ކީއްކޮށްގެން. އަހަރެންގެ އަމިއްލަ ދަރީން ރުބީނާގެ އަތްމައްޗަށް ދޫކޮށްލައިގެން އުމުރު މި ވޭތުކުރީ ތީ އެ ކުދީންގެ މަންމައަށްވީމަ. މަންމައާއި ދަރީން ދުރު ނުކުރުވަން ވެގެން... ދަރީންނަށް ބަފަޔަކީ ކާކުކަން ބުނެދޭން ހުރި މީހަކީ ވެސް ތީ. މިހާރު ދެން ކަލޭ ބޭނުންހާ ގޮތެއް އައިރާއަށް ހަދަން އުޅޭނެ ކަމެއްނެތް" އަމީރާއި ރުބީނާ ސިޓިން ރޫމުގައި އެކަނިވުމުން އަމީރު ހަރުކަށި ކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. ރުބީނާ ހަޅޭފަޅޭއް ޖަހާނޭކަން އަމީރަށް އެނގޭތީވެ އޭނާ ވެސް ބޭނުންވީ ރުބީނާއާ އަޑު ބާރުކޮށް ވާހަކަ ދައްކާށެވެ.

"އަހަންނަށް އެނގޭ އައިރާއާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އެހެންވެ އެއްނު އެކަން ރަނގަޅުކުރާން މިހާރު މި އުޅެނީ" އަމީރު ހީކުރި ގޮތާ ޚިލާފަށް ރުބީނާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އެހެންވީރު އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ. އައިރާ އުޅޭނީ އަހަންނާއެކު. ރުބީނާ އޭނާއާ ބައްދަލު ކުރަން ބޭނުންވާނަމަ މި ބަޔަށް ގެނެޔަސް އެންމެ ރަނގަޅު. އެކަމަކު ދާއިމީ ގޮތަކަށް މިބައިގައި ދިރިއުޅޭކަށް ދެނެއް އައިރާ ނުފޮނުވާނަން. ކުރެވުނު ކަންތައްތަކަށް އައިރާގެ ގާތުން ރުބީނާ ޖެހޭނެ މާފަށް ވެސް އެދެން"

"އަމީރު!... ކީއްވެ އެކަކު ވެސް ނުބުނީ އައިރާ ބަލިވެއިން ވާހަކަ. އަހަރެންގެ ނިޔާނު އެކުއްޖާއާ ކައިވެނިކޮށްގެން ފުރަތަމަ ވެސް ގެނައީ އަހަރެންގެ ގާތަށް. ނިޔާނާ އިނދެގެން މި ހުރިހާ ދުވަހު އެކުއްޖާ އުޅުނީ އަހަންނާއެކު. އަހަރެންގެ ދަރީންދެކެ ރުޅި އަންނަ އިރު އައިރާދެކެ ރުޅި އައުމުގެ ހައްޤު އަހަންނަށް ކީއްވެ ނޯންނަންވީ... އެވެސް އަހަރެންގެ ދަރިއެއްނު... ނިޔާނު ވަކިވެގެން ދިޔައީމަ އައިރާ މިބައިން ގެންދިޔަ މީހަކީ އަމީރު. އެވެސް އެކުއްޖާ ބަލިވެއިން ވަގުތު ބަލާފައި އަހަންނަށް އޮޅުވާލައިގެން. އަހަރެން ޤަބޫލު ކުރަން އަހަރެންގެ ކުށް. އެކަމަކު އައިރާއާ އަހަރެން އަބަދަށް ވަކިވުމަކީ އަހަރެން ޤަބޫލުކުރާނެކަމެއްނޫން. މިއަދު މައުރީނާއި އައިރާ ފިޔަވައި އަހަރެންގެ އިތުރު މީހަކުނެތް... އަހަރެންގެ ހިތަކީ ތި ހީކުރާހާ ހިލަ ހިތެއްނޫން. ކުށްކުރެވިގެން އެކަން ރަނގަޅުކުރަން މަސައްކަތް މިކުރަނީ. އެކަމަކު އަމީރު އަދިވެސް ތި އުޅެނީ އައިރާގެ ކުރިމަތީ އަހަރެންނަކީ ނުބައި މީހަކަށް ހަދަން" ރުބީނާގެ އަޑު މަޑުވަމުން ގޮސް ހިމޭންވިއެވެ. އިސްޖަހާލައިގެން ހުރެ އިރުކޮޅަކުން ފެނުނީ ލޯ ފުހެލިތަނެވެ. ކުރިމަތީ ހުރި އަމީރަށް ރުބީނާގެ އެއްވެސް ހަރަކާތެއް ޤަބޫލެއް ނުކުރެވުނެވެ.

އެވަގުތު އެޕާޓްމެންޓުގެ ބޭރުގައި އެއްކޮށް ނުލެއްޕި ހުރި ދޮރުކައިރީ އައިރާ މަޑުކޮށްލައިގެން ހުރި ކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ. ނަމަވެސް އަމީރާއި ރުބީނާއާ ދެމެދު ދެކެވުނު ވާހަކަތައް އޭނާއަށް އަޑު އިވުނެވެ. ލެޕްޓޮޕް މޭގައި ޖައްސާލައިގެން ހުރެ އައިރާއަށް ދެ ލޯ މަރާލެވުނެވެ.

"މަންމައަށް ހެޔޮ ވިސްނުން ލެއްވީތީ ޙަމްދުކުރަން. މީ އަހަރެންގެ ބަނޑުގައިވާ ދަރިފުޅުގެ ސަބަބުން މަންމައަށް އައި ބަދަލެއްކަން ޔަގީން" އައިރާ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ. އަދި މަޑުމަޑުން ހިލަންނުވާނޭހެން މައްޗަށް އަރަން ހުރި ސިޑިން އަރައިގެން ދިޔައެވެ.

"އަހަންނަށް ކުރީން ވެސް އެނގުނު ރުބީނާއަށް އައިރާ މުހިންމުވާނެކަން އެކުއްޖާ ބަލިވެއިންކަން އެނގިއްޖެއްޔާ" ރުބީނާގެ ހަރަކާތްތައް ހުރި ގޮތުން ވާނުވާނޭނގިފައި ހުރި މީހަކު ފަދައިން އަމީރު ހުރެ ބުންޏެވެ. މިފަހަރު އޭނާގެ އަޑުގައި ވެސް މަޑުމައިތިރި ކަމެއް ހުއްޓެވެ.

"ތިހެން ނުބުނޭ އަމީރު. އަހަރެން މިފަހަރު އައިރާ ގެނައީ ނުބައި ނިޔަތެއް އޮވެގެނެއްނޫން. އަހަރެން ދައްކާ ވާހަކަ އަމީރަށް ޤަބޫލު ނުކުރެވޭނެކަން ވެސް އެނގޭ. އެހެންވީ އަހަރެންގެ ކުށުން..." ރުބީނާ ރޮނީކަން އެނގުމުން އަމީރުގެ ނަފްސު ސިހުނެވެ. ޤަބޫލުނުކުރެވިގެންނެވެ. ކުރިމަތީ ހުރީ ރުބީނާކަމެވެ. ހަރުކަށިކަމާއި ނުރުހުމުގެ އަސަރު ނޫނީ ނުފެންނަ ރުބީނާ މިއަދު އަމީރުގެ ކުރިމަތީ ހުރެ އަމިއްލަ ކުށަށް އިއުތިރާފުވެ އެކަމާ ހިތާމަ ކުރުމަކީ ނާދިރުކަމެއްކަމުގައި ޚުދު އަމީރުގެ ޟަމީރު ޤަބޫލުކުރެއެވެ. އެހެންނަމަވެސް ލޮލަށް ފެންނަ ފެނުން ދޮގު ކުރެވޭކަށް ނެތެވެ. ޙިއްސުތަކަށް ކެހިދީފާނޭ އަމީރުގެ ހިތް ބުންޏަސް ޔަގީން ކުރާކަށް ނުކެރުނެވެ.

"އަހަރެން ދުށިން މިބަޔަށް ބަޔަކުމީހުން އައިސް ވަންނަނިކޮށް. އެމީހުންގެ ތެރޭގައި ވިޔަފާރިވެރިޔާ ޤައިސް ހުއްޓާ ދުށިން. ކީއްކުރަން އެ މީހުން ރުބީނާގެ ގާތަށް އައީ... އަނެއްކާ ތި އުޅެނީ އައިރާގެ ކިބައިން ފައިދާގަނޑެއް ނަގާނަމޭ ހިތާތަ؟"

"ހެޔޮނުވާނެ އަމީރު! ތިހާ ނުބައި ހީނުކޮށްބަލަ. އަހަރެން މި ބުނީނު އައިރާއަށް ދެރައެއް ދޭކަށް އަހަރެން ނޫޅެމޭ. އެކުއްޖާއެކޭ މައުރީންއެކޭ ތަފާތެއްނޫން... މިއަދު އޭނާއަށް މަންމައެއް އޯގާތެރިކަން ނުހަނު ބޭނުންވާނެ. އައިރާއަކީ އަޅާލާނެ މީހަކު ހުރި ކުއްޖެއްނޫން. ނިޔާނު އަހަރެންގެ ގާތުގައި އެ ވާހަކަ އޮތީ ބުނެފައި. ނިޔާނުއަށް ޓަކައި އަހަރެން އެކުއްޖާ ރަނގަޅަށް ބަލަހައްޓާނަން. އަމީރު ތި ވާހަކަ ދެއްކީމާ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީފާނަން... އިތުރަށް އަމީރަށް އެއްވެސް ކަމެއް އޮޅިފައި އޮންނާކަށް އަހަރެން ބޭނުމެއްނޫން"

ރުބީނާގެ ދެ ލޯ ފުހެމުން އޭނާ ވާހަކަދެއްކިއެވެ. ޤައިސްއާ ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރު އަމީރަށް އޭނާ ދިނެވެ. އަދި އެ ދެމެދުގައި އޮތް ގުޅުމަކީ ނިޔާނުގެ މަރުގެ މާ ކުރީން ވެސް އުފެދިފައި އޮތް ގުޅުމެއްކަން ރުބީނާ އޮޅުންފިލުވައިދިނެވެ. ނިޔާނުގެ ގާތުގައި ކައިވެނީގެ ވާހަކަ ނުދެއްކެނީސް އެ ދަރިފުޅު ވަކިވެގެން ދިޔައީކަމާއި މައުރީންނަށް ހުރިހާ ހަޤީޤަތެއް އެނގޭ ކަމެވެ. އަދި އެ ދަރިފުޅުގެ އެއްވެސް މައްސަލައެއް އެ ކައިވެންޏާ މެދު ނެތްކަން ވެސް ރުބީނާ ބުންޏެވެ.

"އެހެންވީމަ ތި އުޅެނީ އައިރާ މިގެއިން ގެންދަންވެގެން ދޯ" ރުބީނާގެ ވާހަކަ ނިންމާލި ތަނާހެން އަމީރު ބުންޏެވެ.

"އެހެނެއްނޫން. އަހަރެން ބޭނުން އައިރާ އަހަންނާއެކު އުޅެން. އެކުއްޖާއަށް އެއްވެސް ކަމެއް އުންޏެއްނުވާނެ. އަހަރެންގެ މައުރީންއެކޭ އައިރާއެކޭ އެއްވެސް ތަފާތެއްނުކުރާނަން. އެކަމަކު... އެކަމަކު އަހަންނާއެކު އައިރާ ގަދަކަމުން ގެންދާކަށް ބޭނުމެއްނޫން. އޭނާގެ ރުހުމުގައި އަހަރެންގެ ގާތަށް އަންނަން އަހަރެން ބޭނުންވަނީ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް އަމީރުގެ ގާތުގައި އައިރާ ހުންނަން ނިންމި ކަމުގައި ވިޔަސް. އެހެންވެއްޖެނަމަ އަހަރެންގެ އަމީރު ގާތުން އެދެން އޮތީ އެންމެ ކަމަކަށް. އެއީ އައިރާއާ ބައްދަލު ކުރުމުގެ ހުއްދަ އަހަންނަށް ދިނުން. ދުރުގައި ހުއްޓަސް އެކުއްޖާގެ ހާލު ބެލުމުގެ ހައްޤު އަހަންނަށް ވެސް ލިބިގެންވޭ. އަދި ނިޔާނުގެ ދަރިފުޅު އުފަންވާއިރު އެކުއްޖާގެ ގާތުގައި ހުންނަން އަހަރެން ބޭނުން... އަދި އެއްވާހަކަ... އަހަރެންގެ ހިތް މިހާރު ބުނަނީ އައިރާއަށް މި މާޙައުލާ ދުރަށް ދެވިގެން ނޫނީ އަލުން އުފާވެރިކަމެއް ނުލިބޭނޭ. ނިޔާނުގެ ހަނދާންތަކާ ވަތްކެއްނުވެވޭނެކަން އެނގޭ... އެހެންވިޔަސް މި ގޭގައި އޭނާ އުޅޭނަމަ ދިރިއުޅުމައިގެން ކުރިއަކަށް އޭނާއަކަށް ނުދެވޭނެ... އަމީރަށް ވެސް އެވަރު ވިސްނޭނެހެން އަހަންނަށް ހީވަނީ"

ދެ ލޯ ބޮޑުކޮށްލައިގެން އަމީރަށް ހުއްޓުން އަރާފައި ހުރެވުނީ އިތުރަށް ބުނާނޭ އެއްޗެއް ނޭނގިފައެވެ. ރުބީނާއަށް މިހާ ބޮޑު ބަދަލުތަކެއް އަތުވެދާނެއޭ ހުވަފެނުން ވެސް އަމީރަށް ހީނުކުރެވެއެވެ. އިތުރަށް ރުބީނާއާ ޖަދަލު ކުރުމުގެ ފޯރި ވެސް އެއްކޮށް ނެތިގެން ހިނގައްޖެއެވެ. ބަސްހުއްޓިފައި އިރުކޮޅަކު ހުރުމަށްފަހު އަމީރު އެނބުރުނީ ވަން ދޮރުން ނުކުންނާށެވެ. އެވަގުތު ރުބީނާ ގޮވާލި އަޑު އިވިފައި އަމީރު ހުއްޓުނެވެ. އަދި ފަސްއެނބުރި ރުބީނާއަށް ބަލާލިއެވެ.

"އަހަންނަށް ކުރެވިފައިވާ ކަންތައްތަކަށް އަމީރު މާފުކޮށްދޭނެކަމަށް ހީކުރަން. އެތައް އަހަރެން އަމީރުގެ ހިޔާވަހީގައި އަހަރެން ހޭދަކުރަމުންދިޔައީ އެކަމަށް ޝުކުރުވެރިވާން ހިތަށް ވެސް ނާރުވާ... މިއަދު އަހަރެން އަމީރަށް ޝުކުރުވެރިވަން... އެ ދުވަހު އަހަރެންގެ ހާލާގެން ބޭރުކޮށްލި ނަމަ އަހަރެން ބިކަވީސް. ދަރީންނާއެކު މި ގޭގައި އަހަރެން އުޅުމަށް އަމީރު ތަން ނުދެއްކި ނަމަ އަހަރެން މިއަދު އުޅޭނީ ކޮންފަދަ ހާލެއްގައި ކަމެއް ވެސް ނޭނގެ. ޝުކުރިއްޔާ! ކޮށްދިން ހުރިހާ ކަމަކަށް... ތީ ދަރީންދެކެ ތިންތިހާއަށް ލޯބިވާ ބައްޕައެއް... އަހަރެން ކައިވެނިކޮށްގެން ދިއުމުން އަހަންނަށް ހިތްހެޔޮ ކުރާނެކަމަށް ހީކުރަން" ރުބީނާއާ ދިމާއަށް ބަލަހައްޓައިގެން އަމީރު ހުރިއިރު އޭނާގެ ހިތުގައިވާ ރެނދުތަކުގެ ދޭތެރެތަކުން ވަޅުޖެހިފައިވާ ރުބީނާގެ ހަނދާންތައް އާވާން ފެށި ކަހަލައެވެ. އަމީރުގެ ކުރިމަތީގައި ހުރި ރުބީނާއަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އެހަނދާންތަކުން މިންޖުވާން އެންމެ ބޮޑު ހަނގުރާމައެއް ކުރި ލޯތްބެވެ. ދުވަހަކު ވެސް ރުބީނާއަށް ހެޔޮ ވިސްނުން ނުލިބޭނެއޭ ހީކުރި ރުބީނާ ދިޔައީ ކޮންތާކަށް ކަމެއް އަމީރަކަށް ނޭނގުނެވެ. ޔަގީނުން ވެސް ކުރިމަތީގައި ހުރީ އެ ރުބީނާއެއް ނޫނެވެ. މަޑުމަޑުން ބޯޖަހާލާފައި އަމީރު އިސްޖަހާލިއެވެ. އަދި ރުބީނާގެ އެޕާޓްމެންޓުން ނުކުމެގެން އޭނާ ހިނގައްޖެއެވެ.

"ކިހިނެއްވީ؟" އަމީރު އައިސް އެޕާޓްމެންޓަށް ވަނުމާއެކު ސޯފާގައި ކަންބޮޑުވެފައި އިން ޝިމްލާ ފުންމައިގެން ތެދުވެ އެހިއެވެ. ނަމަވެސް އަމީރަށް ވާހަކައެއް ނުދެއްކުނެވެ. އިރުކޮޅަކު އިސްޖަހާލައިގެން ހުރުމަށްފަހު ޝިމްލާއަށް ބަލާލިއެވެ.

"ކޮބާ އައިރާ؟" އާދަޔާ ޚިލާފު މަޑުމައިތިރިކަމާއެކު އަމީރު އަހާލިއެވެ.

"ވެއްޖެ ކޮޓަރީގައި... ލެޕްޓޮޕެއް ހިފައިގެން އައީ... ރުބީނާ އެކުއްޖާ ކީއްތަ ކުރީ... ވަދެގެން އައީ ހިނިތުންވެލައިގެން ހުރެ. ރޮއެރޮއެ ދުޅަވެފައި ހުރި ދެ ލޮލުން މިއަދު ފުރަތަމަ ފަހަރަށް އެކުއްޖާ ދިރިހުރި ކަމުގެ ވިދުވަރެއް އަހަރެން ދުށީން... ކިހިނެއްތަވީ އަމީރު؟ ކީއްވެތަ އަނގައިން ނުބުނެވިފަ ތި ހުންނަނީ؟ ރުބީނާ ކީކޭތަ ބުނީ؟ އަހަރެންގެ ހިތް ވަރަށް ބިރުގަނޭ" ހާސްކަމާއެކު ޝިމްލާއަށް އަމީރުގެ ކަނާތު މުލައްދަނޑީގައި ހިފާލެވުނެވެ. ދެން ވެސް އަމީރު އެއްވެސް ބަހެއް ނުބުންޏެވެ. މަޑުމަޑުން އައިސް އޭނާގެ ކޮޓަރިއަށް ވަނީއެވެ. ޝިމްލާ ވެސް އޭނާގެ ފަހަތުން ކޮޓަރިއަށް ވަނެވެ.

ނިޔާނު އެކި ފަހަރު މަތީން އަތޮޅުތެރެއަށް ކުރި ދަތުރުތަކުގައި ނަގާފައި ހުރި ފޮޓޯތައް ލެޕްޓޮޕްގައި ވަކި ފޯލްޑަރު ތަކަށް އަޅާފައި ހުއްޓެވެ. އެތަނުން ފޯލްޑަރެއްގައި "މައި އޮންލީ ޑެސްޓިނޭޝަން" ޖަހާފައިވެއެވެ. އެ ފޯލްޑަރު ހުޅުވާލިއިރު ހުރީ އައިރާގެ ރަށަށް ދިޔަ ފަހަރު ނިޔާނު ނަގާފައި ހުރި ފޮޓޯތަކެވެ. އެ ލެޕްޓޮޕް އައިރާއަށް ލިބުމުން އައިރާ އިންތިހާއަށް އުފާވި ކަމަކީ އެއީއެވެ. ނިޔާނުގެ ހަނދާންތައް ފޮރުވާފައި ހުރުމުންނެވެ.

އެނދުގައި އައިރާގެ އުނގަށް ލެޕްޓޮޕް ލައިގެން ފޮޓޯތައް ތަކުރާރު ބަލަމުން އައިރާ ދިޔައެވެ. ދޭތެރެއަކުން އެ ތުންފަތުގައި ހިނިތުންވުމެއް ދުވެލައެވެ. އަނެއްބައި ފަހަރު ފެންކަޅިވެފައި އިނދެ އަސަރާއެކު ލެޕްޓޮޕްގެ އިސްކުރީނުން ފެންނަމުންދާ ނިޔާނުގެ ފޮޓޯގައި ފިރުމާލައެވެ.

* * * *

އަމީރަށް ބަދަލުތަކެއް އަތުވެއްޖެހެން ޝިމްލާއަށް ހީވިއެވެ. ރުބީނާގެ ގާތަށް ގޮސްފައި އައި ފަހުން ކަންތައް ވީގޮތެއް އަމީރު ކިޔައެއް ނުދެއެވެ. އަދި ރުބީނާގެ ގާތަށް އައިރާ ދާން މަނައެއް ވެސް ނުކުރެއެވެ. މަޑުމަޑުން އައިރާގެ އުޅުން ވެސް ބަދަލުވާން ފަށައިފިއެވެ. މަދުން ނަމަވެސް އެކުއްޖާ ހިނިތުންވާތަން ޝިމްލާއަށް ފެނެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ޟަމީރު ގޮވަމުންދިޔައީ ރުބީނާގެ ކައިރިން އައިރާ ސަލާމަތްކުރުމަށެވެ. އަމީރު ގާތުގައި ވާހަކައެއް ދެއްކިއަސް އޭނާ ޖަވާބެއް ނުދޭތީ ޝިމްލާއަށް ވެސް ޢަމަލީގޮތުން ފިޔަވަޅެއް އަޅާކަށް ނުކެރެއެވެ. އެއްވެސް އިރެއްގައި އޭނާއަކީ އަމީރުގެ ރުހުމާނުލާ ކަމެއް ނިންމި މީހެއްނޫނެވެ. އެހެންވެ ކިތަންމެ ހިތް އެދުނަސް ރުބީނާއާ ދެކޮޅަށް ނުކުންނާނެ ހިތްވަރެއް ނުލިބުނެވެ.
ހަވީރުގެ ވަގުތެވެ. އަމީރު އޮފީހުން އައިސް ގެއަށް ވަންއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. ސޯފާގައި ދަރިފުޅު އިޝްވާ ޓީވީ ބަލަން އިނެވެ. ކޮޓަރިއަށް އައިސް ވަންއިރު ޝިމްލާއަށް އޮތީ ނިދިފައެވެ. އެހެންވެ އަނބިމީހާއަށް ގޮވާލުމުގެ ބަދަލުގައި ހެދުން ބަދަލުކޮށްލައިގެން އަމީރު ނުކުމެ އައިރާ ކޮބާތޯ ބަލާލިއެވެ.

"ވަދޭ" ކޮޓަރި ތެރެއިން އައިރާގެ އަޑު އިވުނެވެ. އަމީރު ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު އެނދުގައި ލެޕްޓޮޕް އުނގަށް ލައިގެން އައިރާ އިނެވެ.

"ކީއްކޮށްލަނީ؟ ސައިބޮއެފިންތަ؟" އަމީރު އައިސް އެނދު ކައިރީ މަޑުކޮށްލަމުން އަހާލިއެވެ.

"ބަލާބަލަ ބައްޕާ... މީ އަހަރެންގެ ރަށުގައި ނިޔާނު ހުރިއިރު ނަގާފައިވާ ފޮޓޯތައް" ހިނިތުންވެލި އައިރާ ލެޕްޓޮޕް އަމީރާ ދިމާއަށް އަނބުރާލިއެވެ. ޝައުގުވެރިކަމާއެކު އަމީރު ބަލަން ފެށުމުން އައިރާ އެނދުގެ ބިއްދޮށަށް ޖެހިލާ އަމީރު އިށީންނަން އެނދުން ތަންދެއްކިއެވެ. އަމީރު ވެސް އައިރާގެ ގާތުގައި އެނދުގައި އިށީނދެ ހަމަޖެހިލާފައި ފޮޓޯތައް ބަލަން ފެށިއެވެ. ކޮންމެ ފޮޓޯއެއްގެ ތަފްޞީލު އައިރާ ދެމުންދިޔައެވެ. އައިރާއަށް އައިސްފައިވާ ހެޔޮ ބަދަލާ މެދު އަމީރު އިންތިހާއަށް އުފާވިއެވެ. އޭނާ އަދިވެސް ނިޔާނުގެ މަތީން ހަނދާންކުރެއެވެ. ނަމަވެސް މިހާރު އައިރާގެ މޫނުމަތިން ހިތްދަތިކަމުގެ އަސަރު ފަނޑުވެއްޖެއެވެ.

"ބައްޕާ! އަހަރެން ވާހަކައެއް އަހާލަންތަ؟" މަޑުމަޑުން އައިރާ އަހާލިއެވެ. އެއާއެކު އަމީރު ހޫން ލައްވާލިއެވެ.

"އަހަރެން މަންމައާއެކު ހިނގައްޖެނަމަ ބައްޕަ އަހަރެންދެކެ ރުޅި އަންނާނަންތަ؟" ނުކެރިފައި އިންހެން އައިރާ އަހާލީ އިސްޖަހާލައިގެން އިނދެއެވެ. އެފަދަ ސުވާލެއް އަމީރާ ހަތަރުކަޅި ހަމަކޮށް އަހާލުމުގެ ކުޅަދާނަކަން އައިރާގެ ނެތީއެވެ. (ނުނިމޭ)