ހަބަރު

ނާޒިމަށް ކުރި ހުކުމާ އެކު ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެއްޖެ

Apr 6, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށްލާން ކުރި ހުކުމާ އެކު އެ ދާއިރާގެ ގޮނޑި ހުސްވެއްޖެ އެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ނާޒިމް އުމުރަށް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރިއިރު ގާނޫނު އަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ އެ މީހަކު މެމްބަރުކަމުން ވަކިވާނެ އެވެ.

ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުން ގޮނޑި ގެއްލޭ ވަރުގެ ހުކުމެއް މެމްބަރެއްގެ މައްޗަށް އަޔަސް އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އެ ގޮނޑި ހުސްވީ ކަމަށް ނުބެލެވޭނެ އެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާގައި އެހެން ގޮތަކަށް ހުކުމް ބަދަލު ނުކުރާހާ ހިނދަކު އެ މެމްބަރަކަށް މަޖިލީހަކަށް ހާޒިރު ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ނާޒިމްގެ މައްޗަށް އެ ހުކުމްކުރީ އެންމެ މަތީ ކޯޓުން ކަމަށްވެފައި އެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތުމުން އެ ގޮނޑި ހުސްވީކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަދި މަޖިލީހުގެ އިދާރާއަކުން ވެސް މިހާތަނަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މީގެކުރިން މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ހުކުމަކުން ގެއްލިފައިވެ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ ގޮނޑި ގެއްލުނީ ކޮރަޕްޝަންގެ ކުށެއް ސާބިތުވެ، ދޮޅު އަހަރަށް އޭނާ އަރުވާލަން ހުކުމް ކުރުމުންނެވެ. ދެން ތިބި ތިން މެމްބަރުންގެ ގޮނޑި ގެއްލުނީ ސާބިތު ދަރަނީގެ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެނެވެ.