މޫސުން

ވީހާއަވަހަކަށް ހިތަދޫއަށް އެހީ ފޯރު ކޮށްދޭނަން: ޑިޒާސްޓާ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ހިތަދޫއަށް ރޭ އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުންތައްވެފައިވާތީ، އެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީ ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ ސެންޓަރު ހިންގުމާ ހަވާލުވެހުންނެވި ފާތިމަތު ތަސްނީމް މިއަދު ވިދާޅުވީ، ވިއްސާރަވުމުގެ ސަބަބުން ފެން ބޮޑުވުމާއި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގަމުންދާއިރު އެކަންކަމަށް އެ ސެންޓަރުން ވެސް އެޓެންޑްވަމުންދާ ކަމަށެވެ. އެގޮތުން ރޭ އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި އެތައް ގެއްލުންތަކެއްވެފައިވާތީ، އެ ރަށް އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވީއެންމެ އަވަސް ފުރުސަތެއްގަ އައްޑޫއަށް މި ދިމާވި ކަންތަކުން ސަލާމަތްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މި ދަނީ،" ތަސްނީމް ވިދާޅުވި އެވެ.

ތަސްނީމް ވިދާޅުވީ އިތުރު ދެ ރަށެއްގައި ފެން ބޮޑުވެ ގެއްލުންތަކެއް ވެފައިވާ ކަމުގެ ރިޕޯޓް ވެސް ލިބިފައިވާ ކަމަށާއި އެއީ، ގދ. ނަޑެއްލާ އަދި ތ. ގުރައިދޫ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ފެން ބޮޑުވާތީ ސަލާމަތީ ފިޔަވަޅު އެޅުން މުހިންމު ކަމަށާއި ރައްކާތެރިވުމަށް ވެލި ބަސްތާ ޖެއްސުމާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުން މުހިންމު ކަމަށެވެ.

އައްޑޫ ސިޓީއަށް އައި ކޮޅިގަނޑުގައި ހިތަދޫގެ ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ތިން ގެއެއްގެ ފުރާޅު މައްޗަށް ބޮޑު ދެ ގަސް ވެއްޓުމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

އެ ހާދިސާއާ ގުޅީގެން ސަރުކާރުގެ ހާއްސަ ވަފުދެއް ރައީސް އަބްދުﷲ ޔާމީން މިހާރު ވަނީ އެ ރަށަށް ފޮނުވާފަ އެވެ.

ގދ. ނަޑެއްލާއަށް ބުދަ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން އެރަށަށް ވެހެމުންދިޔަ ވާރޭގެ ސަބަބުން، ރަށުގެ ތިން ބައިކުޅަ ދެބައި ގެއަށް ފެން ވަދެފައިވާއިރު ރަށުގެ ބައެއް ގެތައް އެއްކޮށްހެން ފެންބޮޑުވެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.