- މިހާރުވެސް ބައެއް ރަށްރަށް ބޮޑެތި ގެއްލުން ވެފައި
- އުދަ އާއި ނަގޫރޯޅި އެރުމުގެ ފުރުސަތު އެބައޮތް
- ސަލާމާތީ ހިދުމަތްތަކުގެ އިރުޝާތުތައް ވަނީ ނެރެފައި
ވަރަށް ހޫނުގަދަ ދުވަސްތަކެއްގެ ހޫނަށް ފަހު މޫސުން މުޅިން ގޯސްވެ މިހާރު މިވަނީ ވިއްސާރައިގެ ސަބަބުން އަންނަ ދަތިތަކާ ކުރިމަތިވެފަ އެވެ. މޫސުން ގޯސްވާ، ހުޅަނގު މޫސުން މިހާރު ފެށިފައިވާއިރު އެންމެ ގަދައަށް ވިއްސާރަކުރާ އެއް ނަކަތް ކަމަށްވާ ކެތި ނަކަތް ވެސް ވަނީ ލައިގަނެފަ އެވެ. ކެތި ނަކަތަކީ ހުޅަނދު މޫސުމުގެ ތިންވަނަ ނަކަތެވެ. ކެތި ނަކަތުން މިއަދު 13 އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ލަފާކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސިބާތުތަކަށް ވެސް ވިއްސާރަ ކުރާނެ އެވެ. މެޓް އޮފީހުގެ ޑިރެކްޓާ މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވި ގޮތުފައި މިދުވަސްކޮޅު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ އެވެ. އެންމެ ބޯކޮށް ވާރޭ ވެހި، ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވެނީ ރާއްޖޭގެ މެދު އަތޮޅުތަކާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށެވެ. އަދި ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވާ އެ ސަރަހައްދުތަކަށް ނަގޫ ރޯޅި އެރުމުގެ ފުރުސަތު އެބައޮތެވެ.
"ނަގޫ ރޯޅި އަރާނެ ތަންތަން ލަފައެއް ނުކުރެވޭނެ، ނަމަވެސް ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވާ ސަރަހައްދުރަކަށް އެކަމުގެ ފުރުސަތު އޮވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެގެން ތިބެން އިލްތިމާސް ކުރަން،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު އިތުރަށް ވިދާޅުވި ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އާންމުކޮށް އުދައިގެ އަސަރު ކުރާ ރަށްރަށަށް މި ގަދައިގައި އުދަ އަރައިފާނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެން ނަަމަވެސް ނުރައްކާތެރި ވަރުގަދަ އުދައެއް އަދި ނުދައްކަ އެވެ.
މެދު އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގެ ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުބާރުމިނަށް ވައި ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އަދި މެދާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވެ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް އެއިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ބައެއް ރަށްރަށް ފެނަށްވެ، ބޮޑެތި ގެއްލުން
އިއްޔެގެ ވަރުގަދަ ކޮޅިގަނޑާއެކު މިހާރު ވެސް ދެކުނު ބައެއް ރަށްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ރޭ އެރި ނަގޫ ރޯޅިއެއްގައި އައްޑޫ ސިޓީ، ހިތަދޫއަށެވެ. އެ ނަގޫ ރޯޅީގައި 12 ގެއަކަށް ވަނީ ގެއްލުންވެފަ އެވެ. ބޮޑު ދެ ގަހެއް ވެއްޓުމުގެ ސަބަބުން ތިން ގެއެއްގެ ފުރާޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބައެއް ސަރަހައްދުތަކަށް ގަސްފަދަ ތަކެތި ވެއްޓުމާ ގުޅިގެން ބައެއް މަގުތައް ވަނީ ބަންދުވެފަ އެވެ.
ހިތަދޫއަށް ލިބުނު ގެއްލުންތައް ބެލުމަށް މިހާރު ސަރުކާރުގެ ވަފުދެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. ވަފުދުގެ އިސްބޭފުޅަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ހިތަދޫގެ އިތުރުން ގދ. ނަޑެއްލާ، ރަތަފަންދޫ އަދި މަޑަވެލީގައި ފެން ބޮޑުވެ، އެ ރަށްތަކަށް ވެސް ވަނީ ގެއްލުންތަކެއްވެފަ އެވެ. އަދި ތ. ގުރައިދޫ، މަޑިފުށި، ތިމަރަފުށި، ހިރިލަންދޫ، ދިޔަމިގިއްޔަށް ބޯކޮށް ވާރޭވެހި ވަނީ ގެއްލުންތައްވެފަ އެވެ. ފެން ބޮޑުވެ ރަށަށް ގެއްލުންވެފައިވާއިރު ކަނޑުމަތީ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ. އެގޮތުން މިއަދު ވަނީ އދ. އޮމަދޫ ދޯންޏެއް ބަންޑުން ޖަހާލާފަ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން
- ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން
- ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުން
- ކޮޅިގަނޑުގެ ގަދަ ވަޔަށް ސަމާލުވެ، އިމާރާތްތަކާ ގެދޮރާއި ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ޔަގީން ކުރުން
- ކޮޅިގަނޑުގައި ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުން
- ކޮޅިގަނޑުގައި ޖެހޭ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރަނގަޅަށް ހައްޔަރު ކޮށްފައި ބެހެއްޓުން
- ކަނޑު ދަތުރުފަތުރު ކުރުވުމުގައި ސަމާލުވުން
- މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުން
މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، އުދަ އެރުން ފަދަ ހާދިސާތައް ދިމާވަމުންދާއިރު ހުރި ގޮތަކުން މޫސުމަށް ބަލައި ރައްކާތެރިވުމަށް ޑިޒާސްޓާމެނޭޖްމެންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި އިލްތިމާސް ފުލުހުންނާއި ސިފައިންނާއި އަދި މޫސުމާބެހޭ އިދާރާއިން ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
ފުލުހުންނާއި ސިފައިންގެ އިލްތިމާސް
ފެން ބޮޑުވެ ގެއްލުންތައްވެފައިވާ ރަށްތަކުން ފެން ހިންދުމަށް ފުލުހުންނާއި ސިފައިން އަދި ކަނޑުމަތީގައި ކޯސްޓްގާޑުން ތައްޔާރީ ހާލަތުގައި ހަރަކާތްތެރިވަމުން އަންނައިރު އެ ފަރާތްތަކުން ވަނީ ރައްކާތެރިވެ ތިއްބުމަށް ރައްޔިތުންނަށް ހާއްސަ އިލްތިމާސްއެއް ކޮށްފަ އެވެ.
ފުލުހުން މިއަދު ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށާއި މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ. ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށާއި މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓުމަށް ވެސް ވަނީ އެދިފަ އެވެ.
މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
މީގެއިތުރުން ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު މަތީ ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ނުދުއްވުމަށް ވެސް ފުލުހުން އެދެ އެވެ.