ކުޅިވަރު

އިމްރާންގެ ސުވާލު؛ ގައުމީ ހިދުމަތުގެ އަގަކީ މީތަ؟

މި މަހުގެ ހަތް ވަނަ ދުވަހު އީގަލްސް އާއި ނިއުރޭޑިއަންޓް ކުޅުނު މެޗަށް ފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ނިއުރޭޑިއަންޓްގެ ގޯލްކީޕަރު އަދި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު، ދެ މެޗަށް ސަސްޕެންޑް ކުރުމުން، 17 އަހަރު ވަންދެން ގައުމީ ޓީމުގައި އަދާ ކުރި ގައުމީ ޒިންމާގެ އަގަކީ "އިތުރު އަދަބެއް" ތޯ ބުނެ ސުވާލު އުފައްދައި އިމްރާންގެ ޝުއޫރުތައް ފޭސްބުކް މެދުވެރިކޮށް ބަންޑުން ކޮށްލައިފި އެވެ.

އެ ދުވަހުގެ ހަމަނުޖެހުންތަކުގައި އަމަލީ ގޮތުން ބައިވެރިވި، ތިން ކުޅުންތެރިންނެކޭ އެއްގޮތަށް، އިމްރާން ވެސް ސަސްޕެންޑްކޮށްފައިވަނީ ދެ މެޗަށެވެ. ނަމަވެސް އަނެއް ތިން ކުޅުންތެރިންނަކީ ހަމަ ނުޖެހުންތަކުގައި ގަޔަށް އައްލައި ހަށްޓަށް ހަމަލާދީފައިވާ ކުޅުންތެރިންކަން، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓިން ނެރެފައިވާ ރިޕޮޓްގައިވެސް ފާހަގަ ކޮށްފައި ވެއެވެ.

އިމްރާން އަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިނުމަށް ކޮމިޓީން ނިންމާފައި ސަބަބު ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ. އެދުވަހުގެ ހަމަނުޖެހުންތައް ފެށުނީ، އެ ރޭގެ މެޗަށްފަހު، ދެ ޓީމުގެ ކުޅުންތެރިން ސަލާން ކުރަމުން ދިޔަ ވަގުތު މައްސަލަ ހޫނު ވާން ދިމާވީ ނިއުގެ ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯ އާއި އީގަލްސްގެ އިބްރާހިމް މުބީން ރަޝީދު (މުއްކި) އެ ދެ ކުޅުންތެރިން، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ހަމަލާ ދިނުމުން ނެވެ.

ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ދެ ކުޅުންތެރިންގެ ދެ މެދުގައި ހަމަނުޖެހުން ހިންގުމުގައި، އިމްރާންގެ ދައުރެއް ވާކަމަށެވެ. އަދި މައްސަލަ އިތުރަށް ހޫނު ކުރުމަށްވެސް، އިމްރާން މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ހައްޓަށް ހަމަލާ ދިން ކުޅުންތެރިންނެކޭ އެއްގޮތަށް، އިމްރާން އަށް ވެސް ދެމެޗުގެ ސަސްޕެންޝަނެއް ކުރިމަތި ކުރި ސަބަބުގެ ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީން ފާހަގަކޮށްފައިވާ ސަބަބު މިއޮތީ އެވެ.

"ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުކަން 17 އަހަރަށް ވުރެ ގިނަ ދުވަހު ކޮށްފައިވާ، އަދި ކުރިއަރަމުން އަންނަ ކުޅުންތެރިން މިސާލެއްގެ ގޮތުގައި ދެކެމުން އަންނަ ޝަހުސިއްޔަތެއްގެ ފަރާތުން މިފަދަ އަމަލެއް ފެނިފައިވާތީ." ކަމަށް ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓްގެ 7.3 ނުކުތާގައި ފާހަގަ ކޮށްފައި ވެއެވެ.

މި ނުކުތާއަށް އިމްރާންގެ އާގިއުމެންޓަކީ ދަނޑު މަތީގައި ވަކި އިމްރާން ވީމާ ވަކި ތަފާތު ވާގޮތެއް އޮވެގެން ނުވާނެ ކަމަށެވެ.

ސަތާރަ އަހަރު ވަންދެން، ގައުމީ ޓީމަށް ކުޅުމަށް ފަހު، އިމްރާން ރަސްމީކޮށް، ގައުމީ ޓީމަށް ކުޅުން ހުއްޓާލީ، އޭޝިއަން ކަޕް ކޮލިފައިން ބުރަށް ރާއްޖެ ކޮލިފައި ކޮށްދިނުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 100 ވުރެ ގިނަ މެޗު ކުޅެ ދީފަ އެވެ. އަދި، ރާއްޖެއަށް ފަސް މުބާރާތަކުން މެޑަލް ހޯދައި ދީފައި ވެއެވެ.

ގައުމީ ޓީމުގައި އިމްރާން ހޯދައިފައިވާ ބައެއް ކާމިޔާބުތައް

- ދެހާސް ވަނަ އަހަރު ކުޅުނު ރަން ޔޫބީލް މުބާރާތުން ރިހި މެޑަލް

- ދެހާސް ތިން ވަނަ އަހަރު ސަފް ޗެމްޕިއަންޝިޕުން ރިހި މެޑަލް

- ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕއިަންޝިޕުން ރަން މެޑަލް

- ދެހާސް ނުވަ އަހަރު ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް

- ދެހާސް ސާދަ ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕުގައި ލޯ މެޑަލް

އިމްރާން ރިޓަޔާ ކުރުމުން، އޭނާއަށް މުޅި ކުޅިވަރުގެ އާއިލާގެ އިތުރުން އެހެން ދާއިރާތަކުގެ މީހުން ޓްރިބިޔުޓް ފޮނުވަމުން ދިޔައިރުވެސް، އެފްއޭއެމް އޮތީ ހިމޭނުން ނެވެ. އޭގެ ފަހުން އިމްރާން ވަނީ، މިދިޔަ އހަރުގެ އޮކްޓޫބަރު މަހު 17 ވަނަ ދުވަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާކަން ހާމަކޮށް، އެފްއޭއެމްއަށް ސިޓީ އެއް ފޮނުވާފަ އެވެ. ނަމަވެސް ފުޓްބޯޅަ އިދާރާއިން އިމްރާންގެ އެ ސިޓީއަށް މިހާތަނަށް ޖަވާބު ދީފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ.

"ފޮނުވި ސިޓީއާ ބެހޭގޮތުން (ޖަވާބު ދީފައި) ސިޓީއެއް ވެސް އަދި ސޯޝަލް މިޑިއާގައި ޕޯސްޓެއްވެސް ފެނިފައި ނުވާކަމީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް، ހުރިހާ ކުޅުންތެރިންނާއި ކުލަބު ތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން، އަޅުގަނޑު 17 އަހަރު ވަންދެން ކުޅެފަ ހުއްޓާލީމާ ޝުކުރިއްޔާއޭ ވެސް ބުނެ ނުލުމަކީ، ދިވެހި ފުޓްބޯޅައިގެ މިސާލު ދައްކަން ޖެހޭ ފަރާތުން އަމަލު ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތްތޯ އަލުގަނޑުގެ ހިތުގައި ސުވާލު އުފެދޭ،" އިމްރާން އޭނާގެ ފޭސްބުކް ޕޯސްޓްގައި ބުނެފައި ވެއެވެ.

އެހެންވެ، އިމްރާން 17 އަހަރު ވަންދެން ކުޅެފައިވާ ކުޅުންތެރިޔަކަށް ވާތީ އޭނާ އަށް އަދަބު ބޮޑުންވާންޖެހޭ ކަމަށް ދައްކާފައިވާ ހުއްޖަތަކީ އޭނާ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އިމްރާން ބުނެފައި ވެއެވެ.

އަދި އެފްއޭއެމް އަޅާފައިވާ ފިޔަވަޅަކަށް ވާތީ، އެކަން ބަލައިގަނެ ގަބޫލު ކުރާކަމަށް އިމްރާން ބުނެފައި ވެއެވެ. އަދި އޭނާގެ ފަރާތުން ކުރިއަށް އޮތް ތަނުގައި އެފަދަ "ތުހުމަތެއް' ކުރެވޭ ވަރުގެ ކަމެއް ފެނިގެން ނުދާނެ ކަމުގެ ޔަގީންކަން އޭނާގެ ސަޕޮޓަރުންނާ ފުޓްބޯޅައިގެ އާއިލާއަށް އިމްރާން ދީފައި ވެއެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، ޝުކުރު އަދާކޮށް، މިހާތަނަށް އެފްއޭއެމްއިން ކަމެއް ކޮށްފައި ނުވިޔަސް، މީޑިއާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާލުވެފައި ވަނީ ޗަރަފުވެރިކަމުގައި ރިޓަޔާ ކުރަން އިމްރާންއަށް ހާއްސަ މެޗެއް ރާވާނެ ކަމަށެވެ.

"އިމްރާންގެ ޝަރަފުގައި ކުޅޭ އެމެޗުގެ އިންތިޒާމްތައް ރާވަނީ، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އަދި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން،" ބައްސާމް ވިދާޅުވި އެވެ.