ހަބަރު

ލައިފްޖެކެޓްތައް ވަރަށް ތަރުތީބު، އުރައިން ވެސް ނުކަނޑާ!

ހުޅުމާލެއަށް ދާން އޮފީހުން ނިކުމެވުނީ ވިލާގަނޑެއް މާލެ މައްޗައް އަރައި ވާރޭ އޮއްސާލި ގަޑިއަށެވެ. ކުޑައެއްހާ ހިސާބުވެސް އަތުގައި ނެތުމުން ލައިގެން ހުރި ޖިންސުގެ ފައިކުރި ކަށިމައްޗާ ހަމަޔަށް އޮޅާލައިގެން ގޭގޭ އަސްކަނި ދަށުން، ފާރުތަކުގައި ކޭއްތެމުން ޓާމިނަލާ ދިމާލަށް ހިނގައިގަތީމެވެ. ވާރޭ ތުނި ކުރާކަށް ނޫޅެ އެވެ. ގަދަ ވައިގައި ދެ ތިން މީހެއްގެ ކުޑަ ވެސް ފުށުން ޖަހައި އެއްލާލިތަން ފެނުނެވެ. އެވަރަށް ކަނޑުވެސް ގަދަ ވާނެކަމާމެދު ޝައްކެ ވެސް ނެތެވެ. ދޯންޏަށް އަރައިފީ މެވެ.

ބޯ ވިއްސާރަ އާއި ގަދަ ކަނޑުގައި ދޯނީ މަޑުމަޑުން ކުރިޔަށް ދާއިރު މި ދުވަސްވަރު ހިނގަމުންދާ ކަނޑުމަތީގެ ހާދިސާތައް ހިތަށް ވަދެ އެވެ. އެހެންވެ ލައިފް ޖެކެޓު ހުރި ތަނެއް ފާހަގަކޮށްލި އިރު އެއިން އެއްވެސް އެއްޗެއް އުރައިން ކަނޑާވެސް ނުލާ، ވަރަށް ރީތި ތަރުތީބަކުން ދޯނީގެ މަތީގައި ހަދާފައި ހުރި ކަބަޑުތަކެއް ތެރެއަށްލާ ބަންދުކޮށްފައި ހުއްޓެވެ. ސަލާމަތީ ކަންކަން އެހާ ހިސާބުން ފުރިހަމަވީ ހެއްޔެވެ؟ މުޅީން ބޭކާރެވެ!

ރާއްޖެއަށް މިހާރު ކުރާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ޖެހި އެތައް ހާދިސަތަކެއް ދަނީ ކަނޑުމަތީ ހިނގަމުންނެވެ. ދޯންޏެއް ފަރަށް އަރައިގެން، ކަނޑުމައްޗައް މީހަކު ގެއްލިގެން ނުވަތަ ދޯންޏެއް ދިޔަވާތީ ނޫޅޭ ދުވަހެއް މަދުވާނެ އެވެ. ކަން މިހެން އޮތް އިރު މި ދުވަސްވަރާ ދިމާަކޮށް، އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަން "ނަމެއްގައި" ބޭއްވުމުގެ ބަދަލުގައި އެކަށީގެންވާ ގޮތަކަށް އެކަން ރާވައި ބޭނުން ހިފަން ޖެހެ އެވެ.

"ދަތުރު ކުރަން ޖެހޭ ތަން ކިތަންމެ ކައިރީ އޮތަސް މި ދުވަސް ވަރު ކޮންމެ ހާދިސާއެއް ވެސް ހިނގާފާނެ ކަމަށް ބަލަން ޖެހޭނީ. އެއީ ޖެހިގެން އޮތް ވިލިމާލެއަށް ދާ ދޯނި ނެރަށް ވެސް އަރާ ގެއްލުންތަކެއްވެ އަޑިޔަށް ދާން ހިނގައިދާނެ. މީގެ ކުރިން ވެސް އެބަހުރި އެފަދަ ހާލަތްތައް ދިމާވެފަ. ސަލާމަތީ ކަންކަން ފުރިހަމަވެފައި ހުރި ނަމަވެސް އޭގެ ބޭނުން ނުހިފުމުގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހިފަ. އެހެންމެ ރަނގަޅު ގޮތަކީ ލައިފް ޖެކެޓު ވެސް ފަސޭހައިން އެޅޭ ގޮތަކަށް ބެހެއްޓުން ނުވަތަ ވަރަށް ކަނޑު ގަދަ ނަމަ އެ އަޅައިގެން ދަތުރު ފެށުން،" ކޯސްޓްގާޑުގެ އިސް މަގާމެއް އަދާ ކުރާ އޮފިސަރަކު "އަވަސް" އަށް ވިދާޅުވި އެވެ.

މޫސުން އެންމެ ގޯސް ވަގުތުތަކުގައި ވެސް މާލެއާ ހުޅުމާލޭގެ އިތުރުން މާލެ އަތޮޅުގެ ރަށްތަކާއި އަދި އެއަށް ވުރެ ދުރަށް ކުރާ ދަތުރުތަކުގައި ވެސް ލައިފް ޖެކެޓެއް ބޭނުމެއް ނުކުރެ އެވެ. އެ ބޭނުން ކުރާ ހަމައެކަނި ބަޔަކީ ފުލުހުންނާއި ކަރެކްޝަން ފަދަ އިދާރާތަކުގެ ލޯންޗާއި ފެރީތަކުގަ އެވެ. ދެން ސިފައިންނެވެ.

އީދުގައި ފުރަފުރައިގެންދާ ދޯނި ފަހަރުތައް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަންތައް ސިފައިން ކުރިޔަށް ގެންދެ އެވެ. އަދި ސަލާމަތީ ކަންކަން ހަމަޔަށް ނެތް ނަމަ ބައެއް ފަހަރު ނަސޭހަތް ތެރިވެ އަނެއްބައި ފަހަރު ފިޔަވަޅުވެސް އަޅަ އެވެ. ނަމަވެސް ސަލާމަތީ ކަންކަމުން "އެއްވަނަ" ޖަހައިގެން ފުރާ ދޯނި ފަހަރުވެސް އެތަކެތި ބޭނުން ނުކުރަންޏާ އެވަނީ ކޯނޗަކަށް ހެއްޔެވެ؟

"ބައެއް މީހުން މި އަރަނީ ނުލާހިކު ރީތިވެގެން. އެހެންވެ ބޭނުމެއް ނުވޭ ހެދުން ހަޑިވެ އިތުރު ރުލެއް އެއްޗެއް އަރާކަށް. އަދި އެހެން މީހުން އަޅާފައި ހުންނަ އެއްޗެއް އަޅާކަށް ބޭނުންނުވާ ފަހަރުވެސް އާދޭ. ގިނަ ފަހަރަށް ލައިފް ޖެކެޓް މީހުން ބޭނުން ނުކުރަނީ އެކަށީގެންވާ ވަރަށް ހޭލުންތެރި ނުވަނީ. މިސާލަކަށް 24 ގަޑިއިރު މޫދުގައި އޮންނަން ވެއްޖެޔާ ކިހިނެއް ހަދާނީ އަބަދު ނޯވެވޭނެ ފަތަފަތާއެއް. އެހެންވީމަ ލައިފް ޖެކެޓް މުހިންމުވާނެ،" ކުރިން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މި މައްސަލަ ލައިފް ޖެކެޓާ ހިސާބުން އެކަނި ނިންމާލެވޭކަށް ނެތެވެ. ދުރު ރަށްރަށަށް ފުރައިގެންދާ ދޯނި ފަހަރުތަކަށް މުދަލާއި މީހުން އަރުވަނީ ގަދަ ކަނދުގައި އެ ދޯންޏަށް "ހިފަހައްޓާ" ނުލެވޭ ވަރަށެވެ. ގަވައިދުގައި އޮންނަ ވަރަށް ވުރެ ގިނައިން މީހުންނާއި މުދާ އަރުވައިގެން ދިޔުމުގެ ސަބަބުން އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.

"މަހަށް ނިކުންނަ މީހުން ޖެހޭނެ މުއަސަލާތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ މަސައްކަތް ކުރޭތޯ. މޫސުން އޮތް ގޮތް ބަލާގެން ނޫނީ ދަތުރު ފަށައިގެން ނުވާނެ. މީހުން އަރުވަން ޖެހޭނީ ބޯޓުގެ ބޮޑުމިނަށް ބަލާ ގަވައިދަ އެއްގޮތަށް. މަހަށް ނިކުންނަ ފަރާތްތައް ބަރާބަރަށް ރަށަށް ހަބަރު ވާން ޖެހޭނެ. އެންމެ ކަމަކަށް ފަރުވާ ކުޑަކޮށްލައިގެން ބޮޑު ހާދިސައެއް ދިމާވެދާނެ،" ކޯސްޓްގާޑުގެ އޮފިސަރު ވިދާޅުވި އެވެ.