އޭއެފްސީ ކަޕްގައި މާޒިޔާއަށް ބާކީ އޮތް މެޗަކީ، ދިވެހި ފުޓްބޯޅައިގައި މިއަހަރު އަންނާނެ އެންމެ މުހިންމު މެޗު ކަމަށާއި އެހެންވެ އެންމެންގެ އިހްތިރާމް މާޒިޔާއަށް ބޭނުންވާ ކަމަށް، މާޒިޔާގެ ކޯޗް މަރުޔަނަ ސެކްލޮސްކީ ބުނެފި އެވެ.
އިއްޔެ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް 2-0 ބަލިކޮށް، މާޒިޔާއިން ވަނީ ގުރޫޕްގެ އެއް ވަނަ ހޯދާފަ އެވެ. ދެކުނު އޭޝިއާ ސަރަހައްދުން އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް ދާނީ ގުރޫޕްގެ އެއް ވަނަ އަށް ދާ ޓީމު އެކަންޏެވެ.
ގުރޫޕްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު މާޒިޔާގެ އިތުރުން، ބެންގަލޫރަށް ވެސް އެބައޮތެވެ. ދެ ވަނަ ބުރަށް ދާނެ ޓީމެއް ފައިނަލު ވެގެންދާނީ، މި މަހުގެ 31 ވަނަ ދުވަހު، ބެންގަލޫރާ ދެކޮޅަށް، އިންޑިއާގައި، މާޒިޔާ ކުޅޭ މެޗުން ނެވެ.
ސެކްލޮސްކީ، ވަނީ މާޒިޔާއިން ބުރަ ޝެޑިއުލްއެއްގައި، ކައިރިކައިރީ މެޗުތައް ކުޅެން ޖެހޭތީ، އެކަމުގެ ސަބަބުން މާޒިޔާގެ ކުޅުންތެރިންނަށް އަސަރު ކުރާ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ކަލޭމެނަށް ސިފަ ނުކުރެވޭނެ، ކޮންމެ މަހަކު އަށް މެޗު ކުޅެން ޖެހޭއިރު އެކަމުގެ ބުރަ ކަމެއް، ކޮންމެ ހަތަރު ދުވަހަކުން، މެޗު ކުޅެންޖެހޭއިރު އެކަން ސިފަ ނުކުރެވޭނެ، ފުޓްބޯޅަ ކުޅޭ މީހުންނަށް ހާއްސަކޮށް ޕްރޮފިޝަނަލް ފުޓްބޯޅަ ކުޅޭ މީހުންނަށް އެނގޭނީ މި ކުޅުންތެރިން މިކުރީ ކިހާވަރެއްގެ މަސައްކަތެއްކަން، އޭއެފްސީ ކަޕްގައި މާލޭ ލީގްގައި ޗެރިޓީ ޝީލްޑްގައި، މި ކުޅުންތެރިން މި ކުރީ ކީއްކަން އެނގޭނެ މިކުޅުންތެރިންނަށް އިހްތިރާމަށް ވުރެ ބޮޑު އެއްޗެއް ހައްގުވޭ، ނަމަވެސް އަހަންނަކަށް ނުފެނޭ ބައެއް ފަރާތްތަކުން މި ކުޅުންތެރިންނަށް އިހްތިރާމް ކުރާ ތަނެއްވެސް،" މާޒިޔާގެ ކޯޗް ސެކްލޮސްކީ ބުންޏެވެ.
ފަސް ދުވަސް ތެރޭ، އަހަރެމެން އަނެއްކާވެސް މެޗެއް ކުޅެން ޖެހޭ، ދެ ހަފަުތާ ފަހުން އަހަރެމެން ކުޅެން ޖެހޭ މެޗަކީ ދިވެހި ފުޓްބޯޅައިގެ އެންމެ މުހިންމު އެއް މެޗު."
ސެކްލޮސްކީ ބުނީ މިދިޔަ ދުވަސްތަކުގައި ބުރަކޮށް ކުޅުމުގެ ސަބަބުން އިއްޔަގެ މެޗުގައި ވެސް، ރާއްޖޭގެ ގައުމީ ޓީމުގެ ފަސް ކުޅުންތެރިންނަށް އަނިޔާ ވެފައިވާ ކަމަށެވެ.
މާޒިޔާގެ މެސަޑޯނިއާގެ ފޯވަޑް، އެލެކްސެންޑާ ރެކިޗް ބުނީ، މާޒިޔާ ތަމްސީލު ކުރަނީ ރާއްޖެ ކަމަށާއި، ދިވެހިންގެ ސަޕޯޓް މާޒިޔާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އޭނާ ބުނީ، ހުރިހާ ފަރާތްކެއްގެ އިހްތިރާމް މާޒިޔާއަށް ލިބިއްޖެނަމަ، ބެންގަލޫރު މެޗުންވެސް އެޓީމަށް މޮޅުވެވޭނެ ކަމަށެވެ.