އޭޝިއާގެ ދެވަނަ ފަންތީގެ ކްލަބުތަކަށް ބާއްވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކްލަބުތައް ބައިވެރިވި ނަމަވެސް، ގުރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމެއް ފަހަނައަޅައި ދިޔައީ އެންމެ ދެ އަހަރެވެ. އެ ދެ އަހަރު ވެސް އެ ޝަރަފު ހޯދީ ނިއު ރޭޑިއަންޓެވެ. ނިއު ވަނީ 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރު ނިއު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ. ފަހަރެއްގައި މި އަހަރު، ނިއު ފިޔަވައި އެހެން ޓީމަކުން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ ލިސްޓަށް އަރާފާނެ އެވެ. މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ ހަމައެކަނި ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ގުރޫޕްގައި ބާކީ އެއް މެޗު ކޮންމެ ޓީމަކަށް އޮތްއިރު، ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މާޒިޔާ ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ގުރޫޕްގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް ފަސް މެޗު ކުޅެފައިވާއިރު، 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ މާޒިޔާ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މާޒިޔާ ބަލިވީ އެންމެ މެޗަކުންނެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ މިދިޔަ އަަހަރުގެ ރަނަރަޕް އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ތިން ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މުބާރާތުން ކަޓާފައިވާ އިންޑިއާގެ މޯހަން ބަގާނެެވެ. ތާވަލްގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާ އެވެ.
ގުރޫޕްގައި ކުޅެންޖެހޭ ފަހު މެޗުގައި މި މަހުގެ 31 ވަނަ ދުވަހު ރަށުން ބޭރުގައި މާޒިޔާ ނުކުންނާނީ ބެންގަލޫރާ ދެކޮޅަށެވެ. މި މެޗުން ބަލިނުވެ މާޒިޔާ ފަރުޖައްސައިފި ނަމަ، 2013 ވަނަ އަހަރުގެ ފަހުން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދާ ފުރަތަމަ ދިވެހި ކްލަބަށް ވާނެ އެވެ. ބަލިވެއްޖެ ނަމަ، ދެވަނަ ބުރުން ޖާގަ ލިބޭނީ ބެންގަލޫރަށެވެ. ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވުމުން، އޭއެފްސީ ކަޕްގައި ބަލަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ދެ ޓީމު ކުޅޭ މެޗުތަކުގެ ނަތީޖާއަށެވެ. އެހެންކަމުން ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވެއްޖެ ނަމަ ދެވަނަ ބުރަށް ދާނީ ބެންގަލޫރެވެ.
ބެންގަލޫރު ވަނީ މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން މޮޅުވެފަ އެވެ. އެ މެޗުން ބެންގަލޫރު މޮޅުވީ މެޗުގެ އިތުރު ވަގުުތުގެ ތެރޭގައި ޖެހި ލަނޑުންނެވެ. މިއީ މި ސީޒަންގައި މިހާތަނަށް މާޒިޔާ ބަލިވި ހަމައެކަނި މެޗެވެ.
އޭއެފްސީ ކަޕްގެ އޮނިގަނޑަށް މި އަހަރު ގެނައި ބަދަލާއެކު، ރާއްޖެ ހިމެނޭ ސައުތު އޭޝިއާ ޒޯނުން ދެވަނަ ބުރުގެ ޖާގަ ލިބޭނީ ގުރޫޕް އެއްވަނަ އަށް ދާ ޓީމަށް އެކަންޏެވެ. ކުރީގެ އޮނިގަނޑުގައި ގުރޫޕްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބެ އެވެ.
މާޒިޔާގެ ކޯޗުގެ ޝަކުވާއަކީ ވަރުބަލިކަން
އޭއެފްސީ ކަޕާއި މާލޭ ލީގުގައި ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅެންޖެހުމަކީ މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮވްސްކީގެ ހަމައެކަނި ޝަކުވާ އެވެ. ކައިރިކައިރީގައި މެޗުތަކެއް ކުޅެންޖެހުމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްކުރެވި، އަސްލު ކުޅުން ދަށްކަން އުނދަގޫވާ ކަމަށް ކޯޗު ވަނީ އެތައް ފަހަރަކު ފާހަގަކޮށްފަ އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މާލޭ ލީގާއި މާޗު މަހު ފެށި އޭއެފްސީ ކަޕްގައި މާޒިޔާ އިން ވަނީ މިހާތަނަށް 12 މެޗު ކުޅެފަ އެވެ. ގިނަ މެޗުތަކުގެ ދެެމެދުގައި މާޒިޔާ އަށް ރިކަވަރީ އަށް ލިބެނީ ކުޑަ ދުވަސްކޮޅެެކެވެ. ދިވެހި ފުޓްބޯޅަ އަށް ވެސް މުހިންމު މެޗަކަށް މި މަހުގެ 31 ވަނަ ދުވަހު ބެންގަލޫރާ ދެކޮޅަށް މާޒިޔާ ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ވަރުބަލިކަމެވެ.
"މިއީ 30 ދުވަހުގެ ތެރޭގައި މި ކުޅުންތެރިން ކުޅުނު އަށް ވަނަ މެޗު،" ބުދަ ދުވަހު އޭއެފްސީ ކަޕްގައި އަބުހާނީ ލިމިޓެޑް ޑާކާ އަތުން މޮޅުވި މެޗަށް ފަހު މާޒިޔާގެ ކޯޗު މަރުޖާން ބުންޏެވެ. "މި މެޗުން ވެސް ކުޅުންތެރިން ކުރި ހިތްވަރާއި މަސައްކަތުން މި މޮޅުވީ. ކުޅުންތެރިން އެކުރާ މަސައްކަތް އިހުސާސްކުރެވޭނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ މީހަކަށް."
ރަށުން ބޭރުގައި ބެންގަލޫރު ބަލިކުރުން ފަސޭހައެއް ނުވާނެ
އިންޑިއާ ލީގުގައި މި ސީޒަންގައި ބެންގަލޫރު ހަތަރު ވަނަ އަށް ދިޔަ ނަަމަވެސް، އެ ޓީމަކީ ވަރުގަދަ ޓީމެކެވެ. ހާއްސަކޮށް އަމިއްލަ ދަނޑުގައި ބެންގަލޫރު ބަލިކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މި އަހަރު އައި ލީގާއި އޭއެފްސީ ކަޕްގައި ބެންގަލޫރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އައި ލީގުގެ މެޗެކެވެ. އޭއެފްސީ ކަޕްގައި މި އަހަރު އަދި މިހާތަނަށް ބެންގަލޫރު އަމިއްލަ ދަނޑުގައި ބައްޔެއް ނުވެ އެވެ.
ބެންގަލޫރަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕެވެ. އިންޑިއާގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސުނިލް ޗެތުރީ އާއި ސަންޑޭޝް ޖިންގަން އާއި ޔުޖީންސަން ލިންގޮން އާއި އުޑަންތާ ސިންގަކީ ބެންގަލޫރު ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. އެހެންކަމުން ބެންގަލޫރުގައި ދަނޑުގައި އެ ޓީމު ބަލިކުރުމަކީ މާޒިޔާ އަށް ފަސޭހަކަމަކަށް ނުވާނެ އެވެ.
އެކަމަކު މާޒިޔާގެ ޑިފެންސް މި ސީޒަންގައި ރަނގަޅުވުމަކީ، ރަށުން ބޭރުގައި ކުޅޭއިރު އެ ޓީމަށް ލިބޭ އެންމެ ބޮޑު އެއް އެޑްވާންޓޭޖެވެ. އޭއެފްސީ ކަޕްގައި މާޒިޔާ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން އެ ޓީމު ކޮޅަށް ވަދެފައިވަނީ ތިން ލަނޑެވެ. މާލޭ ލީގުގައި ކުޅުނު ހަތް މެޗުން މާޒިޔާ ކޮޅަށް ވަނީ އެންމެ ލަނޑެެކެވެ. އެހެންކަމުން، ރަށުން ބޭރުގައި ކުޅޭއިރު މާޒިޔާ އަށް އެންމެ ބޮޑު އިތުބާރެއް ލިބޭނީ އެ ޓީމުގެ ޑިފެންސްލައިން އިން މި ސީޒަންގައި ނެރިފައިވާ ނަތީޖާތަކުންނެވެ.