ރާއްޖެ ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަންގެ ކައުންސިލަށް މޫސަ

May 20, 2017

ދުނިޔޭގެ ބެޑްމިންޓަންގެ މައި ފެޑްރޭޝަން (ބީ ޑަބްލިއު އެފް) ގެ ކައުންސިލަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހޮވިވަޑައިގެންފި އެވެ.

އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ ގޯލްޑްކޯސްޓްގައި ކުރިއަށްދާ ކޮންގްރެސްގައި އިންތިހާބަށް 36 ބޭފުޅުން ކުރިމަތި ލެއްވި އެވެ. ނަަމަވެސް އިންތިހާބާ ހަމަޔަށް ދިޔައިރު އޭގެ ތެރެއިން އަށް ބޭފުޅުން ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.

އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު ފެބްރުއަރީ މަހާހަމަޔަށް އޮތް އިރު، އިންތިހާބުގައި ކުރިމަތި ލެއްވި، އިންޑިއާގެ ބެޑްމިންޓަން ފެޑްރޭޝަންގެ ރައީސްއަކަށް ހުންނެވި، ޑރ. އަކިލޭޝް ޑަސް ގްޕިޓާ މިދިޔަ މަހު ވަނީ އަވަހާރަ ވެފަ އެވެ. އެހެންވެ އިންތިހާބުގައި ވާދަ ކުރެއްވީ 27 ބޭފުޅުން ނެވެ.

އާންމު މެންބަރުންގެ ގޮތުގައި ކައުންސިލަށް އިންތިހާބު ކުރަނީ 18 މެންބަރު ނެވެ. އިންތިހާބުވި 18 މެންބަރުންގެ ތެރެއިން 11 މެންބަރުންނަކީ ކުރިންވެސް ކައުންސިލްގައި ތިއްބެވި ބޭފުޅުން ނެވެ. އަލަށް އިންތިހާބުވި ހަތް މެންބަރުންގެ ތެރޭގައި މުސާ ހިމެނިވަޑައި ގަންނަވައެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ، 195 ވޯޓެވެ.

މިދިޔަ މަހު ބޭއްވި، އޭޝިއާގެ ބެޑްމނިންޓަން ކޮންފަޑްރޭޝަންގެ ކޮންގްރެސްގައި މޫސަ ވަނީ އޭޝިއާގެ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަންކަމަށް އިންތިހާބުވެ ވަޑައިގެންފަ އެވެ.

މިފަހަރުވެސް، ފެޑްރޭޝަންގެ ރައީސްކަމަށް އިންތިހާބު ކޮށްފައި ވަނީ، ނިމިދިޔަ ދައުރުގައިވެސް ރައީސް ކަމުގައި ހުންނެވި ޑެންމާކްގެ ޕައުލް އެރިކް ހޮޔާ ލާސަން އެވެ. އޭނާ އެންމެ ފުރަތަމަ ރައީސް ކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ.

ކައުންސިލްގައި ދެން ހިމެނޭނީ ފެޑްރޭޝަންގެ ނައިބުރައީސް ޕެރޫގެ ގަސްޓަވޯ ސަލަޒާ ޑެލްގަޑޯ އާއި ހާއްސަ އެހީއަށް ބޭނުންވާ ބެޑްމިންޓަން ދާއިރާގެ ނައިބުރައީސް ސްވިޒަލޭންޑްގެ ޕައުލް ކުރޫޒޯ އެވެ.

ހަތާވިސް މެންބަރުން ހިމެނޭ، ކައުންސިލްގެ އަނެއް ހަ ޖާގަ އަށް އަންނާނީ، ބައްރު ތަކުގެ ބެޑްމިންޓަން ޖަމްއިއްޔާތަކުގެ ނައިބުރައީސުން ނާއި ބީއެފްޑަބްލިއުގެ އެތުލީޓްސް ކޮމިޝަންގެ ރައީސް އެވެ.