ދުނިޔެ

ޓްރަމްޕް ވަޑައިގަންނަވާތީ ސައުދީން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

May 20, 2017
2

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ރައީސެއްހެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާތީ އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފިއެވެ.

ސައުދީ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ އަރަބް ނިއުސް އިން ބުނީ އެމެރިކާގެ ރައީސާއި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިން ވަޑައިގަންނަވާތީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި ސަލާމަތީ ކަންތައްތަކާއި މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ މަގުތަކަށް ގިނަ އަދަދެއްގެ ފުލުހުން ނެރެފައި ވާއިރު ހެލިކޮޕްޓަރުތަކުގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެެރިވަމުންނެވެ. އެމެރިކާގެ ވަފުދުގެ ބޭފުޅުން ތިއްބަވާނެ ކަމަށް ބެލެވޭ ރިޒް ކާލްޓަން ހޮޓަލުގެ ކަންތައްތައް ރިޔާޒުގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ނޫހުން ބުންޏެވެ.

ޓްރަމްޕަށް މަރުހަބާ ދެންނެވުމަށް ރިޔާޒު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިވެސް ކޮށްފައެވެ.

އެމެރިކާއަކީ ސައުދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. އެގޮތުން އެފް 16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ފެށިގެން ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމްތައް ވެސް އެގައުމަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅަށް 56 ބޭފުޅަކަށް ވަނީ ދައުވަތު އަރުވާފަ އެ.