ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ފަރާތުން ހަމުގެ ބަލިތަކާއި ބެހޭ ސެމިނާއެއް ދ. ކަޑިންމަ ރިސޯޓްގައި ފަށައިފި އެވެ.
ސެމިނާގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް ވިދާޅުވީ މި ކަހަލަ ސެމިނާއެއް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގެ ސިއްހީ ނިޒާމަކީ ފުޅާ ނިޒާމެއް ނޫން ކަމުން މި ސެމިނާގެ ސަބަބުން އެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި މި ސެމިނާގައި ލިބިގެންދާ މައުލޫމާތުގެ އަލީގައި ސިއްހީ ނިޒާމް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
"މިކަހަލަ ސެމިނާއެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް ކުރި އެރުވުން. އަދި ސިއްހީ ނިޒާމް މިދަނީ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުން. މި ސެމިނާއިން މި ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ކުރިއަރަމުންދާ ސިއްހީ ދާއިރާގައި ފައި ހަރުކޮށްލަން ފަސޭހަ ވެގެންދާނެ" ހަބީބް ވިދާޅުވި އެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް ސާކް އެސޯސިއޭޝަން އޮފް އެސްތެޓިކް ޑަމެޓޯލަޖީ (އޭއޭޑީ) ގެ ޖެނެރަލް ސެކެރެޓަރީ ޑރ. ނީރަޖް ޕާންޑޭ ވިދާޅުވީ މި ސެމިނާ އަކީ ސާކް ގެ މެންބަރު ގައުމުތަކުގެ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެމިނާ އެއް ކަމަށެވެ. މި ސެމިނާގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލެވޭނީ ހަމުގެ ބަލިތަކާއި އެ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުން ކުރެވިދާނެ ބޭހުގެ އިތުރުން ފަރުވާ ދިނުމުގައި އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތްތަކާއި ބެހޭގޮތުން ކަމަށް ނީރަޖް ޕާންޑޭ ވިދާޅުވި އެވެ.
"މި ސެމިނާގެ މަގުސަދަކީ ސާކްގެ މެންބަރު ގައުމުތަކުގައި އެސްތެޓިކް ޑަމެޓޯލަޖީ ނުވަތަ ހަމުގެ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދީ އެކަމަށް ފަރުވާ ކުރެވޭނެ ގޮތް މަގުފަހި ކުރުން" ނީރަޖް ޕާންޑޭ ވިދާޅުވި އެވެ.
މި މަހު 22-19 އަށް ކުރިއަށް ދާ ސާކް އޭއޭޑީ ސަމާ ސިޕްމޯސިއަމް ސެމިނާގައި 291 ޑޮކްޓަރުން ބައިވެރިވެފައި ވެއެވެ. އެންމެ ގިނަ ޑޮކްޓަރުން ބައިވެރިވެފައި ވަނީ އިންޑިއާ އިން ނެވެ. މި ސެމިނާގައި ރާއްޖެގެ ޑޮކްޓަރުންވެސް ބައިވެރިވެފައި ވެއެވެ.