ހަބަރު

ކުޑަ ވަގުތުކޮޅެއް: ތިނަދޫއަށް ބޮޑެތި ގެއްލުން!

  • ގޭގެއަށް ލިބުނުގެއްލުން މިލިއަނަކަށް އަރާ
  • އެއް ފިހާރައަށް ވެސް 1.5 މިލިޔަން ރުފިޔާގެ ގެއްލުން
  • މުޅި ރަށުގެ އެތަން މިތަން ސުންނާފަތިވެފައި

ގދ. ތިނަދޫ: ނާޒިމް ހަސަން -- އިވެން ފެށީ ބާރު އަޑުފަށްގަނޑެވެ. ތަންތަނުން އެއްޗެހިތައް ނެއްޓިގެން އަންނަ އަޑެވެ. ވާއެއް ނުވާއެއް ނޭނގެ އެވެ. ކުޑައިރުކޮޅެއް ތެރޭގައި ގޭގައި ފުރާޅު ނަގައި، އެއްލާލި އެވެ. ވިއްސަކަށް މިނެޓް އެ ބިރުވެރިކަމުގެ ތެރޭގައި އުޅުމަށްފަހު ހަމަ ނޭވާއެއް ލެވުނީ ވައިގަނޑު މަޑުވުމުންނެވެ. މިއީ ގދ. ތިނަދޫއަށް އިއްޔެ އައި ގަދަ ވައިގައި ގެއްލުންވި ގެއެއްގައި އިން މުސްކުޅި އަންހެނެއްގެ އިހުސާސްތަކެވެ.

އެއީ ރޭގެ އިޝާ ވަގުތެވެ. އެންމެން އިޝާ ނަމާދުގައި ތިއްބާ މިރަށަށް އަދާޔާ ހިލާފަށް ވައިގަދަވެ، ބޮޑެތި ގެއްލުންތައް ވަނީވެފަ އެވެ. ވިއްސަކަށް މިނެޓް ތެރޭގައި ރަށު އެތަން މިތަނުގައި ހުރި ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތައްވެފަ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން ނުވަ ގެއެއްގެ ފުރާޅު ރޭ އެއްލާލި އެވެ. އަދިވެސް ރޭގެ ގެއްލުންތަކުގެ މައުލޫމާތު ކައުންސިލުން ސާފުކުރަމުންދާތީ، ގެއްލުންވި ގެތަކުގެ އަދަދު އިތުރުވެދާނެ އެވެ.

މީގެތެރެއިން އެއް ގެއަކީ މިރަށު އުދަ އައްސޭރި ގެއެވެ. ރޭގެ ވިއްސާރާގައި މިގެއަށް ވަނީ ވަރަށް ބޮޑު ގެއްލުން ވެފަ އެވެ. ސިޓިން ރޫމާއި އިތުރު ކޮޓަރިއެއްގެ ފުރާޅުން ބޮޑު ބައެއް ވަނީ ގަދަ ވަޔާއެކު އެއްލާލާފަ އެވެ. އެ ވައިގެ ބާރުމިން ހުރި މިންވަރަކީ އެ ޓިނުތައް ގޮސް ޖެހިފައިވަނީ އެ ގެއާ ޖެހިގެން ތިންވަނައަށް ހުރި ގޭ ފުރާޅަށެވެ. އުދަ އައްސޭރި ގޭގެ ޓިނުތައް ގޮސް ޖެހުނުލެއް ބާރުކަމުން މިރަށުގެ ތިނަދޫގޭގެ ޓިނުތަށް ވަނީ ފޫގޮސްފަ އެވެ. އެ ގޭގެ ބައެއް ގަސްތައް ވެސް ވެއްޓިފައިވެ އެވެ.

އުދަ އައްސޭރިގޭގައި ވިއްސާރަ ބޯވި ގަޑީގައި ހުރި ރަޝީދާ ހަސަން ބުނި ގޮތުގައި ކުއްލިއަކަށް ވައިގަދަވެ ގަދަ އަޑުފަށްގަނޑެއް އިވެން ފެށި އެވެ. ފުރަތަމަ ހީކުރެވުނީ އެއީ ގުގުރިޖަހަނީ ކަމަށެވެ. ނަމަވެސް ފަހުން އެއީ ގޭގެ ޓިނުތައް އުކާލާ އަޑުކަން އޭނާއަށް އެނގުނެވެ. އެ ވަގުތު ރަޝީދާއެކު ގޭގައި ހުރީ އަންހެން ދަރިފުޅެވެ. ފިރިހެނަކު ނެތެވެ.

"ފުރަތަމަ ހީކުރީ ގުގުރި ޖަހަނީ ކަމަށް، އެކަމަކު ގޭގެ ޓިނުތައް ނެއްޓި ވިއްސައިގެންދިޔަ އަޑުފަށްގަނޑު އެއީ، ވަރަށް ބިރުގަތް، ގޭގައި ފިރިހެނަކުވެސް ނެތް،" އުދަ އައްސޭރިގޭ ރަޝީދާ ހަސަން ބުންޏެވެ.

އައި ބާރު ވައިގައި ޓިނުތައް އުކާލައި، ސީލިން މައްޗަށް ވާރޭވެހި ގޭ ތެރެއަށް ފެން ގަނޑު ވަނެވެ. ސިޓިން ރޫމްގައި ހުރި ޓީވީއަށް ވަނީ ފެނުގެ އަސަރުކޮށް ހަލާކުވެފަ އެވެ. ކޮޓަރީގައި ހުރި އެނދާއި އަލަމާރިއަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ދެން އެފަދަ ބޮޑު ގެއްލުމެއްވެފައިވަނީ ދެމަފިރިއަކާއި ދެ ދަރިން ދިރިއުޅެމުން އަންނަ މިރަށު ކޯޒީނެސްޓަށެވެ. އެ ގޭގައި ޖަހާފައިހުރި ސިމެންތި ޓިނުތައް ވަނީ އެއްލާލާފަ އެވެ. އޭގެ ސަބަބުން ކޮޓަރި އާއި ބަދީގޭގެ ސީލިންގު ފޫގޮސް، ގޭ ތެރެއަށް ވަނީ ފެން ވަދެފަ އެވެ. އެ ގޭގެ ކަރަންޓު ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ބެޑްރޫމް ފަދަ ތަކެއްޗަށް ވެސް ފެނުގެ އަސަރު ކޮށްފައިވެއެވެ.

މި ރަށު ހިތްވަރުގެއަށް ވެސް ރޭގެ ވައިގައި ގެއްލުންވި އެވެ. ހެދިތާ އަދި ހަ މަސް ވެސް ނުވާ އެ ގޭގައި ފުރާޅު އެއްކޮށް ނަގާ ޖެހުމުގެ ސަބަބުން ފާރުތަކުގައި ވަނީ ރެނދުލާފަ އެވެ. ވަޔާ ފުރާޅު އެކީ ނަގާ ޖެހި ވަގުތު އެގޭގައި ތިބީ، އަންހެނުންނާއި ކުޑަކުދިންނެވެ. އެ ވަގުތުގެ ވާހަކަ އެ ގޭ މީހުން އަދިވެސް ކިޔައިދެނީ ބިރުވެރިކަމާއެކު އެވެ.

"ފުރާޅު ނަގާ ޖެހީ، މައްޗަށް ނަގާފަ ޓަސްލާފަ ތިރިއަށް، ދެތިން ފަހަރަށް އެހެންވި. އަލަށް ހެދި ތަނެއްމިއީ އެކަމަކު ފުރާޅު ނަގައި ޖެހިލެއް ބާރުކަމުން ފާރު ވަނީ މަތިން ތިރިއަށް އެއްކޮށް ކަނޑައިގެން ގޮސްފަ،" ގޭގެ ވެރިޔާ މުހައްމަދު ރަޝީދު ބުންޏެވެ.

ހިތްވަރުގޭގައި ހަދަމުން ދިޔަ ބައިގެ ޓިނުތައް ވެސް ވަނީ ވަޔާ އުކާލާފަ އެވެ. އެ ފުރާޅު ގޮސް ޖެހިފައި އޮތީ ގެއެއްގެ ގިފިއްޔަށެވެ. ބަނޑިވެ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ. ގޭ ތެރޭގައި ހުރި ކޮޓަރިއަކަށް ވެސް ބައެއް ވަދެފައިވެ އެވެ.

އަގުގެ ގޮތުން މިނާނަމަ އެންމެ ބޮޑު ގެއްލުމެއް ވިއްސާރާގައި ވެފައިވަނީ މިރަށު ޑީއެމްއެން ހާޑްވެއާއަށެވެ. އެ ހާޑްވެއާގެ ދެ ގުދަނެއްގެ ފުރާޅު އެއްލާލާފައިވެ އެވެ. އޭގެ ތެރެއިން އެއް ގުދަނަކީ ފަރުނީޗަރު ފަދަ ތަކެތި ގުދަންކޮށްފައިހުރި ގުދަނެކެވެ. އެ ގުދަނުގެ ފުރާޅު އެއްކޮށް ރޭ ވަނީ އެއްލާލާފަ އެވެ.

ގުދަނުގެ ވެރިޔާ މުހައްމަދު ނިޔާޒު ވިދާޅުވި ގޮތުގައި އެ ގުދަނުގައި ގިނަ އަދަދެއްގެ ބެޑްރޫމް ސެޓްހުއްޓެވެ. އެއީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ފަރުނީޗަރެވެ. އެތަކެތި ވަނީ ފެނުގެ އަސަރުކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެއީ 40 ފޫޓްގެ ދެ ކޮންޓެއިނާގެ މުދަލެވެ.

އޭގެ އިތުރުން ވެސް އެ ގުދަނުގައި ހުރި އެހެން ބައެއް ތަކެތި ވެސް ހަލާކުވެ ޖުމްލަ 1.5 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ޑީއެމްއެން ހާޑްވެއާއަކީ ފަރުނީޗަރުގެ ވިޔަފާރި މިރަށުގައި އެންމެ ފުޅާ ކޮށް ކުރާ ކުންފުންޏެވެ. އެ ގުދަނުގެ އިތުރުން ރެއިންބޯގެ ގުދަނަކަށް ވެސް ގެއްލުންތަކެއްވެފައިވެ އެވެ. އަދި، ހަރުގެއަކަށާއި ހަދަން ފަށާފައިހުރި ގެއަކަށް ވެސް ގެއްލުންވި އެވެ. މިރަށުގައި ޓާޓާ ހައުސިން އިން އަޅާ ފްލެޓްތައް ސަރަހައްދުގެ ފެންސްތައް ވަނީ ވެއްޓިފައިވެ އެވެ. އޭގެ އިތުރުން ވެސް ތިނަދޫގައި އަޅާ މިއުޒިއަމް ޕާކަށް ގެއްލުންތައްވެ ބައެއް ގޭގެގެ ގަސްތަކާއި ރުއްތައް ވެއްޓިފައިވެ އެވެ.

ކައުންސިލްގެ ރައީސް ނަސީރު ވިދާޅުވި ގޮތުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް އެއްކޮށް، ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ވަނީ ފަށާފަ އެވެ. ފުރާޅު އެއްލާލައި ގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާއިރު މިހާރަށް ބަލާބެލުމަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.