ރިޕޯޓް

މިދެމަފިރިން ކުރިންވެސް ކޮޅުވެއްޓީގައި ދަތުރުކުރޭ!

  • އެންމެ ފަހުން ހަބަރެއްވީ އަންގާރަދުވަހުގެ ރޭ
  • ދަތުރު ކުރީ ޒުލައިހާ ވިލުފުއްޓަށް ބާލާފައި ދާން
  • އާއިލާ ވަނީ ފުން ހިތާމައެއްގައި

ކޮޅުވެއްޓި، "މާރިޔާ ތިނެއް" ގެ ދަތުރެއްގައި މިދިއަ އަންގާރަ ދުވަހު އޭގެ ކެޕްޓަން އާދަމް ނައީމް އޭނާގެ ބިދޭސީ ފަޅުވެރިންގެ ހަތަރު މީހުނާއެކު ދަތުރަށް އެރީ އޭނާގެ އަންހެނުން ޒުލައިހާ އުސްމާނުވެސް ގޮވައިގެނެވެ. މާލޭގައި ޑޮކްޓަރަށް ދައްކަން މަޑުކޮށްލައިގެން ހުރި އަނެހެނުންގެ ބޭހުގެ ކަންކަން ނިމިފައިވާތީ ލާމަށްދާ މަގުމަތީގައި އެ ދެމެފިރިންގެ ރަށް، ތ. ވިލުފުއްޓަށް އަންހެނުން ބާލާފައި ދާށެވެ. އެހެން ނަމަވެސް ގަދަ ވިއްސާރައިގެ މި ދަނޑިވަޅުގައި އެ ދެމަފިރިންނާއި ހަތަރު ފަޅުވިރިން ދަތުރުކުރި ކޮޅުވެއްޓީގެ ހަބަރެއް ނުވެ ވަނީ ގެއްލިފައެވެ. ހިތާމަވެރި މި ހަބަރާއެކު އެ ދެމަފަރިންގެ ހަތަރު ކުދިން މިވަގުތު ތިބީ ހިތާމައިގެ ކަނޑަކަށް ގަންބާލާފަ އެވެ. ރާއްޖޭގެ އެންމެން ވެސް އިންތިޒާރު ކުރަމުން ދަނީ ދިވެހި ދެމަފިރިން ތިބި ކޮޅުވެއްޓީގެ ހަބަރަކަށެވެ.

ނައީމާއި ޒުލައިހާގެ އާއިލާގެ ފަރާތުން ނައީމްގެ ކޮއްކޮ އަލީ ފިރާގު ބުނި ގޮތުގައި ބޭބެ އާއި އޭނާގެ ފަހަރި މީގެ ކުރިން ވެސް މާރިޔާތިނެއްގައި ނިޔާމާގައި ދަތުރުކޮށްފައި ވެއެވެ. މި ފަހަރުގެ ދަތުރަކީ ކޮޅުވެއްޓި ލާމަށް ދާއިރު ވިލުފުއްޓަށް ބަނދަރުކޮށް ޒުލޭހާ ރަށަށް ބާލާފައި ދާން ކުރި ދަތުރެކެވެ.

ހުޅަނގުގެ ގަދަ މޫސުން ލައިގަނެ ކޮންމެ އަހަރަކު ވެސް މި ގަދައިގައި ރާއްޖޭގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގެ ތެރޭގައި އެ ދެމަފިރިންގެނާއި ބިދޭސީންގެ ހަތަރުމީހުން އަންގާރަ ދުވަހު ތުލުސްދޫން ނައްޓާލި ގޮތަށް ހަބަރެއް ނުވެ ގެއްލިފައިވާއިރު އެމީހުން ހޯދުމުގެ މަސައްކަތުގައި ސަލާމާތީ ހިދުމަތްދޭ ފަރާތްތަކުން ދަނީ މުޅި ރާއްޖޭގައި އަތްފުނާ އަޅައި ހޯދަމުންނެވެ.

"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޒުލޭހާ މާލެ ދިޔައީ ޑޮކްޓަރަށް ދައްކަން. ކޮޅުވެއްޓިއަށް މިފަހަރު އެރީ އޭތި ލާމަށް ދާއިރުން ވިލުފުއްޓަށް ދާންވެގެން. މީގެ ކުރިންވެސް ދެމަފިރިން އެކުގައި އޭގެން ދަތުރު ކުރި،" ފިރާގު ބުންޏެވެ.

ފިރާގު ބުނި ގޮތުގައި މިފަހަރު ދަތުރަށް އެރިފަހުން ބޭބެގެ ދެމަފިރިންގެ ހަބަރެއްވީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅު 9:30 އެހާއްކަންހާއިރު އެވެ. އޭގެ ފަހުން ގުޅަން އުޅެ އުޅެ އެއްގޮތަކަށް ވެސް ގުޅޭ ގޮތެއް ނުވެއެއެވެ.

"އާދަނު [ބޭބެ] ގުޅީ [ރަށުގައި ހުންނަ] ގޭގައި ގެންގުޅޭ މީހަކަށް. އޭނައާ އެންމެ ފަހުން ވާހަކަ ދެއްކީ" ފިރާގު ބުންޏެވެ. "ދެމަފިރިންނަށް ވެސް ގާތްގަނޑަކަށް 50 ހަކަށް އަހަރު ވާނީ. ދެ މީހުންގެ ތިބޭނީ ހަތަރު އަންހެން ކުދިން. އެ ހުރިހާ ކުދިންވެސް ބޮޑެތިވެ އުޅެނީ މީހުންނާ އިނދެގެން. އޭގެ ތެރެއިން ދެ ކުދިން އުޅެނީ އަމިއްލަ ރަށުގައި،"

އެ ހަތަރު އަންހެން ކުދިން މިވަގުތު ތިބީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގަ އެވެ. އެ އާއިލާއިން މިވަގުތު އެދެނީ އެންމެ ކަމަކަށެވެ. ކަނޑު ދަތުރު ކުރާ ހުރިހާ އެންމެނާއި ސަލާމާތީ ހިދުމަތްތައްދޭ ފަރާތްތަކުން މަސައްކަތްކޮށް މަންމައާ ބައްޕަގެ ހަބަރެއްވޭތޯ ބަލައިދިނުމެވެ.

"މަސްވެރިކަމަށް ނިކުމެ އުޅޭ އެންމެނާއި ދަތުރު ކުރާ ފަރާތްތަކުން ކޮޅުވެއްޓި ހޯދުމުގައި އެހީތެރިވެ ދިނުމަށް ވަރަށް ބޮޑަށް މި އާއިލާއިން އެދެން. އަޅުގަނޑުމެން އެެދެނީ ވީހާވެސް އަވަހަށް އެ މީހުން ގަދަވެ ހެޔޮހާލުގައި ސަލާމަތުން ތިއްބާ ފެނުން،" ފިރާގު ބުންޏެވެ.