ކުޅިވަރު

ޒިދާންގެ ކޯޗިން ފިލޯސަފީއަށް ރޮނާލްޑޯ ތައުރީފްކޮށްފި

May 18, 2017

ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާންގެ ކޯޗިން ފިލޯސަފީއަށް، ރެއާލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ތައުރީފް އޮއްސައިފި އެވެ.

މި ސީޒަނަކީ، ސީނިއާ ލެވަލްގައި، މުޅި ސީޒަންގައި، ޒިދާން ކޯޗް ކޮށްދޭ ފުރަތަމަ ސިޒަނެވެ. ރެއާލްގެ ކޯޗް ކަމާ ޒިދާން ހަވާލުވީ، މިދިޔަ ސީޒަންގެ ދެބައިވެސްވީ ފަހުން، މިދިޔަ އަހަރު ޖަނަވަރީ މަހު އެވެ.

މި ސީޒަންގައި، ރެއާލްގެ ކޯޗް ކަމުގައި، ޒިދާންގެ އެންމެ މޮޅު ފިލޯސަފީއަކަށް އޮތީ، ޓެކްޓިކަލް އުކުޅެއް ނޫނެވެ. ނަމަވެސް އޭނާގެ މޮޅު ފިލޯސަފީއަކަށް އޮތީ ކުޅުންތެރިން ރޮޓޭޓް ކުރުމުގައި ކާމިޔާބު ހޯދާފައި ވުމެވެ. މި ސީޒަންގައި، ރެއާލްގެ ސީނިއާ ޓީމުގައި 1000 މިނެޓް ފުރިހަމަ ނުކުރާ އެއްވެސް ކުޅުންތެރިޔެއް ނެތެވެ.

"ކޯޗް ދަނީ މި ސީޒަންގައި ވަރަށް ރަނގަޅަށް މެނޭޖް ކުރަމުން، ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންނާއެކު އަހަރެމެންގެ އެބައޮތް ވަރަށް ރަނގަޅު ސްކޮޑެއް، އަހަންނަށް ވެސް ވަނީ މިސީޒަންގައި ދޭތެރެ ދޭތެރެއިން ރެސްޓް ދީފައި އެއީ ސީޒަން ނިމޭއިރު ރަނގަޅު ފޯމެއްގައި ބެހެއްޓުމަށް، އެކަން ވަރަށް ބޮޑަށް ހާސިލު ވެއްޖެ،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހު ވަގުތު ޒިދާން ކާމިޔާބު ހޯދާނެ ކަމަށާއި، މި ސީޒަންގައި ވެސް ފެނިގެން މިދަނީ އެ މަންޒަރު ކަމަށެވެ.

މިދިޔަ ސީޒަންގެ މެދުތެރެއިން، ޒިދާން ރެއާލްއާ ހަވާލުވިއިރު، އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު 13 ޕޮއިންޓްގެ ފަރަގެއް ހުއްޓެވެ. އަދި ރެއާލް އޮތީ ތިން ވަނައިގަ އެވެ. ނަމަވެސް ސީޒަން ނިންމާލީ ދެ ވަނައިގައި ބާސާއާ އެއް ޕޮއިންޓަށް ފަަރަގު ކުޑަ ކުރުމަށް ފަހު އެވެ.

އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށް މިއަހަރުވެސް ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރުކޮށްފަ އެވެ. ޒިދާން ވެފައިވަނީ، މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް އެލެކްސް ފާގަސަންއަށް ފަހު މި ގަރުނުގައި، ޖެހިޖެހިގެން ދެ ފަހަރަށް އެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ކަޯޗަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ، ސެލްޓަވީގޯ ކޮޅަށް ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި ފަހުން އޭނާ އަށް ވަނީ ހެޓްރިކް ހަދަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ގޯލް ކައިރީގައި ހުރެފައި، އޭނާ ފޮނުވާލި ބޮޅަ ދިޔައީ އިންޗިއެއްހައި ބޭރުން ނެވެ.

"އެއީ އަހަންނަށް އާންމުކޮށް ވާ ކަމެއް ނޫން (އެހާ ކައިރިން ފަހި ފުރުސަތެއް ލިބިފައި) ނުޖެހިއެއް ނުދޭ، ނަމަވެސް އަހަންނަށްވެސް އެހެން ދިމާވާނެ، އަހަންނަކީ ވެސް އިންސާނެއް." ރޮނާލްޑޯ ބުންޏެވެ.