ރާއްޖޭގައި މިއަދު ފެށި، ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް ނުވަތަ ސަބާ ޗެމްޕިއަންޝިޕްގައި، މިރޭ ބޮޑުތަފާތަކުން އިންޑިއާ އަތުން ބަލިވި ނަމަވެސް، ރާއްޖެއިން އިންޑިއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ތަފާތު ކުޑަކޮށްފި އެވެ.
މީގެކުރިން، ރާއްޖެ އާއި އިންޑިއާގެ ހުރިހާ ކުރިމަތި ލުމެއްގައިވެސް، އިންޑިއާއިން މެޗު ކާމިޔާބު ކުރަނީ 100 ވުރެ މަތިންނެވެ. ނަމަވެސް މިފަހަރު ދިވެހި ޓީމުން ވަނީ އިންޑިއާގެ ފުރުސަތުތައް ހަނިކޮށްފަ އެވެ.
މިރޭގެ މެޗު އިންޑިއާ ކާމިޔާބު ކުރީ، 42 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. އިންޑިއާއިން 84 ޕޮއިންޓް ހޯދިއިރު، ރާއްޖެއަށް ހޯދިފައި ވަނީ 42 ޕޮއިންޓެވެ.
ފުރަތަމަ ކްއާޓާގައި އިންޑިއާއިން ވަނީ 22 ޕޮއިންޓް ހޯދާފަ އެވެ. ރާއްޖެއަށް ހޯދުނީ އެންމެ ތިން ޕޮއިންޓެވެ. ދެ ވަނަ ކްއާޓާ ނިންމާލީ 46 ޕޮއިންޓާ އެކުއެވެ. ރާއްޖެ އަށް ހޯދުނީ 15 ޕޮއިންޓެވެ. ތިން ވަނަ ކްއާޓާގައި އިންޑިއާއިން ނިންމަލީ 68-28 ންނެވެ.
ހަތަރު ވަނަ ކްއާޓާގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ތިން ކްއާޓާއަށް ވުރެ ގިނަ ޕޮއިންޓް ހޯދާފަ އެވެ. ރާއްޖެއިން ވަނީ އެ ކްއާޓާގައި، އެކަނި 14 ޕޮއިންޓް ހޯދާފަ އެވެ.
ރާއްޖެއިން އެންމެ ގިނަ ޕޮއިންޓް ހޯދީ، 12 ޕޮއިންޓް ހޯދި، މުހައްމަދު ޒިލާލް (ޒިލާ) އެވެ. އިންޑިއާ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދީ، ސިންހް އަމްރިތުޕާލް އެވެ. އޭނާ ވަނީ 25 ޕޮއިންޓް ހޯދާފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި، ބަންގުލަދޭޝް އާއި ނޭޕާލް ބައްދަލު ކުރި މެޗު ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. ބަނގުލަދޭޝްއިން މެޗު ކާމިޔާބު ކުރީ 76-66 ން ނެވެ.
މުބާރާތުގައި، މާދަމާ ހަވީރު ކުޅޭ މެޗުގައްި ބައްދަލު ކުރާނީ، ބަނގުލަދޭޝް އާއި ޝްރީލަންކާ އެވެ. ރޭގަނޑު ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ރާއްޖެ އާއި ނޭޕާލް އެވެ.