ރިޕޯޓް

ކޮޅުވެއްޓި އަށް ވީ ކިހިނެއް؟ ހުސް ސުވާލު!

May 20, 2017
4

ނަވާރަ ފެބްރުއަރީ 2015 ވަނަ ދުވަހެވެ. ކ. ތިލަފުށިން، ރ. އަތޮލަށް ދާން ފުރި، ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފެށި އެވެ. އޭގެ ތިން ދުވަސް ފަހެވެ. ބ. ގޮއިދޫ ހުޅަނގު ފަރާތު 30 ވަރަކަށް މޭލު ބޭރުން ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނިކޮށް ފެނުނެވެ. އޭގެ ދެ އަހަރު ފަހުން އަނެއްކާ ވެސް މި ފަދަ އެހެން ހާދިސާ އެކެވެ. ކ. ތުލުސްދޫން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "މާރިޔާ-3" ކޮޅުވެއްޓި ގެއްލިގެން ދަނީ ހޯދަން ފަށާފަ އެވެ. ސުވާލަކީ މި ކޮޅުވެއްޓިއަށްވީ ކިހިނެއް ބާ އެވެ؟ ބަނޑުން ޖަހައިލީ ހެއްޔެވެ؟ އަޑި އަށް ދިޔައީ ހެއްޔެވެ؟

"މާރިޔާ ތިނެއްގެ" ގެއްލިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އެވެ. މި ދުވަހުގެ މޫސުން ހުރިގޮތަށް ބަލާއިރު އުފުލި ނުވަތަ ކޮޅުވެއްޓި ދަތުރު ކުރި ކަމަށް ބެލެވޭ، ލ. އަތޮޅު ސަރަހައްދުގެ މޫސުން ގޯހެވެ. ކޮޅިގަނޑުގައި ވައި ހުރީ ގަޑިއަކު 45-50 މޭލުގެ ބާރު މިނުގައި ކަމަށް މެޓުގެ މައުލޫމާތު ތަކުން ދައްކަ އެވެ.

މާރިޔާ-3 ފެންމަތިން އޮންނާނެ؟

މި ހިސާބުން ބަލައިލާނީ ތަޖުރިބާކާރުންގެ ނަޒަރުގައި ބޮޑު މިނުގައި 168 ފޫޓުގެ ކޮޅުވެއްޓިއަކަށް ހާދިސާއެއް ދިމާވެދާނެ ކަމަށް ބެލެވޭ، ނުވަތަ "ކަމެއް ހިނގުމު" ގެ ފުރުސަތު އޮތް މިންވަރުގެ މައްޗަށެވެ. މި ސުވާލުތަކަށް ދިއުމުގެ ކުރިން އެނގެންޖެހޭ މުހިންމު މައުލޫމާތު ތަކެއް އެބަހުއްޓެވެ.

މި އުޅަނދު ދަތުރު ކުރިއިރު އޭގައި ހުރީ ކޮން ބާވަތެއްގެ މުދަލެއް ހެޔެވެ؟ އަދި މުދާ އޮޑީގައި ބަހައްޓާފައި ހުރި ގޮތާއި އަރުވާފައިވަނީ ކިތަށް ޓަނުގެ މުދާ ކަން ވެސް އެނގުން މުހިންމެވެ. ބެލެވޭ ގޮތުގައި މިވަރުގެ އުޅަނދަކަށް 300-400 ޓަނުގެ މުދާ އެރުވޭނެ އެވެ. މިއާއެކު ޖަވާބު ބޭނުންވާ އަނެއް ސުވާލަކީ މުދާ ހުރީ ރަނގަޅަން އުޅަނދުގައި އައްސާފަ، ނުވަތަ ހަރުކޮށްފަ ހެއްޔެވެ؟ ކޮޅުވެއްޓީގެ، ކުރީގައި އިންނަ ބައި، ދަތުރު ކުރަމުން ދިޔައިރު ހުރީ މައްޗަށް ނަގާފައިތޯ؟ ނުވަތަ ނޫން ތޯ؟ މި ވެސް ޖަވާބު ލިބެން ޖެހޭ ސުވާލެކެވެ. މި ސުވާލަކަށް ޖަވާބެއް އަދި ނުލިބެ އެވެ.

ނަމަވެސް، މީގެ ކުރިން ހިނގައިފައިވާ މި ފަދަ ހާދިސާ ތަކަށް ބަލައި ތަޖުރިބާކާރުން ނަޒަރުގައި މި އުޅަނދު ވެސް ފެން މަތީ އޮތުމުގެ ފުރުސަތެއް ބޮޑެވެ. މި ފަދަ އެހެން ހާދިސާއަކަށް ބަލާއިރު، "ކޮރަލް ކްރާފްޓް" ކޮޅުވެއްޓީގެ ހާދިސާ ހިމެނެ އެވެ. ފަސް މީހުންނާއެކު ދަތުރު ކުރި އުޅަނދު ވެސް ވަނީ ފެންމަތީގައި ވަނިކޮށް ފެނިފަ އެވެ. މި އުޅަނދު ވެސް އޮތީ ބަންޑުން ޖަހާލާފަ އެވެ.

ކޮޅުވެއްޓި ފަދަ އުޅަނދު ފަހަރު ދުއްވުމުގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ކެޕްޓަނެއް ކަމަށްވާ، ސުލައިމާން ބުނި ގޮތުގައި މިހާރު މޫސުން ހުރި ގޮތަށް ބަލާއިރު އަތޮޅު ބޭރުން ދަތުރުކޮށްފިނަމަ، ބަނޑުން ޖަހާލުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ބަނޑުން ޖަހައިލި ނަމަވެސް އޮޑި ފެންމަތީގައި އޮންނާނެ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

"މީގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާނެ އެއް ގޮތަކީ. ކޮޅުވެއްޓީގެ ކުރިން ނަގާ ރާޅެއް އޮޑިއަށް އެރުން އެފަދަ ގޮތެއް ވެއްޖެނަމަ އަރިއަޅައިލުމުން ނުވަތަ ބަނޑުން ޖަހައިލުން ގާތް،" ސުލައިމާން ބުންޏެވެ.

"ކޮޅުވެއްޓީގެ އަޑި އަށް މުދަލެއް ނާރުވާނެ. ހުންނާނީ ޑެކުމަތީގައި އަތުރާފަ. އެހެންވެ، ބަނޑުން ޖެހިއަސް އޮންނާނީ ފެނުން މަތީގައި."

މި ވާހަކައާއެކު، ސުލައިމާން ބުނި ގޮތުގައި "މާރިޔާ ތިނެއް" ދުއްވަން ހުރި ކެޕްޓަން އާދަމް ނައީމް އަކީ އެ ފަދަ ކޮންމެ ކަމަކަށް ވެސް ލޯހުޅުވިފައިވާ މޮޅު މީހެކެވެ.

"އަޅުގަނޑު ނައީމް ދަންނަން، ނައީމްއަކީ ވަރަށް މޮޅު ކެޕްޓަނެއް. އެއީ ތަޖުރިބާ ކާރު މީހެއް. އެހެންވެ އަޅުގަނޑުވެސް ހައިރާންވެފައި މި ހުންނަނީ،" ނައީމްގެ، ރަހުމްތެރިއެއް ކަމަށްވާ، ސުލައިމާން ބުންޏެވެ.

"މާރިޔާ ތިނެއް" ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށް މިހާރު ވަނީ އިންޑިޔާ ސިފައިންގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރިއިރު، މި އުޅަނދަށް ކަމެއް ވެގެން އުޅޭކަމުގެ އެއްވެސް "ޑިސްޓްރެސް ކޯލްއެއް" ނުވަތަ ކަމެއް ވެގެން އުޅޭ ކަމުގެ އެއްވެސް އިންޒާރެއް ވެސް އެއް ވެސް ފަރާތަތަކަށް ލިބިފައިވާ ކަން މިހާތަނަށް އެނގިފައެއް ނެތެވެ. ވީއިރު މި އުޅަނދުގައި "ސީބީ ސެޓު" ހުރޭ ހެއްޔެވެ؟

ކޮންމެއަކަސް "މާރިޔާ ތިނެއް" ކޮޅުވެއްޓި އަށް ވީގޮތާމެދު އޮތީ އަދި އޮތީ ހުސް ސުވާލެވެ؟